ނަހުލާގެ އާ ފިލްމު "މަޖުނޫން" ގެ އަސަރުގަދަ ޓީޒަރާއި ޕޯސްޓަރު ބެލިންތަ؟

ކުޅަދާނަ ޕްރޮޑިއުސަރު ފާތިމަތު ނަހުލާގެ ކްރިސްޓަލް އެންޓަޓެއިންމަންޓުން އުފައްދާ އާ ފިލްމު “މަޖުނޫން” ގެ ފުރަތަމަ ޕޯސްޓަރާއި ޓީޒަރު ރަސްމީކޮށް އާންމުކޮށްފިއެވެ.

މި ތަކެތި އާންމުކޮށްފައިވަނީ މިދިޔަ އަންގާރަ ދުވަހު ބޭއްވި ހާއްސަ ހަފުލާއެއްގައެވެ. މިއީ ލޯބީގެ އަސަރުގަދަ ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ.

އާންމުކުރި ޓީޒަރު ފެށިގެންދަނީ ފިލްމުގެ ލީޑު އެކްޓަރު އަހްމަދު ޝާރިފްގެ އަސަރުގަދަ ޑައިލޮގަކުންނެވެ. "އެއްވެސް އެއްޗެއް މިއަދު އަތުގަ ނެތަސް، ލާނާއަށްޓަކައި ލޯބިން ފުރިފައިވާ ހިތެއް އަހަރެންގެ އެބަ އޮތް،" މި ޑައިލޮގުން ޓީޒަރު ފެށޭއިރު، ނިމިގެންދަނީ "އަހަންނަކީ ލޯބީގަ ދިވާނާވެފައި ހުރި މަޖުނޫނެއް،" މިހެން ޝާރިފް ބުނާ އަޑުންނެވެ. މި ޓީޒަރުން ޝާރިފް އަދި ލީޑު ބަތަލާ ޝިފާގެ ލޯބީގެ މަންޒަރުތަކެއް ފެނިގެންދެއެވެ.

މި ފިލްމުގެ މުހިންމު ރޯލުތަކުން ދިވެހި ފިލްމީ ދާއިރާގެ ހުނަރުވެރި ގިނަ ތަރިންތަކެއް ފެނިގެންދާނެއެވެ. އޭގެ ތެރޭގައި ވާޝިޔާ މުހައްމަދު، އަހްމަދު އީސަ (އާނަންދު)، ސާމީ ހުސައިން، އަދި މުހައްމަދު މަނިކު ހިމެނެއެވެ. މީގެ އިތުރުން ލާލީ އަދި އެވްލީ ވެސް މި ފިލްމުން ފެނިގެންދާނެއެވެ.

ޓީޒަރު އާންމުކުރުމަށް ބޭއްވި ހަފުލާގައި ވާހަކަދައްކަމުން ނަހުލާ ބުނީ، މިއީ މުޅި ކާސްޓާއި ކްރޫގެ ވަރަށް ބުރަ އަދި އިހުލާސްތެރި މަސައްކަތެއް ކަމަށެވެ. އަދި މިއީ ލާލީ އާއި އެވްލީގެ ދެވަނަ ފިލްމަށްވާއިރު، އެ ދެ ކުދިންގެ ފަރާތުން ވަރަށް ތަފާތު އަދި މޮޅު އެކްޓިންއެއް ފެނިގެންދާނެ ކަމަށް އޭނާ ފާހަގަކުރިއެވެ.

ނަހުލާ ބުނި ގޮތުގައި، ބެލުންތެރިން އޭނާގެ ފަރާތުން އަބަދުވެސް އުންމީދު ކުރަނީ އަސަރުގަދަ ލޯބީގެ ފިލްމުތަކަކަށް ވީއިރު، ކޮންމެ ފަހަރަކުވެސް މަސައްކަތް ކުރަނީ ތަފާތު ގޮތަކަށް އެފަދަ ފިލްމެއް ސިނަމާއަށް ގެނެސްދިނުމަށެވެ.

އެގޮތުން "މަޖުނޫން" އަކީ އާދައިގެ ލޯބީގެ ވާހަކައަކަށް ވުރެ ބޮޑަށް، ވަރުގަދަ އިހުސާސްތަކެއް އެކުލެވިގެންވާ، އެހެން ފިލްމުތަކަށްވުރެ ބުރަ މަސައްކަތްތަކެއް ކޮށްގެން ގެނެސްދޭ ތަފާތު އުފެއްދުމެއް ކަމަށް ނަހުލާ ބުންޏެވެ. މި ފިލްމު އޮލިމްޕަސް ސިނަމާގައި އެޅުވުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ އޮކްޓޯބަރު މަހުގެ 26 ވަނަ ދުވަހުއެވެ.

comment ކޮމެންޓް