ބޯހިޔާވަހިކަމަށް މީހުން އެދި އެދި ތިއްބައި ބޭރު ބަޔަކު އާބާދުކުރަން ރަސްމާލެ ދިނުމަކީ ވެވޭ ބޭއިންސާފެއް: ޢަލީ

ގާނޫނީ ވަކީލު ޢަލީ ޙުސައިން: ވިދާޅުވީ ބޯހިޔާވަހިކަމަށް މީހުން އެދިއެދި ތިއްބައި ބޭރުގެ ބަޔަކު އާބާދުކުރުމަށް ރާއްޖޭން ބިން ދިނުމަކީ ބޯހިޔާވަހިކަމަށް ބޭނުންވާ މީހުންނަށް ވެވޭ ބޭއިންސާފެއް ކަމަށް --- ސަން ފޮޓޯ/ މުޙައްމަދު ޝާތިއު ޢަބްދުﷲ

ބޯހިޔާވަހިކަމަށް މީހުން އެދިއެދި ތިއްބައި ބޭރުގެ ބަޔަކު އާބާދުކުރުމަށް ރާއްޖޭން ބިން ދިނުމަކީ ބޯހިޔާވަހިކަމަށް ބޭނުންވާ މީހުންނަށް ވެވޭ ބޭއިންސާފެއް ކަމަށާއި އެއީ އެ މީހުންގެ އުންމީދުތަކުގައި ކޮޅުފައިން ޖެހުން ކަމަށް، ގާނޫނީ ވަކީލު އަދި ކެންދޫ ދާއިރާގެ ކުރީގެ މެންބަރު ޢަލީ ޙުސައިން ރޭ ވިދާޅުވެއްޖެއެވެ.

އެކުވެރި ޢަރަބި އިމާރާތް (ޔޫއޭއީ)ގެ އީގަލް ހިލްސް ކުންފުންޏަށް ރަސްމާލޭން 500 ހެކްޓަރުގެ ބިން ދީގެން ހިންގާ މަޝްރޫއު ހުއްޓުވުމުގެ ގޮތުން ފެށި "ދިވެހީންގެ ބިން ދިވެހީންނަށް" ހަރަކާތުގެ ދަށުން ރޭ ބޭއްވި ފޯރަމުގައި މައުލޫމާތު ދެއްވަމުން ޢަލީ ވިދާޅުވީ ސިޔާސަތެއް ކަނޑައަޅާ ކަމަށް ވަންޏާ އެ ސިޔާސަތެއް ގެޒެޓުގައި ޝާއިއުކޮށް އާންމުކުރަންޖެހޭ ކަމަށާއި ގާނޫނުއަސާސީގައި އެކަން ސާފުކޮށް ބަޔާންކޮށްފައި އެބައޮތް ކަމަށެވެ.

https://sun.mv/229341

ރާއްޖޭގައި ބޭރު މީހުން އާބާދުކުރުމާ ގުޅޭ އެއްވެސް ސިޔާސަތެއް ވެސް ގާނޫނެއް ވެސް މިއަދާ ހިސާބަށް އައިއިރު އެކުލަވައިލައިފައިވާ ނެތް ކަމަށް ޢަލީ ވިދާޅުވިއެވެ. ބޭރު މީހުން ރާއްޖޭގައި އާބާދުކުރުމާ ގުޅޭ އެއްވެސް ގަވައިދެއް ވެސް ނެތް ކަމަށް ބަންޑާރަނައިބު އަޙްމަދު އުޝާމް ވިދާޅުވެފައިވާ ކަން ޢަލީ ފާހަގަކުރެއްވިއެވެ.

ގާނޫނުގައި ނެތް ކަމެއް އަދި ހާމަކޮށްފައި ނެތް ސިޔާސަތެއްގެ މައްޗަށް ބިނާކޮށް ކަމެއް ކުރުމުގެ ބާރު ގާނޫނުއަސާސީން އެއްވެސް މީހަކަށް ނުލިބޭ ކަމަށް ޢަލީ ވިދާޅުވިއެވެ. ރަސްމާލެ ހިއްކަނީ ދިވެހީންގެ ފައިސާ ބޭނުންކޮށްގެން ކަމަށާއި އެހެންކަމުން އެއީ ދިވެހީންގެ ބިމެއް ކަން ފާހަގަކޮށް ޢަލީ ވިދާޅުވީ އެ ބިމުގައި ކޮންމެ މުއާމަލާތެއް ކުރަން ޖެހޭނީ ގާނޫނުއަސާސީގައިވާ ގޮތުގެ މަތިން ކަމަށެވެ.

"މި ބޭފުޅުން ކޮށްގެން މި އުޅޭ ކަމަކީ ގާނޫނުއަސާސީއާ ހަމަ ކަނޑައެޅިގެން ޚިލާފަށް ކޮށްގެން އުޅޭ ކަމެއް، ހިންގައިގެން އުޅޭ ޖަރީމާއެއް އެއީ،" އޭނާ ވިދާޅުވިއެވެ.

