އިންޑިއާ ސިފައިންގެ 3 އުޅަނދެއް، ތަމްރީނަކަށް ރާއްޖެ އަތުވެއްޖެ

އިންޑިއާއިން ރާއްޖެއަށް ތަމްރީނަށް އައި ބައެއް އުޅަނދުފަހަރު -- ފޮޓޯ: އިންޑިއާ ހައިކޮމިޝަން

އިންޑިއާގެ ބޭރުން ބާއްވާ އަސްކަރީ ތަމްރީނަކަށް އެ ގައުމުގެ ކަނޑުގެ ސިފައިންގެ ތިން އުޅަނދެއް މާލެ އަތުވެއްޖެއެވެ.

އިންޑިއާ ހައިކޮމިޝަނުން 'އެކްސް'ގައި ކުރި ޕޯސްޓެއްގައި ވަނީ، މާލެ އައިސްފައި ވަނީ ފަސްޓް ޓްރެއިނިން ސްކޮޑްރަންގެ އައިއެންއެސް ތިރާއި އައިއެންއެސް ސުޖާތާއާއި އައިސީޖީއެސް ސަރަތީ ކަމަށެވެ.

މި ތަމްރީނު ދަތުރުގެ ސަބަބުން ދެ ގައުމުގެ ދޭދޭ ގުޅުމާއި މެރިޓައިމް ގުޅުން ވަރުގަދަވެގެން ދާނެ ކަމަށާއި، މި ދަތުރުގެ ތެރޭގައި އިންޑިއާގެ ކަނޑުމަތީ ސިފައިންނާއި ރާއްޖޭގެ ސިފައިން ގުޅިގެން ތަމްރީނުތައް ކުރިއަށް ގެންދިއުން ހިމެނޭ ކަމަށް، އިންޑިއާ ހައިކޮމިޝަނުން ކުރި ޕޯސްޓުގައިވެއެވެ.

އިންޑިއާގެ ކަނޑުގެ ސިފައިންގެ ތިން އުޅަނދަށް އެމްއެންޑީއެފުން ވެސް ވަނީ މަރުހަބާ ކިޔައިފައެވެ.

އެންމެ ފަހުން އިންޑިއާގެ ސިފައިންނާއި ދިވެހި ސިފައިން އަސްކަރީ ތަމްރީނުތައް ކުރިއަށް ގެންގޮސްފައި ވަނީ މިދިޔަ ޖަނަވަރީ މަހެވެ.

ފާހަގަކުރެވޭ ގޮތުގައި، 'ދޯސްތީ'ގެ ނަމުގައި ކޮންމެ އަހަރަކު ވެސް އެއްފަހަރު އިންޑިއާއާއި ރާއްޖެއާއި ސްރީ ލަންކާ ގުޅިގެން އަސްކަރީ ތަމްރީނުތައް ބާއްވައެވެ.

comment ކޮމެންޓް