ޝާހްރުކް ޚާނާއި ދީޕިކާ ޕަދުކޯން އެކުގައި ފެންނަ 'ކިންގް' ފިލްމުގެ ޚާއްސަ ލަވައެއް މުމްބާއީގައި އަންނަ ހޯމަ ދުވަހު ޝޫޓްކުރަން ފަށަން ތައްޔާރުވެއްޖެއެވެ.
ވެރައިޓީ އިންޑިއާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ހަފުތާއަކަށް ދެމިގެންދާ މި ޝޫޓިންގައި ފިލްމުގެ ހުރިހާ ތަރިން ބައިވެރިވާނެ ކަމަށް ބެލެވޭއިރު، މި ލަވައިގެ ކޮރިއޮގްރަފީ ހަދަނީ ވައިބަވީ މާޗަންޓްއެވެ. އެ ލަވަ ޝޫޓްކުރުމަށް ތައްޔާރީތައް ވަމުންދާ ކަމަށާއި، މިއީ ޝާހުއާއެކު ވައިބަވީ މާޗަންޓް މަސައްކަތްކުރާ އަށްވަނަ ފަހަރު ކަމަށްވެސް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. މީގެ ކުރިން 'ޖަވާން' ފިލްމުގައި ވެސް އޭނާ ވަނީ ޝާހުއާއެކު މަސައްކަތްކޮށްފައެވެ.
ސިދާރްތު އާނަންދު ޑައިރެކްޓްކުރާ އެކްޝަން ތުރިލާ ފިލްމު 'ކިންގް' އަކީ 2023 ވަނަ އަހަރު ނުކުތް 'ޑަންކީ'އަށް ފަހު ސިނަމާތަކަށް އަންނަ ޝާހުގެ ފުރަތަމަ ފިލްމެވެ. މީގެ ކުރިން 'އޯމް ޝާންތީ އޯމް'، 'ޗެންނާއީ އެކްސްޕްރެސް'، 'ހެޕީ ނިއު އިޔާ'، 'ޕަޓާން' އަދި 'ޖަވާން'ގައި އެކުގައި މަސައްކަތްކޮށްފައިވާ ޝާހުއާއި ދީޕިކާ އަލުން އެކުގައި ފެންނަ މި ފިލްމުގެ މުހިންމު ރޯލުތަކުން ސުހާނާ ޚާން، އަބީޝެކް ބައްޗަން، އަބޭ ވަރުމާ، އަރްޝަދު ވަރުސީ، ރާނީ މުކަރްޖީ އަދި ޖައިދީޕް އަހްލާވަތު ފެންނާނެއެވެ.
އެ ފިލްމު ސިނަމާތަކުގައި ރިލީޒްކުރުމަށް ހަމަޖެހިފައި ވަނީ ޑިސެންބަރު 24 ގައެވެ.
އެ ފިލްމަކީ ދީޕިކާއާއި އޭނާގެ ފިރިމީހާ ރަންވީރު ސިންގްއަށް ދެވަނަ އަންހެން ދަރިފުޅު ލިބުނު ފަހުން ދީޕިކާ ފިލްމީ މަސައްކަތުން އަލުން ފެންނާނެ ފުރަތަމަ ފިލްމެވެ. ނޮވެންބަރު 2018 ގައި އިޓަލީގެ ލޭކް ކޯމޯގައި ކައިވެނިކުރި މި ދެ ތަރިންގެ ފުރަތަމަ އަންހެން ދަރިފުޅު ދުއާ އުފަންވީ ސެޕްޓެންބަރު 8، 2024 ގައެވެ. އެ ދެމަފިރިންނަށް ދެވަނަ އަންހެން ދަރިފުޅު މިދިޔަ މަހު 19 ގައި އުފަންވިއިރު، އެ ކުއްޖާއަށް ދީފައިވާ ނަމަކީ ދޭވީއެވެ.