ބާސާ އޮތީ އެލް ކްލެސިކޯއަށް ތައްޔާރަށް: ހަންސީ ފްލިކް

ބާސާގެ މެނޭޖަރު ހަންސީ ފްލިކް، އެޓީމުގެ ޓްރެއިނިންގް ސެޝަނެއް ތެރެއިން--

ޔުއޭފާ ޗެމްޕިއަންސް ލީގުގައި ޕެރިސް ސެއިންޓް ޖާމެއިން އަތުން ބަލިވި ނަމަވެސް ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅޭ ސީޒަންގެ ފުރަތަމަ އެލް ކްލެސިކޯއަށް ބާސެލޯނާ އޮތީ ފުރިހަަމއަށް ތައްޔާރަށް ކަމަށް އެޓީމުގެ ކޯޗު ހަންސީ ފްލިކް ބުނެފިއެވެ.

ސްޕެނިޝް ލަލީގާގައި ތާވަލުގެ އެންމެ ކުރީގައި އުޅޭ ދެޓީމު ކަމަށްވާ ބާސާ އާއި ރެއާލް މިރޭ ބައްދަލުކުރާ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ފްލިކް ބުނީ އެލް ކްލެސިކޯއަކީ މުޅިން ތަފާތު މެޗެއް ކަމަށެވެ. އޭނާ ގަބޫލުކުރާ ގޮތުގައި މިއީ ކުލަބް ފުޓުބޯޅައިގައި މުޅި ދުނިޔޭގައި ވެސް ކުޅޭ އެންމެ ފޯރިގަދަ ކުރިމަތިލުމެވެ. އަދި މި މެޗަކީ މުޅި ދުނިޔެ ވެސް އެ މެޗަކަށް އިންތިޒާރު ކުރާ މެޗެއްކަން ބާސާގެ ކޯޗު ފާހަގަކުރިއެވެ.

ފްލިކް ބުނީ އޭނާއާއި އޭނާގެ ކުޅުންތެރިން ތިބީ މި މުހިންމު މެޗަށް ވަރަށް ރަނގަޅަށް ތައްޔާރު ވެގެން ކަމަށެވެ. މި މެޗުން މޮޅުވުމުން ތިން ޕޮއިންޓް ލިބުނު ނަމަވެސް އެ ކާމިޔާބީގެ އުފާލަކީ ވަޒަން ނުކުރެވޭނެ އުފަލެއް ކަމަށް ފްލިކް ބުންޏެވެ.

މި މެޗުގައި އަނިޔާގެ ސަބަބުން ޖޫލްސް ކޮންޑޭ އާއި ޑެނީ އޮލްމޯއަށް ނުކުޅެވޭނެއެވެ. މި މެޗުން މޮޅުވެއްޖެ ނަމަ ބާސާ އާއި ރެއާލްގެ މެދުގައިވާ ފަރަގު ނުވަ ޕޮއިންޓަށް އިތުރު ވާނެއެވެ. ނަމަވެސް ރެއާލް މިމެޗު ކާމިޔާބު ކޮށްފި ނަމަ ދެޓީމުގެ ދެމެދުގައިވާ ފަރަގު ތިން ޕޮއިންޓަށް ކުޑަކުރުމުގެ ފުރުސަތުވެސް އޮންނާނެއެވެ.

އެންމެ ފަހުން ކުުނު ހަތް އެލް ކްލެސިކޯގެ ތެރެއިން ހަ މެޗު ކާމިޔާބު ކޮށްފައިވަނީ ބާސާއެވެ. މިމެޗާ ކުރިމަތިލާއިރު ބާސާ ވަނީ މިސީޒަންގައި ފުރަތަމަ ފަހަރަށް މެޗަކުން ބަލިވެފައެވެ. އެގޮތުން ޗެމްޕިއަންސް ލީގުގައި ޕީއެސްޖީއާ ބައްދަލުކުރި މެޗުން ބާސާ ބަލިވެފައިވަނީ 2-4 ގެ ނަތީޖާއިންނެވެ.

ރެއާލްގެ މެނޭޖަރު ހޯސޭ މޮރީނިއޯ، އެޓީމުގެ ޓްރެއިނިންގް ސެޝަނެއް ތެރެއިން--

މި މެޗާ ކުރިމަތިލާއިރު ގިނަ އަހަރު ތަކަކަށްފަހު އެލް ކްލެސިކޯއެއްގައި ރެއާލްގެ ބެންޗުން އެޓީމުގެ އެންމެ ކާމިޔާބު އެއް މެނޭޖަރުކަމަށްވާ ހޯސޭ މޮރީނިއޯ ފެންނާނެއެވެ. މީގެކުރިން 17 އެލް ކްލެސިކޯއެއްގައި ރެއާލްގެ ބެންޗުން މޮރީނިއޯ ފެނިފައިވެއެވެ. ނަމަވެސް މޮރީނިއޯ ބުނީ ރެއާލް އާއި ބާސާގެ މެދުގައި ކޮންމެ އަހަރަކު މަދުވެގެން ދެ އެލް ކްލެސިކޯ ކުޅެވޭއިރު ބެންޗުގައި އިންނަނީ ކާކުތޯ ބެލުން މުހިންމު ނޫން ކަމަށާއި މުހިންމީ މެޗު ކަމަށެވެ.

މޮރީނިއޯ ކުރިމަތިލި ފުރަތަމަ 10 އެލް ކްލެސިކޯގެ ތެރެއިން އެންމެ މެޗަކުން މޮޅުވި ނަމަވެސް އޭނާ އެންމެ ފަހުން ކުޅުނު ފަސް އެލް ކްލެސިކޯގައި ބާސާ އަތުން ބަލިވެފައެއް ނުވެއެވެ. އަދި އޭގެ ތެރެއިން ތިން މެޗު އޭނާ ވަނީ ކާމިޔާބު ކޮށްފައެވެ.

comment ކޮމެންޓް