މީހެއްގެ އެކައުންޓް ކޮމްޕްރޮމައިޒްކޮށްގެން ބޮޑެތި ޢަދަދުތަކުން ފައިސާ ނެގި ސްކޭމްގެ މައްސަލައެއްގައި މި އަހަރުގެ ޖަނަވަރީ މަހު ހައްޔަރުކުރި 10 މީހުންގެ ތެރޭގައި ހިމެނޭ، ގދ. ތިނަދޫ / ގުލްބަކާގެ، ޢަބްދުﷲ އިސްރާގް (19އ) ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފިއެވެ.
އިސްރާގްގެ މައްޗަށް ދައުލަތުން އުފުލި، އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދަޢުވާއަށް އޭނާ ވަނީ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހާއެކު އިޢުތިރާފުގެ އެއްބަސްވުމެއް ހަދައި، ޝަރީޢަތުގެ މަޖިލީހުގައި ކުށަށް އިޢުތިރާފުވެފައެވެ.
މި ކުށަށް ގާނޫނުގައި ކަނޑައަޅާފައިވާ އަސާސީ އަދަބަކީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު އަދަބެކެވެ. ނަމަވެސް، ވެފައިވާ އިޢުތިރާފުގެ އެއްބަސްވުމުގެ ދަށުން އޭނާއަށް ކަނޑައެޅުނީ ނުވަ މަހާއި 18 ދުވަހުގެ ޖަލު އަދަބެކެވެ.
މައްސަލައިގެ ތަޙުގީގަށާއި ޝަރީޢަތުގެ މަރުޙަލާގައި އޭނާ ބަންދުގައި ހޭދަކުރި ފަސް މަހާއި 15 ދުވަސް އަދަބުން އުނިކުރުމުން، ތަންފީޒުކުރަން ޖެހޭނީ ހަތަރު މަހާއި ތިން ދުވަހުގެ ޖަލު އަދަބެއް ކަމަށް ގާޟީ އިބްރާހީމް ޒިހުނީ ވަނީ ޙުކުމް ކުރައްވާފައެވެ.
މައްސަލައިގެ ފަސްމަންޒަރު: ޖަނަވަރީ މަހު ހިންގި ބޮޑު އޮޕަރޭޝަން
ދިވެހި ފުލުހުންގެ ޚިދުމަތުގެ އެންޓި ސްކޭމް ސެންޓަރާއި ގޭންގު ކްރައިމް އަދި އަތޮޅުތެރޭގެ ޕޮލިސް ސްޓޭޝަންތައް ގުޅިގެން މި އަހަރުގެ ޖަނަވަރީ މަހުގެ 21 ވަނަ ދުވަހުން ފެށިގެން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި އިސްރާގާއެކު ޖުމްލަ 10 މީހަކު ހައްޔަރުކުރިއެވެ. އެއީ މާލެއިން ހައްޔަރުކުރި ހަ މީހުންނާއި، އައްޑޫ ސިޓީން ހައްޔަރުކުރި ތިން މީހެއްގެ އިތުރުން ކ. ހިންމަފުށިން ހައްޔަރުކުރި މީހެކެވެ.
ފުލުހުން އޭރު ހާމަކުރި ގޮތުގައި، މި ނެޓްވޯކުން ވަނީ މީހެއްގެ ސޯޝަލް މީޑިއާ އެކައުންޓުތައް ކޮމްޕްރޮމައިޒްކޮށް، އޭނާގެ ހިއްސާ އޮންނަ ކުންފުނީގެ ބޭންކު އެކައުންޓުން 279,600 އަށްވުރެ ގިނަ ރުފިޔާ ނަގާފައެވެ. މި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ތެރެއިން:
- ހަ މީހުން: ސްކޭމް ފައިސާ އެ މީހުންގެ އެކައުންޓަށް ޖަމާކޮށްގެން ފައިސާ ނަގާފައިވޭ
- އެކަކު: އެ ފައިސާ އެކި ވިޔަފާރިތަކަށް ޖަމާކޮށް މުދާ ގަނެފައިވޭ
- ތިން މީހުން (އިސްރާގު ހިމެނޭހެން): އެކި މީހުން އޭޓީއެމްތަކަށް ގެންގޮސް، އެ މީހުން މެދުވެރިކޮށް އޭޓީއެމްއިން ފައިސާ ނެގުމަށްފަހު އެ ފައިސާތަކާ ހަވާލުވެފައިވޭ
ޝަރީޢަތުން ނިމުނު މައްސަލައިގެ ލިޔެކިޔުންތަކުން އެނގޭ ގޮތުގައި، އިސްރާގް ހަވާލުވެފައިވަނީ މީހެއްގެ އިންޓަނެޓް ބޭންކިން ކޮމްޕްރޮމައިޒްކޮށް، އާއިލީ ޖޮއިންޓް ޑޮލަރު އެކައުންޓަކުން އެކި ފަރާތްތަކުގެ އެކައުންޓަށް ޑޮލަރު ޖަމާކުރުމަށްފަހު، އޭޓީއެމް މެދުވެރިކޮށް ނެގި އެއަށްވާ ދިވެހި ފައިސާއާއެވެ.