މިދިޔަ 24 ގަޑިއިރު ތެރޭ މާލެއާއި ހުޅުލެއަށް 90 މިލިމީޓަރުގެ ވާރޭ ވެހުނު ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން މިއަދު ބުނެފިއެވެ.
އިއްޔެ އިރުއޮއްސުނު ފަހުން މާލެ ސަރަހައްދަށް މެދު ނުކެނޑި ގިނައިރުތަކެއް ވަންދެން ވާރޭ ވެހި، އާދަޔާ ޚިލާފަށް މަގުތަކުގައި ފެންބޮޑުވިއެވެ. މީގެ އިތުރުން، އަތޮޅުތެރޭގެ އެކި ރަށްތަކަށް ވެސް އަންނަނީ ވިއްސާރަކޮށް، އެކި ވަރުގެ ގެއްލުންތައް ލިބެމުންނެވެ.
މެޓް އޮފީހުގެ ރެކޯޑުތައް ދައްކާ ގޮތުން، މިދިޔަ 24 ގަޑިިއިރު އެންމެ ގިނައިން ވާރޭ ވެހުނީ، ގއ. ގެމަނަފުއްޓަށެވެ. އެ ރަށަށް 101.8 މިލިމީޓަރުގެ ވާރޭ ވެހުނުއިރު، ހުޅުލެއަށް 90.3 މިލިމީޓަރުގެ ވާރޭ ވެހުނެވެ.
ބޯކޮށް ވާރޭވެހި މާލޭ މަގުމަތީ ފެންބޮޑުވެފައި --- ސަން ފޮޓޯ: ފަޔާޒު މޫސާތިން ވަނައަށް އެންމެ ގިނައިން ވާރޭ ވެހުނު ކަމަށް މެޓުގެ ރެކޯޑުތައް ދައްކަނީ، މާލެއަށެވެ. މިގޮތުން، 90 މިލިމީޓަރުގެ ވާރޭ މިދިޔަ 24 ގަޑިއިރުތެރޭ އެ ސަރަހައްދަށް ވެހުނުއިރު، ހުޅުމާލެއަށް 60 މިލިމީޓަރުގެ ވާރޭ ވެހިފައިވެއެވެ.
މިއަދު 18:00އާ ހަމައަށް މެޓުން ލަފާކުރާ ގޮތުގައި، ރާއްޖޭގެ އެކި ހިސާބަށް ބޯކޮށް ވާރޭ ވެހުމާއެކު، ގުގުރުން އެކަށީގެންވެއެވެ. ވައި ޖެހޭނީ، ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށްވާއިރު، ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައިގަދަވާނެ ކަމަށް އެ އިދާރާއިން ލަފާކުރެއެވެ.
އެއާއެކު، ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި، ވިލާގަނޑުގައި އިތުރަށް ގަދަވާނެ ކަމަށް މެޓުން ވަނީ ބުނެފައެވެ. މިގޮތުން، ރާޅުގެ އުސްމިން ހުންނާނީ ހަތަރު ފޫޓާ ހަތް ފޫޓާ ދެމެދުގައެވެ.
މެޓުން ވަނީ، ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.