މާލެއަށް ކުރި ވިއްސާރައިގައި 90އެއްހާ އިމާރާތަށް ފެންވަދެގެން ރިޕޯޓުކުރި: އެންޑީއެމްއޭ

ގެއެއްގައި ވެލިބަސްތާ ޖަހާފައި: ރޭ ކުރި ވިއްސާރައިގައި 89 ގެއަށް ފެންވަދެގެން ރިޕޯޓުކުރި -- ސަން ފޮޓޯ: އިންފިނިޓް މޮމެންޓްސް/ މުޙައްމަދު މާވީ

މުޅި މާލެ 'ފެނުއަޑިއަށް' ދިޔަ ވިއްސާރައިގައި 90 އެއްހާ އިމާރާތަށް ފެންވަދެގެން ރިޕޯޓުކުރި ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ރޭ ބުނެފިއެވެ.

ގިނަ އިރުތަކެއް ވަންދެން މެދުނުކެނޑި، ބޯކޮށް ވާރޭ ވެހުމާ ގުޅިގެން މާލެ ރޭ އޮތީ 'ފެނުއަޑީގައެވެ'. ބައެއް ސަރަހައްދުތަކުގައި ވަރަށް ބޮޑަށް ފެން ބޮޑުވިއެވެ.

އެންޑީއެމްއޭއިން ކުރި ޕޯސްޓެއްގައި ބުނީ، ރޭ 23:00އާ ހަމައަށް ޖުމުލަ 89 އިމާރާތެއްގައި ފެންބޮޑުވިޔަ ނުދިނުމަށްޓަކައި ވެލި ބަސްތާ ޖެހުމަށް އެދުނު ކަމަށެވެ.

އައިޖީއެމްއެޗް ކައިރީގައި ފެންބޮޑުވެފައި: މާލެއަށް ކުރި ވިއްސާރައިގައި 89 ގެއަށް ވަދެގެން ރިޕޯޓުކުރި-- ސަން ފޮޓޯ: އިންފިނިޓް މޮމެންޓްސް/ މުޙައްމަދު މާވީ

އޭގެތެރޭގައި، 33 ގެއަކާއި 35 ފިހާރައަކާއި ފަސް ކެފޭ، ރެސްޓޯރަންޓާއި ސަރުކާރާއި އަމިއްލަ އެކި ފަސް އިމާރާތާއި ހަތަރު ސުކޫލާއި ދެ ކްލިނިކާއި ދެ ގުދަނާއި އޮފީސް އިމާރާތަކާއި ކޮންސްޓްރަކްޝަން ސައިޓެއް ހިމެނެއެވެ.

މީގެއިތުރުން، ގެއަކުން ނަޖިސް ލީކުވުމުގެ މައްސަލައެއް ވެސް ރޭ އެ އޮތޯރިޓީއަށް ރިޕޯޓުކުރިއެވެ.

https://sun.mv/229454

އެންޑީއެމްއޭއިން ބުނީ، ވެލި އެޅުމަށް ބޭނުންވާ 10،000 ގޯނި މާލެ ސިޓީ ކައުންސިލާ ހަވާލުކުރެވިފައިވާ ކަމަށާއި އޭގެތެރެއިން 31 ތަނެއްގައި ވެލި ބަސްތާ ޖަހާދީފައިވާ ކަމަށެވެ.

ފާހަގަކުރެވޭ ގޮތުގައި، މާލެއަށް މިދިޔަ 24 ގަޑިއިރު ތެރޭ 90 މިލިމީޓަރުގެ ވާރޭ ވެހުނުއިރު، މިއަދު ވެސް ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަ ކުރާނެ ކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ.

comment ކޮމެންޓް