މިއީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމުގައި ހުންނަވަންވީ ވަގުތެއްނޫން ކަމަށާއި އެމަނިކުފާނު ވެރިކަމުގައި ބެހެއްޓުމަކީ ލިބޭނެ ބޮޑު ގެއްލުމެއް ކަމަށް، ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއާޕާސަން މުޙައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.
އައްޑޫ ހުޅުދުއަށް ވަޑައިގެން ދެއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނަޝީދު ވިދާޅުވީ މި ސަރުކާރު އައި ފަހުން ހުޅުދޫގައި ވޭތުވެދިޔަ ތިން އަހަރު ހިިންގުނު އެއްވެސް މަޝްރޫއެއް، އެ ރަށަށް ލިބުނު އެއްވެސް ކުރިއެރުމެއް ފެންނަން ނެތް ކަމަށެވެ. ސަރުކާރު ހިއްސާވާ ކުންފުނިތަކުން ވަޒީފާ ދެވިފައި އެބަހުރި ކަމަށާއި ނަމަވެސް ސިނާއަތެއް ތައާރަފުކޮށް ދެމެހެއްޓެނިވި ގޮތުގައި ތަނަވަސްކަން އިތުރުކުރުމަށް ކުރި އެއްވެސް މަސައްކަތެއް ފެންނަން ނެތް ކަމަށް ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ ސަރުކާރުގެ ސިޔާސަތުގެ ސަބަބުން ހުޅުދޫ ރައްޔިތުން ހިމެނޭހެން ހުރިހާ ދިވެހީންނަށް ގެއްލުންވަމުން އަންނަ ކަމަށެވެ. އެގޮތުން ތަކެތީގެ އަގު 20 އިންސައްތައާއި 30 އިންސައްތައާ ދެމެދަށް އަގު އުފުލިފައިވާ ކަމަށް ހުޅުދޫގެ ބައެއް ވިޔަފާރިވެރިން ބުނި ކަމަށް ވިދާޅުވިއެވެ. ތަކެތީގެ އަގުތައް އުފުލެނީ އެމަނިކުފާނު ވިދާޅުވި ގޮތުގައި ޑޮލަރުގެ މައްސަލަ ހައްލުނުވުމާއި މަޝްރޫއުތައް ނުހިނގުން ފަދަ ކަންކަމާ ހެދިއެވެ.
މިއަދު ވެރިކަންކުރާ ޕީއެންސީއަށް ވޯޓު ދިނުމުގެ ބޭނުމެއް ނެތް ކަމަށް ވިދާޅުވެ، މި ސަރުކާރުގެ ސިޔާސަތުތަކުގައި އެއްވެސް އަމާޒެއް ނެތް ކަމަށް ނަޝީދު ސިފަކުރެއްވިއެވެ.
މި ވަގުތު ރާއްޖޭގެ ބޭނުންކުރެވޭ ރިޒާވްގައި ދެ ހަފުތާއަށް ތަކެތި އެތެރެކުރާ ވަރަށް ވެސް ފައިސާ ނެތް ކަމަށް ނަޝީދު ވިދާޅުވިއެވެ. ބޭރުގެ ޓުއާ އޮޕަރޭޓަރުން ޓެކްސް ނަގަން ނިންމި ނިންމުން ވެސް އެ ފަރާތްތަކުގެ ކަންބޮޑުވުންތަކާ ހެދި އެންމެ ފަހުން އުވައިލަން ސަރުކާރުން ނިންމިކަން ވެސް ފާހަގަކުރެއްވިއެވެ.
"އަޅުގަނޑު ދަންނަވާނީ މިއީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ގޮތުގައި ހުންނަންވީ ވެސް ވަގުތެއްނޫން، އެ ބޭފުޅާ އެބަ ފައިބައިވަޑައިގަންނަވަންޖެހޭ، އަޅުގަނޑުމެންގެ ރާއްޖެ މިސްރާބު ހިފައިފައި މި ވަނީ ވަރަށް ނާޒުކު ނުރައްކާތެރި ކަންތައްތަކުގެ ތެރެއަށް،" އެމަނިކުފާނު ވިދާޅުވިއެވެ.
އެއަށްފަހު ނަޝީދު ވަނީ ރައީސް މި ހަފުތާގައި ޕާކިސްތާނަށް ރައީސް ކުރެއްވި ދަތުރުފުޅަށް ވެސް އަލިއަޅުވައިލައްވައިފައެވެ.
އެގޮތުން ދުނިޔޭގެ މަސްރަހު މިހާރު އޮތް ގޮތުން ރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކަށް ދިމާވާ ނުރައްކާތެރިކަން ބޮޑު ކަމަށް ވިދާޅުވެ ރައީސް ޕާކިސްތާނަށް ވަޑައިގެން އިންޑިއާއާއި ޕާކިސްތާނުގެ ޒަމާންވީ ދެބަސްވުމުގެ ތެރެއަށް ރާއްޖެ ގެންނަވައިފި ކަމަށް ނަޝީދު ވިދާޅުވިއެވެ. މިއީ ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށް އޮތް ގޮންޖެހުމެއް ކަމަށާއި، އިންޑިއާއަށް އެ މީހުންގެ ސަލާމަތާއި ރައްކާތެރިކަން ގެއްލޭކަން ފެންނަ ނަމަ އެކަމުގެ ހިތި އަސަރު ރާއްޖެއަށް ވެސް ކުރާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.
"އަނެއްކާ ވެސް އަޅުގަނޑަށް ދެންނެވޭނީ ތަކުރާރުކޮށް، ޑރ. މުޙައްމަދު މުޢިއްޒު މިހާރު ރާއްޖޭގެ ވެރިކަމުގައި ބެހެއްޓުމަކީ ދިވެހީންނަށް އޮތް ވަރަށް ބޮޑު ގެއްލުމެއް،" އެމަނިކުފާނު ވިދާޅުވިއެވެ.