އަދި ވެސް މޫސުން އައްޔެއް ނުވޭ، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެދާނެ: މެޓް

ވިއްސާރަ ދުވަހެއްގައި މީހަކު ކޯޓެއް ލައިގެން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް ލަފާކޮށް، އަދި ވެސް މޫސުން އަލިވާން ނުފަށާ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން މިއަދު ބުނެފިއެވެ.

މިއަދު 18:00އާ ހަމައަށް މެޓުން ލަފާކުރާ ގޮތުގައި، ރާއްޖޭގެ އެކި ހިސާބަށް މިއަދު ވެސް ވިއްސާރަކޮށް ގުގުރުން އެކަށީގެންވެއެވެ.

މިގޮތުން، އުތުރާއި މެދުރާއްޖެތެރެއަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު ފަސް މޭލާ 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް މެޓުން ބުންޏެވެ. އަދި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.

ބޯ ވާރޭގައި މީހަކު ކުޑައެއް ނަގައިގެން ސައިކަލު ދުއްވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކަނޑުތަކަށް ބަލާއިރު، އުތުރާއި މެދުރާއްޖެތޭގެ ކަނޑުތައް ގަދަވާނެ ކަމަށާއި ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި، ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެކަން މެޓުން ފާހަގަކުރިއެވެ.

އުތުރާއި މެދުރާއްޖެތޭގެ ކަނޑުތަކުގައި ރާޅުގެ އުސްމިން ހުންނާނީ ހަތަރު ފޫޓާ ހަތް ފޫޓާ ދެމެދުގައި ކަމަށް ވާއިރު، ދެކުނުގެ އަތޮޅުތަކުގެ ކަނޑުތަކުގައި ރާޅު ހުންނާނީ ދެ ފޫޓާ ފަސް ފޫޓާ ދެމެދުގެ އުސްމިނެއްގައެވެ.

މެޓުގެ ރެކޯޑުތައް ދައްކާ ގޮތުން، އިއްޔެ ހެނދުނު 08:00އިން މިއަދުގެ އެ ވަގުތާ ހަމައަށް އެންމެ ގިނައިން ވާރޭ ވެހުނީ، ހދ. ކުޅުދުއްފުއްޓަށެވެ. އެ ރަށަށް އެކަނި 188.3 މިލިމީޓަރުގެ ވާރޭ ވެހުނުއިރު، އެ އަތޮޅު ހަނިމާދުއަށް ވަނީ 125.7 މިލިމީޓަރުގެ ވާރޭ ވެހިފައެވެ.

މީގެއިތުރުން، މިދިޔަ 24 ގަޑިއިރު ތެރޭ ވިލާގަނޑުގައި އެންމެ ގަދައަށް ވައި ޖެހުނީ، އދ. މާމިގިއްޔަށެވެ. އެ ރަށަށް 46 މޭލު ބާރުމިނުގައި ވައި ޖެހިފައިވެއެވެ.

މެޓުން ވަނީ މޫސުމަށް ސަމާލުވުމަށް ހުރިހާ ފަރާތްތަކަށް އިލްތިމާސްކޮށްފައެވެ.

comment ކޮމެންޓް