އެފްޑީސީއަށް 6،000 އަށްވުރެ ގިނަ މައްސަލަ: އެންމެ ގިނައީ ފެން ލީކުވުމާއި ފައިސާ ދެއްކުމުގެ މައްސަލަތައް

އެފްޑީސީ ފުލެޓްތައް-- ސަން ފޮޓޯ/ މާނިއު މުހައްމަދު

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) ގެ "އަމާން އުދަރެސް" އަދި "އަމާން ދޯދި" ޓަވަރުތަކުގައި ދިރިއުޅޭ ރައްޔިތުންގެ ފަރާތުން 6،917 މައްސަލައެއް ހުށަހަޅާފައިވާ ކަމަށް އެ ކޯޕަރޭޝަނުން މިއަދު ހާމަކޮށްފިއެވެ.

އެފްޑީސީން މިއަދު އާންމުކުރި އެ ކުންފުނީގެ ޓަވަރުތަކުގައި ދިރިއުޅޭ އާންމުން އެކިއެކި މައްސަލަތަކާއި ގުޅިގެން ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައީ ފެން ލީކުވުމާއި ޕޯޓަލް މެދުވެރިކޮށް ފައިސާ ދެއްކުމާ ގުޅޭ މައްސަލަތަކެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މި މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް އެ ކޯޕަރޭޝަންގެ ޕޯޓަލް، އީމެއިލް އަދި ރިސެޕްޝަން މެދުވެރިކޮށް ޖުމްލަ 6،917 މައްސަލައެއް ވަނީ ރިޕޯޓުކޮށްފައެވެ. އަދި ހުށަހެޅުނު ޝަކުވާތަކުގެ ތެރެއިން 6،128 މައްސަލަ މިހާތަނަށް ހައްލުކޮށްދީފައިވާ ކަމަށް އެ ކޯޕަރޭޝަނުން މައުލޫމާތު ދެއެވެ.

މީގެ އިތުރުން ހައްލުނުކުރެވި ބާކީ ހުރި 789 މައްސަލަ ހައްލުކުރުމުގެ މަސައްކަތް އެ ކޯޕަރޭޝަންގެ ޓީމުތަކުން މިހާރު ވެސް ކުރަމުންދާ ކަމަށް އެފްޑީސީން ބުންޏެވެ.

ޓަވަރުތަކުން މައިގަނޑު ގޮތެއްގައި ފާހަގަކޮށް ހުށަހަޅާފައިވާ ކަންކަމުގެ ތެރޭގައި ފެން ލީކުވުމާއި، އިމާރާތުގެ މެއިންޓެނަންސްއާ ގުޅުންހުރި މައްސަލަތަކުގެ އިތުރުން ޕޯޓަލް މެދުވެރިކޮށް ފައިސާ ދެއްކުމާއި، މައުލޫމާތު އަދާހަމަކުރުމާ ގުޅޭ ދަތިތައް ހިމެނެއެވެ.

https://x.com/Fdc_mv/status/2113133246485864806?s=20

މީގެއިތުރުން އެޕާޓްމަންޓްތަކަށް ގެންނަން އެދޭ ބަދަލުތަކާއި، އަޑުގަދަވުމުގެ އުނދަގޫތަކުގެ އިތުރުން، ޓަވަރުތަކުގެ އާންމު ސަރަހައްދުތަކާއި ލިފްޓުތަކުގެ މަރާމާތާ ގުޅޭ ގޮތުން ވެސް ޝަކުވާތައް ވަނީ ހުށަހަޅާފައެވެ.

އެފްޑީސީން ބުނީ އެ ކޯޕަރޭޝަނުގެ މައިގަނޑު އަމާޒަކީ ޓަވަރުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް އަމާން އަދި ހިތްފަސޭހަ ދިރިއުޅުމުގެ މާހައުލެއް ފަހިކޮށްދިނުން ކަމަށެވެ.

އެހެންކަމުން މިހާރު ހައްލުނުކުރެވި ހުރި މައްސަލަތަކަށް ވީއެންމެ އަވަހަކަށް އެކަށީގެންވާ ހައްލެއް ހޯދައިދިނުމަށާއި، ކުރިއަށް އޮތް ތަނުގައި ވެސް ހުށަހެޅޭ ޝަކުވާތަކަށް އަވަސް ނަތީޖާއެއް ނެރެދިނުމުގައި ދެމިއޮންނާނެ ކަމުގެ ޔަގީންކަން އެ ކޯޕަރޭޝަނުން ވަނީ ދީފައެވެ.

އެފްޑީސީ ޓަވަރުތަކުގައި ދިރިއުޅޭ އާންމުން ގިނަ މައްސަލަތަކެއް އެ ކޯޕަތަރޭޝަނަށް ހުށަހަޅާފައިވާކަން ފާހަގަކޮށްފައިވާއިރު، މިމަހުގެ 14 ވަނަ ދުވަހު އެ ކުންފުނީގެ އަމާން ޓަވަރުތަކުގެ ތެރެއިން ދެ ޔުނިޓަކަށް ގަވާއިދުން ފައިސާ ނުދައްކާތީ، އެ ދެ ޔުނިޓުގެ އެއްބަސްވުން ބާތިލްކޮށް، ދެ ފުލެޓު ހުސްކުރަން އަންގާފައިވެއެވެ.

އެހެން ނަމަވެސް ރަސްމީ ނޯޓިސް ލިބުމާ ގުޅިގެން ފަހުން އެ ދެ އެޕާޓްމަންޓަށް ފައިސާ ދައްކަން ފަށާފައިވާކަމަށް އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.

comment ކޮމެންޓް