އެލް ކްލެސިކޯ: އެމްބާޕޭގެ ބްރޭސްއާއެކު ބާސާއަށް ލީގުގައި ފުރަތަމަ ބަލި

ރޭ ކުޅުނު އެލް ކްލެސިކޯ މެޗުގެ ތެރެއިން--

ރޭ ކުޅުނު އެލް ކްލެސިކޯގައި ރެއާލް މެޑްރިޑްގެ ތަރި، ކިލިއަން އެމްބާޕޭ ކާމިޔާބުކުރި ދެ ލަނޑާއެކު، މި ސީޒަނުގެ ލަލީގާގައި ބާސެލޯނާ ފުރަތަމަ ފަހަރަށް ބަލިވެއްޖެއެވެ.

ބާސާގެ ސްޕޮޓިފައި ކޭމްޕް ނޫ ގައި ކުޅުނު މި މެޗު، ރެއާލުން ކާމިޔާބުކޮށްފައިވަނީ 1-2 ގެ ނަތީޖާއިންނެވެ.

މެޗުގައި 62 ޕަސެންޓް ބޯޅަ ހިފަހައްޓާފައި ވަނީ ބާސާއިން ނަމަވެސް އާދައިގެ މަތިން އޭގެ ބޭނުން އެންމެ އެދެވޭ ގޮތެއްގައި ހިފިފައެއް ނުވެއެވެ. އެޓީމުން މެޗުގައި ޖުމްލަ 12 ޝޮޓެއް ފޮނުވާލާފައިވާއިރު، އޭގެން ހަ ޝޮޓު ގޯލާ އަމާޒުވާ ގޮތެއް ނުވިއެވެ.

މިއާ ޚިލާފަށް، ރެއާލް އަތުގައި ބޯޅަ އޮތް ވަގުތުގެ ބޭނުން ހިފައިގެން އެޓީމުން އަށް ޝޮޓެއް ފޮނުވާލާފައިވާއިރު، އޭގެ ތެރެއިން ގޯލާ އަމާޒު ނުވެ ދިޔައީ އެންމެ ތިން ޝޮޓެވެ.

މެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑު ނަގާފައިވަނީވެސް ރެއާލުންނެވެ. އެގޮތުން، މެޗުގެ 41 ވަނަ މިނެޓުގައި އެމްބާޕޭގެ ފުރަތަމަ ލަނޑު ޖަހާފައިވަނީ ޔެން ޑިއޮމަންޑޭ ނަގައިދިން ހުރަހެއް، ބާސާގެ ޑިފެންޑަރެއް ފައިގައި ޖެހިފައި ނިކުތް ބޯޅައެއް ގޯލު ތެރެއަށް ފޮނުވާލައިގެންނެވެ.

ރޭ ކުޅުނު އެލް ކްލެސިކޯ މެޗުގެ ތެރެއިން--

މެޗުގެ 61 ވަނަ މިނެޓުގައި ބާސާގެ ރަފީނިއާ، މެޗުގެ ނަތީޖާ އެއްވަރުކޮށްދިން ނަމަވެސް މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ތިން މިނެޓަށް ވެފައި ވަނިކޮށް އެމްބާޕޭ ވަނީ އޭނާގެ ދެވަނަ ލަނޑު ޖަހައި، ރެއާލް މޮޅުކޮށްދީފައެވެ. މިއީ، ކީޕަރުވެސް ކުރިއަށް ނިކުމެ ހުއްޓައި، އެޑުއާޑޯ ކަމަވިންގާ ތަނަވަސްކޮށްދިން ފުރުސަތެއްގައި ހުސް ދާގަނޑެއް ތެރެއަށް ފޮނުވާލައިގެން ކާމިޔާބުކޮށްދިން ލަނޑެކެވެ.

މި މެޗު ފެށުމުގެ ކުރިން، ރެއާލްގެ ގޯލްކީޕަރު ތިބޯ ކޯޓޮއާއަށް ފްލޫގެ ސަބަބުން ނުކުޅެވޭނެ ޚަބަރު ލިބުންވީ ރެއާލްގެ ސަޕޯޓަރުންނަށް ކޮންމެވެސް ވަރެއްގެ ނުތަވަސްކަމެއް ގެނުވި ކަމަކަށެވެ. ނަމަވެސް އެޓީމުގެ ބަދަލު ކީޕަރު، އެންޑްރީ ލުނިންގެ މޮޅު ކުޅުމުން އެ ނުތަނަވަސްކަން ފިލުވާލަދިނެވެ.

މި ބައްޔާއެކު، ތާވަލުގައި ދެޓީމު ދޭތެރޭގައި އޮތް ޕޮއިންޓުގެ ފަރަގު މިވަނީ ތިން ޕޮއިންޓަށް ހަނިވެފައެވެ. ތާވަލުގެ އެއްވަނައިގައި ބާސާ އޮތީ 27 ޕޮއިންޓާއެކު އެވެ. ދެވަނައިގައި އެތުލެޓިކޯ، 25 ޕޮއިންޓާއެކު އޮތް އިރު، ރެއާލް ތިންވަނައިގައި އޮތީ 24 ޕޮއިންޓާއެކުއެވެ.

comment ކޮމެންޓް