ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ނިންމެވުމާ އެއްގޮތަށް، ފެނަކަ ކޯޕަރޭޝަނުން ޔުޓިލިޓީގެ ޚިދުމަތް ދެމުންގެންދިޔަ ހުރިހާ ރަށެއް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) ގެ ދަށަށް ބަދަލުކުރި އެންމެ ފަހު ރަށުގެ ގޮތުން ލ. ފޮނަދޫގައި އެ މަސައްކަތް ނިންމާލައިފިއެވެ.
މިކަަށްޓަކައި ލ. ފޮނަދޫގައި އިއްޔެ ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ގައުމީ ދިދަ ނަންގަވައިދެއްވީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ޑރ. އަލީ އަޒުވަރެވެ. އަދި ސްޓެލްކޯގެ ދިދަ ނަންގަވައިދެއްވީ ކުންފުނީގެ ސަައުތު ރީޖަނަލް ޑިޕާޓްމަންޓުގެ ޖެނެރަލް މެނޭޖަރު އަހުމަދު ޝަރުނީޒެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްޑީ އަޒުވަރު ވަނީ، ރަށްތަކުގެ ޚިދުމަތްތަކާ އެ ކުންފުނިން ހަވާލުވުމުން ރައްޔިތުން މި ޚިދުމަތްތަކާމެދު ކުރާ އުއްމީދު ބޮޑުވެފައިވާކަން ފާހަގަކުރައްވާފައެވެ. އަދި މިއީ ރައީސްގެ ހަރުދަނާ ވިސްނުންފުޅާއި، ދުރުވިސްނޭ ސިޔާސަތުތަކުގެ ތެރެއިން ނިންމަވާފައިވާ ވަރަށް މުހިންމު އަދި ބޭނުންތެރި ނިންމެވުމެއްކަން ފާހަގަކުރައްވައި، ރައީސަށް ޝުކުރު އަދާކުރެއްވިއެވެ.
ލ. ފޮނަދޫގެ ޔޫޓިލިޓީ ޚިދުމަތް ސްޓެލްކޯއާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: ސްޓެލްކޯމީގެ އިތުރުން، ރައްޔިތުންގެ އުއްމީދުތައް ހާސިލްކޮށްދިނުމަށް ކުންފުންޏާއި ކުންފުނީގެ މުވައްޒަފުން ކެނޑިނޭޅި މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން، އަޒުވަރު ދެއްވިއެވެ.
މީގެ ކުރިން ސްޓެލްކޯއިން ޚިދުމަތް ދެމުން ގެންދިޔައީ މާލެ ސަރަހައްދުގެ އިތުރުން ކ. އަތޮޅު، އއ. އަތޮޅު، އދ. އަތޮޅުގެ އިތުރުން ވ. އަތޮޅުގައެވެ. އަދި ފެނަކަ އުވާލަން ސަރުކާރުން ނިންމުމުގެ ކުރިން ބ. އަތޮޅު، ޅ. އަތޮޅު އަދި މ. އަތޮޅުގެ ރަށްތަކުގެ ޚިދުމަތްތައްވެސް ސްޓެލްކޯގެ ދަށަށް ބަދަލުކޮށްފައިވެއެވެ.
އިއްޔެ ގެނެވުނު ބަދަލާއެކު، ބާކީ ހުރި އަތޮޅުތަކުގެ 127 ރަށެއްގެ ޔުޓިލިޓީ ޚިދުމަތްތައް މިހާރު ވަނީ ރަސްމީކޮށް ސްޓެލްކޯގެ ދަށަށް ގެނެސް ނިމިފައެވެ.
މި ރަށްތަކުގެ ހިންގުން ހަރުދަނާކޮށް، ސްޓެލްކޯގެ މިންގަނޑުތަކަށް ޚިދުމަތްތައް ފެއްތުމަށްޓަކައި ކުންފުނީގެ އިދާރީ އޮނިގަނޑަށް ބަދަލު ގެނެސް، އަތޮޅުތަކުގެ އިންޖީނުގެތައް ހިންގާ ބެލެހެއްޓޭނެ އެންމެ އެކަށީގެންވާ އޮނިގަނޑެއް އެކުލަވާލާ ތަންފީޒުކުރަން ފަށާފައިވާކަމަށް ސްޓެލްކޯއިން ބުނެއެވެ.
ފެނަކައިން ޚިދުމަތް ދެމުން އައި އަތޮޅުތެރޭގެ ރަށްތައް ސްޓެލްކޯގެ ދަށަށް ގެނައުމުގެ އަމަލީ މަސައްކަތުގައި އެ ކުންފުނީގެ ޖުމްލަ ހަތަރު ޓީމަކުން އަތޮޅުތެރޭގައި ހަރަކާތްތެރިވެފައިވާކަމަށް ސްޓެލްކޯއިން ބުނެއެވެ.
ލ. ފޮނަދޫގެ ޔޫޓިލިޓީ ޚިދުމަތް ސްޓެލްކޯއާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: ސްޓެލްކޯދައުލަތުގެ ހިއްސާ އޮތް ދެ ކުންފުނިކަމަށްވާ ފެނަކަ އާއި އާރުޑީސީ އުވާލައްވަން ނިންމަވައި، ރައީސް އެކަން އިޢުލާނުކުރައްވާފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހު، ރައީސް އޮފީހުގައި ނޫސްވެރިންނާ ބައްދަލުކުރައްވައެވެ.
މިކަން އިއުލާނުކުރައްވަމުން ރައީސް ވިދާޅުވެފައިވަނީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ފެނަކަ ނާޖާއިޒު ގޮތުގައި ބޭނުން ކޮށްފައިވާ ގޮތް އޮޑިޓް ރިޕޯޓުން ފެންނަން އެބައޮތް ކަމަށެވެ. އެ ކުންފުނީގެ ހާލަތު ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. ނަމަވެސް ދެމެހެއްޓެނިވި ގޮތެއްގައި އެކަން ކުރެވެން ނެތް ކަމަށް ފަންނީ ބޭފުޅުންގެ ލަފާ ލިބިވަޑައިގެންފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
މިކަމާ ގުޅިގެން ފެނަކައިން ވަނީ، ރޯދަ މަހުގެ ކުރިން މަސައްކަތްތައް ސްޓެލްކޯއާ ހަވާލުކޮށް ނިންމަން މަސައްކަތްކުރާނެ ކަމަށް ބުނެފައެވެ. އަދި މި މަރުހަލާގެ ތެރޭގައި އެކުންފުނީގެ އެއްވެސް މުވައްޒަފެއް ވަކި ނުކުރާނެކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.