ފެނަކަ ކޯޕަރޭޝަނުން 'ބްލޭޒަން އިންކް'އާއެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުން، ނުނިމޭ މަސައްކަތަކަށް ފައިސާ ދޫކުރި މައްސަލައިގައި އެ ކުންފުނީގެ ކުރީގެ ޕްރޮކިއުމަންޓް ހެޑް މަރިޔަމް ދީނާގެ މައްޗަށް އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ޙުކުމެއް ކްރިމިނަލް ކޯޓުން އިއްވައިފިއެވެ.
މި މައްސަލައަކީ 2019 ވަނަ އަހަރު ބްލޭޒަން އިންކާ ހަވާލުކުރި މަސައްކަތްތައް ފުރިހަމަކުރިކަން ކަށަވަރުކުރުމެއް ނެތި ފައިސާ ދޫކުރި ކަމަށް ބުނެ، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގައި ދީނާގެ މައްޗަށް ދައުލަތުން އުފުލި ދަޢުވާއެކެވެ. މި ދަޢުވާ ސާބިތުވާ ކަމަށް ކޯޓުން ކުރިން ކަނޑައަޅާފައިވާއިރު، މިއަދު ބޭއްވީ އޭނާގެ މައްޗަށް އަދަބު ކަނޑައެޅުމުގެ އަޑުއެހުމެވެ.
އަދަބާ ގުޅޭގޮތުން ވާހަކަދައްކަމުން ދައުލަތުން އެދުނީ މި ކުށުގެ އަސާސީ އަދަބު ކަނޑައަޅައިދިނުމަށެވެ. އެގޮތަށް އެދުނީ މި މައްސަލައިން ދީނާއަށް ސީދާ މާލީ މަންފާއެއް ލިބިފައި ނެތުމާއި، އޭނާއަކީ ތުއްތު ކުދިންތަކެއް އެކަނި ބަލަހައްޓަމުން އަންނަ މައެއް ކަމަށް ވާތީ އަދަބު ބޮޑުކުރަން ބޭނުންނުވާތީ ކަމަށް ދައުލަތުން ބުންޏެވެ.
ދިފާޢީ ވަކީލު އެދިވަޑައިގަތީ ދީނާގެ ޞިއްޙީ ހާލަތަށާއި ޢާއިލީ މަސްއޫލިއްޔަތަށް ރިޢާޔަތްކޮށް، ޖަލު އަދަބުގެ ބަދަލުގައި ޖޫރިމަނާއެއް ނުވަތަ ގޭބަންދުގެ ލުއި އަދަބެއް ދިނުމަށެވެ. އެގޮތުން ނޭވާލާ ނިޒާމުގެ މައްސަލަތަކެއް ހުރުމުން ވައި ބަންދު ތަންތަނުގައި ނޫޅުމަށް ޑޮކްޓަރުން އިރުޝާދު ދީފައިވާކަން ވަކީލު ފާހަގަކުރެއްވިއެވެ.
ނަމަވެސް، މައްސަލަ ބެއްލެވި ޤާޟީ އާދަމް މުޙައްމަދު ނިންމެވީ އޭނާގެ މައްޗަށް ޖަލު އަދަބު ކަނޑައެޅުމަށެވެ. އެއީ ޖަލުގައި ނުބެހެއްޓޭނެ ފަދަ ޞިއްޙީ ހާލަތެއް އޮތް ކަމަށް އެއްވެސް ޑޮކްޓަރަކު ލިޔުމުން ބަޔާންކޮށްފައި ނެތުމުގެ އިތުރުން، މި ބާވަތުގެ ކުށްތަކަކީ މުޅި މުޖުތަމަޢުގެ މަޞްލަޙަތު ގެއްލި، ފަސާދައަށް މަގުފަހިވާ އަމަލުތަކަކަށް ވާތީ ކަމަށް ޤާޟީ ވިދާޅުވިއެވެ.
މި މައްސަލައިގައި ހިމެނޭ ފެނަކައިގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ސަޢީދުގެ މައްޗަށް ކުށް ސާބިތުވެ، މީގެ އަހަރެއްހާ ދުވަސް ކުރިން ވަނީ ހަތަރު އަހަރުގެ ޖަލު ޙުކުމެއް އިއްވާފައެވެ. ސަޢީދާއެކު ދީނާއަށް ޙުކުމް ކުރުން އޭރު ލަސްވެގެން ދިޔައީ، ޞިއްޙީ ހާލަތު ދަށަށް ގޮސް ހޮސްޕިޓަލުގައި އެޑްމިޓްކުރަން ޖެހުމާ ގުޅިގެންނެވެ.
މީގެ އިތުރުން ވެސް، 2018 ވަނަ އަހަރު ފެނަކައިގެ ގޮފިތަކުގައި ސީސީޓީވީ ކެމެރާއާއި ކޮންފަރެންސް ސިސްޓަމް ގާއިމުކުރުމުގެ މަޝްރޫޢު ކެއިރެޓްސޫ ޕްރައިވެޓް ލިމިޓެޑާ ޙަވާލުކުރުމުގައި ކޮރަޕްޝަން އެކުލެވޭ ކަމަށް ތުހުމަތުކުރެވޭ އެހެން މައްސަލައެއްގެ ޝަރީޢަތްވެސް ދީނާގެ މައްޗަށް ކްރިމިނަލް ކޯޓުގައި މިހާރު ދަނީ ހިނގަމުންނެވެ.