ކާބޯތަކެތި ވިއްކުމުގެ ހުއްދަ ނެތި ހުޅުމާލޭގައި ހިންގަމުން ދިޔަ ހަތަރު ތަނެއް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން ބަންދުކޮށްފިއެވެ.
އެމްއެފްޑީއޭއިން ކުރި ޕޯސްޓެއްގައި ބުނީ ހުޅުމާލޭގައި ހިންގާ ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން ބަލައިފާސްކުރުމުގެ ޚާއްސަ އޮޕަރޭޝަނެއް އެޗްޑީސީ އާ ގުޅިގެން އިއްޔެ އެ އޮތޯރިޓީން ކުރިއަށް ގެންދިޔަ ކަމަށެވެ. އެގޮތުން ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގާނޫނުގައި ބަޔާންކުރާ މިންގަނޑުތަކާ އެއްގޮތަށް ހިންގާތޯ އަދި ހުއްދަ ނެތި ހިންގާ ތަންތަން ވަނީ ދެނެގަނެފައެވެ.
މި އޮޕަރޭޝަނުގެ ތެރެއިން 26 ތަނެއް ބަލައިފާސްކުރި ކަމަށް އެމްއެފްޑީއޭއިން ބުންޏެވެ. އަދި ހުއްދަ ނެތި ހިންގަމުމް ދިޔަ ހަތަރު ތަނެއް ބަންދުކޮށްފައިވާ ކަމަށް އެމްއެފްޑީއޭއިން ބުންޏެވެ.
https://x.com/MFDA_mv/status/2115098062238748684
ފާހަގަކުރެވޭ ގޮތުގައި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ގަވައިދުތައް އެކުލަވައިލުމާއި ކާބޯތަކެތީގެ ރައްކާތެރިކަން މޮނިޓާކޮށް، ޓެސްޓުކުރުމަށް ބޭނުންވާ ފަންނީ ގާބިލުކަން އިތުރުކުރުމުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ މީގެ ކުރިން ވެސް ވިދާޅުވެފައެވެ.
ކާބޯތަކެތި ބޭނުންކުރާ ފަރާތްތަކުން ވެސް އެތަކެތީގެ ރައްކާތެރިކަމުގެ މައުލޫމާތު ހޯދައި، ގޭގޭގައި ކާބޯތަކެތި ގެންގުޅުމުގައި ރައްކާތެރި ގޮތްތައް އިސްކުރުމަށް ވެސް ރައީސް ވަނީ އެދިވަޑައިގެންފައެވެ.
ކާބޯތަކެތީގެ ރައްކައުތެރިކަމަށް އޮންނަ އިތުބާރު ކުޑަވާ ފަދަ ކަންކަން ރާއްޖޭގައި ދޭތެރެއަކުން ކުރެއެވެ. އެގޮތުން ސާފުތާހިރު ނޫން ތަންތަނުގައި ކާބޯތަކެތި ހަދައިގެން ވިއްކާ މައްސަލަތައް ދޭތެރެއަކުން ފެންމަތިވެއެވެ.