ދައުލަތުގެ ފައިސާއިން "ބައެއް ބޭފުޅުން" އަމިއްލައަށް މުއްސަނދިވީއިރު، މި ސަރުކާރުން ކުރަނީ އެފަދަ ބޭފުޅުން ބަނގުރޫޓުކޮށްލި އިގުތިސާދު ކޮޅަށް ޖެހުމުގެ މަސައްކަތްތައް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ މިއަދު ވިދާޅުވެއްޖެއެވެ.
ވެރިކަން ކުރާ ކޮންގްރެސް ޕާޓީގެ ޗެއާޕާސަންކަން ވެސް ކުރައްވާ ޢަބްދުއްރަހީމް މަޖިލީހުގެ ޖަލްސާގައި އެހެން ވިދާޅުވީ، ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނަށް އިސްލާހު ގެންނަން ސަރުކާރުގެ ފަރާތުން ހުށަހަޅައިފައިވާ ބިލާ ގުޅިގެން އިދިކޮޅު އެމްޑީޕީގެ މެންބަރުން އުފެއްދެވި ސުވާލުތަކާ ގުޅިގެންނެވެ.
ފުނަދޫ ދާއިރާގެ ޕީއެންސީ މެންބަރު މުޙައްމަދު މަމްދޫހު ހުށަހެޅުއްވި އެ ބިލުގައި އިސްލާހު ގެންނަން އެދިފައި ވަނީ، ޓެކްސް ދައްކާ ފަރާތަކުން ޓެކްސް އެޕީލް ޓްރައިބިއުނަލަށް މައްސަލަ ހުށަހަޅަނީ، މީރާއިން ކަނޑައަޅައިފައިވާ އަދަދަކާ ގުޅިގެން ކަމަށްވާނަމަ، އެ މައްސަލައެއް އިސްތިއުނާފު ކުރެވޭނެ ގޮތާ ގުޅޭ ގޮތުންނެވެ. އެގޮތުން އިސްތިއުނާފު ކުރެވޭނީ، މީރާއިން ކަނޑައަޅައިފައިވާ ޓެކުހުގެ އަދަދުގެ ތެރެއިން ޓެކްސް ދައްކާ ފަރާތުން ޓްރައިބިއުނަލްގައި އިސްތިއުނާފު ކުރާ އަދަދުގެ 50 ޕަސެންޓާ އެއްވަރުގެ އަދަދެއް މީރާއަށް ދައްކައި ޚަލާސް ކުރުމަށް ފަހުގައި ކަމަށް ލިޔެފައިވެއެވެ.
އެ ބިލުގެ ބަހުސްގައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް (ކުޑޫ)އާއި ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ) ވަނީ ރައްޔިތުންގެ އަތުން ނަގާ ޓެކްސް ފައިސާއިން ސަރުކާރުން ކުރާ ކަންކަމާ މެދު ސުވާލު އުފައްދަވައިފައެވެ. އެގޮތުން ކުޑޫ ވަނީ، ފައިސާއިން ކުރަން އުޅޭ ކަންކަމުގެ ވާހަކަ ދައްކާއިރު، ނުކުރެވި އޮތް ކަންކަމުގެ ވާހަކަ ދައްކަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ކުޑޫއާއި ފިއްޓޭ ވެސް ވަނީ، ރައްޔިތުންނަށް އަސާސީ ބޭސް ނުލިބޭ ކަމަށާއި، ބޭސް ފަރުވާ ހޯދަން ދަތިވާ ކަމަށް ވިދާޅުވެފައެވެ. އަދި ފިއްޓޭ ވަނީ ޓެކްސްގެ ގާނޫނަށް އަވަސްއަވަހަށް ބަދަލު ގެންނަނަމަ ވިޔަފާރިވެރިންނާއި ރައްޔިތުންގެ އިތުބާރު ވެސް ގެއްލޭނެ ކަމަށް ވިދާޅުވެފައެވެ.
ފިއްޓޭގެ ވާހަކައަށް ފަހު ޢަބްދުއްރަހީމް ވަނީ، ދައުލަތުގެ ފައިސާއިން ސަރުކާރުން ކުރާ ކަންކަމާ ގުޅޭ ގޮތުން ރިޔާސަތަށް ވަރަށް ގިނައިން ސުވާލުތައް އަމާޒުކުރަމުންގެންދާކަން ފާހަގަކުރައްވައިފައެވެ. ނަމަވެސް އެއީ ރިޔާސަތުން ޖަވާބު ދޭން ޖެހޭ ސުވާލެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
"އެހެންނަމަވެސް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ ފައިސާ ހޯއްދަވައިގެން އެކި ބޭފުޅުން ކުރައްވާނީ އެކި ކަންކަމޭ. އެއްބައި ބޭފުޅުން މި ކުރައްވާ ކަމަކީ އެ ބޭފުޅުންގެ އަމިއްލަ ޖީބު ބޮޑުކުރައްވަނީ، އަމިއްލަ ކުންފުނިތައް މުއްސަނދި ކުރައްވަނީ،" ޢަބްދުއްރަހީމް ވިދާޅުވިއެވެ.
އެއާ ޚިލާފަށް، އެހެން ބޭފުޅުން ކުރައްވާ ކަމަކީ، އަމިއްލަ މުއްސަނދިކަން ހޯއްދެވި ބޭފުޅުން ބަނގުރޫޓުކޮށްލި ގައުމު އަލުން ސަލާމަތްކޮށް، އިގުތިސާދު ކޮޅަށް ޖެހުން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
"އެ ފައިސާއިން އެ ކަންކަން އެ މަގަށް ކުރީމާ މިއަދު ސަލާމަތުން އޮތް ގައުމެއް އަޅުގަނޑުމެންނަށް މި ލިބުނީ. އެއީ ރައްޔިތުންނާއި ގައުމަށް ޓެކްސް ފައިސާ ހޯދައިގެން މި ސަރުކާރުން ކޮށްދެއްވަމުން ގެންދަވާ ކަންތައްތަކަކީ،" ޢަބްދުއްރަހީމް ވިދާޅުވިއެވެ.
ދައުލަތުގެ ފައިސާއިން ބަޔަކު އަމިއްލަ މުއްސަނދިކަން ހޯދި ކަމަށް ޢަބްދުއްރަހީމް ތުހުމަތު ކުރެއްވި، އެއީ ކޮން ބަޔެއް ކަމެއް ފާހަގައެއް ނުކުރައްވައެވެ.
ރާއްޖޭގައި ކޮރަޕްޝަނުގެ އަމަލުތައް ވަރަށް ބޮޑަށް އިތުރުވެފައިވާކަމުގެ ކަންބޮޑުވުން އޮތްއިރު، ބައިނަލްއަގުވާމީ ކޮރަޕްޝަން އިންޑެކްސް (ސީޕީއައި)ގައި މިދިޔަ އަހަރު ރާއްޖެއަށް ލިބިފައިވަނީ 100އަކުން 39 މާކްސްއެވެ. އެ މާކްސްއާ ގުޅޭ ގޮތުން ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން މިދިޔަ ފެބުރުވަރީ މަހު ބުނެފައިވަނީ އެއީ ކަންބޮޑުވާންޖެހޭ މިންވަރެއް ކަމަށާއި އެއީ، ދައުލަތުގެ ނިޒާމުގެ ތެރޭގައި ކޮރަޕްޝަނަށް މަގުފަހިވާ ފަދަ ނާޒުކު ކަންތައްތަކެއް ހުރިކަން ހާމަކޮށްދޭ ކަމެއް ކަމަށެވެ.