ޕްރަބާސްގެ ފިލްމު 'ފައުޒީ'ގެ ޓީޒާ ދައްކާލައިފި

އިންޑިއާގެ މަގުބޫލު އެކްޓަރު ޕްރަބާސްގެ 47 ވަނަ އުފަންދުވަހާ ގުޅުވައިގެން، އޭނާގެ ކުރިއަށް އޮތް ތާރީޚީ އެކްޝަން ފިލްމު "ފައުޒީ"ގެ ފުރަތަމަ ޕޯސްޓަރާއި ޓީޒާ އާންމުކޮށް ސަޕޯޓަރުންނަށް ޚާއްސަ ހަދިޔާއެއް ދީފިއެވެ. އިނގިރޭސި އިސްތިއުމާރާ ދެކޮޅަށް ކުރި ވަރުގަދަ ހަނގުރާމައިގެ ވާހަކަ ދައްކުވައިދޭ މި ފިލްމު ސިނަމާތަކަށް ގެނައުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ މާޗް މަހުގެ 19 ވަނަ ދުވަހުއެވެ.

ދެ މިނެޓާއި 31 ސިކުންތުގެ މި ޓީޒާއިން ފެނިގެންދަނީ، އިންޑިއާގެ މިނިވަންކަމުގެ ކުރީގެ ދުވަސްވަރު އިނގިރޭސި ވެރިކަމާ ދެކޮޅަށް ކޮލްކަޓާއިން ތެދުވި ކެރޭ، ބާޣީ ސިފައިންގެ މީހެއްގެ ރޯލުން ޕްރަބާސް ފެންނަ މަންޒަރެވެ. "އިންޑިއާގެ އެންމެ ބޮޑު ބާޣީ ސިފައިންގެ މީހާ"ގެ ގޮތުގައި ސިފަކޮށްފައިވާ މި ކެރެކްޓަރަކީ، 1932 ވަނަ އަހަރުން ފެށިގެން އިނގިރޭސި ދައުލަތުން އެންމެ ހޯދަން ބޭނުންވެފައިވާ ނުރައްކާތެރި ހަނގުރާމަވެރިޔާއެވެ.

މި ޓީޒާ ފެށެނީ ޖަރުމަނުގެ ބާލިންގައި އެޑޮލްފް ހިޓްލަރާއި ނެތާޖީ ސުބާޝް ޗަންދްރަ ބޯސް، އިނގިރޭސިންނާ ގުޅިގެން އިންޑިއާގައި ހިންގަމުންދިޔަ އަނިޔާވެރިކަމާ ގުޅޭގޮތުން ބާއްވާ މަޝްވަރާތަކުންނެވެ. އެއަށްފަހު، އިނގިރޭސި އެމްޕަޔަރާ ދެކޮޅަށް އެކަނިމާއެކަނި ނުކުންނަ މި ހަނގުރާމަވެރިޔާގެ ވަރުގަދަ ކުރިމަތިލުންތަކާއި މިނިވަންކަމުގެ ދިފާއުގައި ކުރާ ޖިހާދު ދައްކުވައިދެއެވެ.

ފިލްމު "ފައުޒީ"ގެ ޕޯސްޓަރެއްގައި ޕްރަބާސް--ފޮޓޯ/ޕިންކްވިލާ

ޓީޒާގެ އެންމެ ފާހަގަކޮށްލެވޭ އެއް ބަޔަކީ އިނގިރޭސިންނަށް އަމާޒުކޮށް ޕްރަބާސް ބުނާ ވަރުގަދަ ޑައިލޮގްތަކެވެ. މި ޑައިލޮގްތަކުން ދައްކުވައިދެނީ އަޅުވެތިކަމަށް ބޯނުލަނބައި، މިނިވަންކަމަށްޓަކައި ކޮންމެފަދަ ޤުރުބާނީއެއް ވާންވެސް އޭނާ ތައްޔާރަށް ހުރި މިންވަރެވެ.

ފިލްމުގެ ޕްރޮމޯޝަންގެ ތެރެއިން އާންމުކުރި ޕޯސްޓަރުން ފެންނަނީ، އަލިފާނުގެ ތެރޭގައި ވިދާ ރަނުގެ ފައިސާ ފޮއްޗެއްގައި އަސްކަރީ ޔުނީފޯމުގައިވާ ޕްރަބާސްގެ ސޫރައެވެ. އެ ޕޯސްޓަރުގައި އޭނާ ސިފަކޮށްފައިވަނީ "އެކަނި ހަނގުރާމަކުރާ ފައުޖެއް" އަދި "1932 އިން ފެށިގެން އެންމެ ބޮޑަށް ހޯދަން ބޭނުންވާ މީހާ"ގެ ގޮތުގައެވެ.

ހާނޫ ރާގަވަޕޫޑީ ޑައިރެކްޓްކުރާ "ފައުޒީ" އަކީ މައިތުރީ މޫވީ މޭކާސް އާއި ޓީ-ސީރީޒް ގުޅިގެން ޕްރޮޑިއުސްކުރާ ފިލްމެކެވެ. މި ފިލްމުގެ ޕްރޮޑިއުސަރުންނަކީ ނަވީން ޔެރްނޭނީ، ވައި ރަވީ ޝަންކަރު އަދި ބޫޝަން ކުމާރެވެ.

comment ކޮމެންޓް