ބޮލީވުޑްގެ ކާމިޔާބު ޕްރޮޑިއުސަރު/ޑައިރެކްޓަރު، ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަންގެ މަޤުބޫލު ފްރެންޗައިޒް 'ސްޓޫޑެންޓް އޮފް ދި އިޔާ'ގެ ތިންވަނަ ބައި، ޑާކް ވެބް ސީރީޒެއްގެ ގޮތުގައި ގެނެސްދޭން ނިންމައި އެކަން ރަސްމީކޮށް އިއުލާންކޮށްފިއެވެ.
'ސްޓޫޑެންޓް އޮފް ދި އިޔާ: އާފްޓަ ޑާކް'ގެ ނަމުގައި އުފައްދާ މި ސީރީޒް ޖިއޯ ހޮޓްސްޓާ މެދުވެރިކޮށް ޕްރިމިއާ ކުރުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ 13 ވަނަ ދުވަހުއެވެ.
ރީމާ މާޔާ ޑައިރެކްޓްކޮށްފައިވާ މި ސީރީޒްގެ މައި ރޯލުން ފެނިގެންދާނީ ކުރީގެ ފިލްމީ ތަރި ސަންޖޭ ކަޕޫރުގެ ދަރިފުޅު، ހުނަރުވެރި ޒުވާން ބަތަލާ ޝަނާޔާ ކަޕޫރެވެ. މިއީ އޭނާގެ ފުރަތަމަ ވެބް ސީރީޒް ކަމަށްވާއިރު، ރިޕޯޓްތައް ބުނާ ގޮތުގައި މި ސީރީޒްގައި ޝަނާޔާ ކުޅެން ހަމަޖެހިފައިވަނީ ޑަބަލް ރޯލެކެވެ.
ޢުމުރުން 26 އަހަރުގެ ބަތަލާ ބޮލީވުޑަށް ތަޢާރަފުވީ މިދިޔަ އަހަރު ރިލީޒްކުރި ފިލްމު "އާންކޯ ކީ ގުސްތާކިޔާ"އިންނެވެ. އަދި އޭގެ ފަހުން މި އަހަރުގެ ކުރީކޮޅު ރިލީޒްކުރި ސަވައިވަލް ތްރިލާ "ތޫ ޔާ މޭ" އިންވެސް އޭނާ ވަނީ ފެނިގެން ގޮސްފައެވެ. ބޮލީވުޑްގެ މަޝްހޫރު ތަރިން ކަމަށްވާ ސޯނަމް ކަޕޫރާއި، އަރުޖުން ކަޕޫރު، ޖާންވީ ކަޕޫރު އަދި ޚުޝީ ކަޕޫރުގެ ދެބެއިންގެ ދެދަރި ކޮއްކޮއެއް ކަމަށްވާ ޝަނާޔާ، ފުރަތަމަ ބޮލީވުޑަށް ތައާރަފުކުރުމަށް ކަރަން ޖޯހަރް ކުރިން ވެސް މަސައްކަތް ކުރިއެވެ.
ދަރުމާއިން 2012 ވަނަ އަހަރު ރިލީޒްކުރި ކާމިޔާބު ފްރެންޗައިޒް 'ސްޓޫޑެންޓް އޮފް ދި އިޔާ'ގެ ފުރަތަމަ ފިލްމުގެ ބަތަލާ އާލިއާ ބަޓް-- ފޮޓޯ/ ފޭސްބުކްއެގޮތުން 2021ގައި ޝަޝާންކް ކައިތާން ޑައިރެކްޓްކޮށް، ލަކްޝް ލަލްވާނީ އާއި ގުރްފަތޭ ޕިރްޒާދާއާ އެކު އިއުލާންކުރި "ބޭދަޅަކް"ގެ މަސައްކަތް ފަހުން ވަނީ އެކި ސަބަބުތަކާ ހުރެ ހުއްޓާލައިފައެވެ. އެހެންކަމުން މިއީ ދަރުމާގެ އުފެއްދުމަކުން ޝަނާޔާ ފެންނާނެ ފުރަތަމަ ފަހަރެވެ.
ދަރުމާގެ ކާމިޔާބު ފްރެންޗައިޒް 'ސްޓޫޑެންޓް އޮފް ދި އިޔާ' ފެށިގެން އައީ 2012 ވަނަ އަހަރު ކަރަން ޑައިރެކްޓްކުރި ފުރަތަމަ ފިލްމުންނެވެ. އެއީ މިހާރުގެ އޭ-ލިސްޓް ތަރިން ކަމަށްވާ އާލިއާ ބަޓް އާއި ވަރުން ދަވަންގެ އިތުރުން ސިދާތު މަލްހޯތުރާ ފިލްމީ ދާއިރާއަށް ތަޢާރަފުވި މަޤުބޫލު ފިލްމެވެ. އޭގެ ފަހުން 2019ގައި، ޓައިގާ ޝްރޮފް އާއެކު ޕުނީތު މަލްހޯތުރާ ޑައިރެކްޓްކުރި 'ސްޓޫޑެންޓް އޮފް ދި އިޔާ 2' އިން ވެސް ވަނީ ދެ ބަތަލާއިން ކަމަށްވާ އަނަންޔާ ޕާންޑޭ އަދި ތާރާ ސުތާރިއާ ބޮލީވުޑަށް ތައާރަފުކޮށްފައެވެ.