ޢަލީ ވިދާޅުވީ ބޭރުގެ އެއްވެސް ބަޔަކަށް ބިމެއް މިލްކުކުރުން ގާނޫނުއަސާސީން މަނާކުރާ ކަމަށެވެ. ބިމާ ބެހޭ ގާނޫނަށް ބެލިޔަސް ބިމާ ގުޅޭ ހުރިހާ މުއާމަލާތެއް ކުރަން ޖެހޭނީ ގާނޫނުގައިވާ ގޮތުގެ މަތިން ކަމަށް ބުނާއިރު، ބޭރުގެ ފަރާތްތައް އާބާދުކުރުމުގެ ވާހަކަ ކަނޑައަޅައިފައި އޮތީ ކޮން ގާނޫނެއްގައިތޯ ޢަލީ ވަނީ ސުވާލު އުފައްދަވައިފައެވެ.

ދިވެހީން ތިބީ ބިމަށް އިންތިހާއަށް ބޭނުންވެފައިކަން ފާހަގަކުރައްވައި ޢަލީ ވިދާޅުވީ ސަރުކާރުން އީގަލް ހިލްސްއަށް ދީގެން އުޅޭ 53 މިލިއަން އަކަފޫޓުގެ ބިމުގެ އަގު 20 ބިލިއަން ޑޮލަރަށް ބާޒާރު އަގުގައި އަރާ ކަމަށެވެ.

"ހަމަ ގައިމު ވެސް އަޅުގަނޑަށް ހީވަނީ ރައްޔިތުންގެ ފަރާތުން ސަރުކާރަށް ނުދެވޭނެ ކޮންމެވެސް އެއްޗެއް [މުޙައްމަދު] އަލްޢައްބާރު ދޭތީވެ މިކަން މި ކުރަނީ، ރައްޔިތުން ވޯޓުދޭން ތިބީ، ރައްޔިތުން ތާއީދުކުރަން ތިބީ، ރައްޔިތުން މި ސަރުކާރަށް ލޯބިދޭން ތިބީ، ރައްޔިތުން މި ސަރުކާރު ދެވަނަ ފަހަރަށް ހޮވަން މި ތިބީ، އެކަމަކު ރައްޔިތަކަށް ދިނުމެއް ނެތި ރައްޔިތުން އެދިއެދި ތިއްބައި، އެތަކެއް ހާސް ބަޔަކު ފޯމު ހުށަހަޅައިފައި އޮއްވައި އެ ފޯމުތައް ހުރިތާ ބަހައްޓައިފައި ދެބައިކުޅަ އެއްބައި ބިން ނަގައި ބޭރު މީހަކަށް ދޭން މި ޖެހެނީ ގަމަ ޔަގީނުން ވެސް ރައްޔިތުންގެ ފަރާތުން ސަރުކާރަށް ނުދެވޭނެ ނުލިބޭނެ އެއްޗެއް އަލްޢައްބާރުގެ ފަރާތުން ލިބޭތީ،" ޢަލީ ވިދާޅުވިއެވެ.

ޢަލީ ވިދާޅުވީ ބޭރުން އެއްލައްކަ މީހުންގެ އާބާދީއެއް އައިސް ރަސްމާލެ އެކުލަވައިލެވުނީމައި އެ މީހުން ބުނާ ކަންކަން ނުކޮށް ފަރަކު ނުޖެހޭނެ ކަމަށެވެ.

މިއަދު ވެސް މާލެ ސަރަހައްދަށް ބެލި ކަމުގައި ވިޔަސް ބޯހިޔާވަހިކަމުގެ އަގު ބޮޑުކަން ޢަލީ ފާހަގަކުރެއްވިއެވެ. ދުނިޔޭގެ ނިސްބަތުން ބޮޑެތި ސިޓީތަކާއި މާލެއާ އަޅާބަލާއިރު މާލޭގެ ކުލި އޮންނަނީ އެ ސިޓީތަކާ ދާދި އެއް މިނެއްގައި ކަމަށް ޢަލީ ވިދާޅުވިއެވެ. އަދި ބޯހިޔާވަހިކަމުގެ އަގު އިތުރަށް އުފުލޭނެ ކަމަށް ޢަލީ ވިދާޅުވިއެވެ.

"އެހެންވީމާ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ބޭރު ބަޔަކަށް މިގޮތަށް ބޭރު ބަޔަކު އާބާދުކުރުމަށްޓަކައި މި ދޭ ދިނުމަކީ ހަގީގަތުގައި ދިވެހީންނަށް ވެވޭ ބޭއިންސާފެއް، މި ހިސާބު ވަކިން ޚާއްސަކޮށް މާލޭ ސަރަހައްދުން ބޯހިޔާވަހިކަން ބޭނުންވާ މީހުންނަށް ވެވޭ ވަރަށް ބޮޑު ބޭއިންސާފެއް، އަދި އެ މީހުންގެ އުންމީދުތަކުގައި ހަގީގަތުގައި ކޮޅުފައިން ޖެހުން،" އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް