ރާއްޖެއާ ޕާކިސްތާނާ ދެމެދު ސަރަހައްދީ އަދި ބައިނަލްއަގުވާމީ ގުޅުން ފަދަ މުހިންމު ދާއިރާތަކުން މިއަދު މަޝްވަރާކުރައްވައިފިއެވެ.
މި މަޝްވަރާބައްދަލުވުން ބާއްވައިފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޕާކިސްތާނަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، މިއަދު ޕާކިސްތާނުގެ ބޮޑުވަޒީރު މުޙައްމަދު ޝެހެބާޒް ޝަރީފާއެކު މިއަދު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.
ރައީސް މުއިއްޒުއާއި ބޮޑުވަޒީރު ޝެހެބާޒް ޝަރީފް އިސްވެ ތިއްބަވައިގެން ކުރިއަށްގެންދެވި އެ މަޝްވަރާތައް އޮތީ ޕާކިސްތާނުގެ ބޮޑުވަޒީރުގެ ރަސްމީ ގެކޮޅު، ޕްރައިމް މިނިސްޓަރު ހައުސްގައި މިއަދު ހެނދުނު ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.
އެ މަޝްވަރާތަކުގައި ރައީސް ވަނީ، ރާއްޖޭގެ ވަފުދަށް ޕާކިސްތާނުން އަދާކުރެއްވި ހޫނު މެހެމާންދާރީ ފާހަގަކުރައްވާ، އެކަމަށް ޝުކުރު އަދާކުރައްވާފައެވެ. ހަމައެއާއެކު، ރައީސާއި ދިވެހި ވަފުދަށް މަރުޙަބާ ދެންނެވުމަކީ ލިބިވަޑައިގަންނަވާ އުފަލެއްކަމުގައި ބޮޑުވަޒީރު ޝެހެބާޒް ޝަރީފްވެސް ވިދާޅުވި ކަމަށްވެސް ރައީސް އޮފީހުން ވަނީ ބުނެފައެވެ.
މީގެ އިތުރުން ދެ ގައުމުގެ ލީޑަރުން ވަނީ ޒަމާންވީ ދޭދޭ އެކުވެރިކަމުގެ ގުޅުމަށް އަލިއަޅުއްވާލައްވައި ވިޔަފާރިއާއި އިންވެސްޓްމަންޓާއި ސިއްހަތާއި ތައުލީމުގެ އިތުރުން ތިމާވެއްޓާއި ފަތުރުވެރިކަމާއި މަސްވެރިކަމާއި ދަނޑުވެރިކަމާއި ޒުވާނުންނާއި ކުޅިވަރުގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށް ވަނީ މަޝްވަރާ ކުރައްވާފައެވެ. އަދި ދިފާއީ ސަލާމަތީ ދާއިރާއާއި ތަމްރީނާއި ގާބިލުކަން އިތުރުކުރުމުގެ އިތުރުން، ސަރަހައްދީ، ބައިނަލްއަގުވާމީ ގުޅުން ފަދަ މުހިންމު ދާއިރާތަކުން ދެ ގައުމު ގުޅިގެން މަސައްކަތްކުރުމަށް އިސްކަންދޭ ކަންތައްތަކެއް ފާހަގަކުރައްވާފައިވާ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.
މީގެ އިތުރުން އެ ބައްދަލުވުމުގައި ރާއްޖޭގެ ފަސް މިލިއަން ގަސް ޕްރޮގްރާމަށް ޕާކިސްތާނުން ދެއްވި އެހީތެރިކަމަށްޓަކައި ރައީސް ވަނީ ބޮޑުވަޒީރަށް ޝުކުރުއަދާކުރައްވާފައިވާ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.
އެ މަޝްވަރާތައް ނިންމަވާލައްވަމުން، ބައިނަލްއަގުވާމީ މައިދާނުގައި ދެ ގައުމުން އިސްކަންދޭ ކަންކަމުގައި ގުޅިގެން މަސައްކަތްކުރުން އިތުރަށް ހަރުދަނާކުރުމަށް ދެ ލީޑަރުންވެސް އެއްބަސްވެވަޑައިގެންފައިވާ ކަމަށް ރައީސް އޮފީހުން ވަނީ މައުލޫމާތުދީފައެވެ.
މީގެ ތެރޭގައި ކުރިއަށް އޮތް ދެއަހަރުގެ ތެރޭގައި ދެ ގައުމުގެ މެދުގައި ކުރެވޭ ވިޔަފާރީގެ މުއާމަލާތްތައް 13 މިލިއަން އެމެރިކާ ޑޮލަރުން 200 މިލިއަން އެމެރިކާ ޑޮލަރަށް އިތުރުކުރުމާއި، ސަރަހައްދީ އަދި ބައިނަލްއަގުވާމީ މައިދާނުގައި ގުޅިގެން މަސައްކަތްކުރުން ހަރުދަނާކުރުމަށް ވަނީ ނިންމާފައެެވެ.
މާދަމާގެ ނިޔަލަށް ރައީސް ޕާކިސްތާނަށް ކުރައްވަމުންގެންދަވާ ފުރަމާނަ ދަތުރުފުޅަކީ، ޕާކިސްތާނުގެ ބޮޑުވަޒީރު މުޙައްމަދު ޝެހެބާޒް ޝަރީފްގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.