މާލޭގެ ކުރީގެ ޑެޕިއުޓީ މޭޔަރު މުޙައްމަދު ޢަރީޝް ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީގެ މަގާމަށް އައްޔަންކޮށްފިއެވެ.
ރައީސް އޮފީހުގެ ވެބްސައިޓުން އެކަން ކަށަވަރުވި ނަމަވެސް، އޭނާ އެ މަގާމަށް އައްޔަންކުރެއްވި ސީދާ ތާރީޚެއް ނޭނގެއެވެ.
ފާހަގަކުރެވޭ ގޮތުގައި ރައީސް އޮފީހުގެ ވެބްސައިޓުން ސްޓޭޓް މިނިސްޓަރުންނާއި ޑެޕިއުޓީ މިނިސްޓަރުންގެ މައުލޫމާތުތައް ނެގި ކަމުގައި ވިޔަސް، އޭގެ ތަފުސީލުތައް އެ ބޭފުޅުން ވަޒީފާ އަދާކުރައްވާ މިނިސްޓްރީތަކުގެ ވެބްސައިޓުތަކުގައި ފެންނަ ގޮތް ވަނީ ހަދައިފައެވެ.
ހަތަރުވަނަ މާލޭ ސިޓީ ކައުންސިލަށް އެމްޑީޕީގެ ޓިކެޓުގައި މާފަންނު ހުޅަނގު ދާއިރާގެ ކައުންސިލަރުކަމަށް ހޮވުނު ޢަރީޝް ޑެޕިއުޓީ މޭޔަރުކަމަށް އިންތިޚާބުވެވަޑައިގަތީ މިދިޔަ އަހަރުގެ މާރިޗު މަހުގެ 16ވަނަ ދުވަހެވެ. ޢަރީޝް ޕީއެންސީއަށް ސޮއިކުރެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރައީސްކަމަށް އިންތިޚާބުވެވަޑައިގެންނެވި ފަހުންނެވެ.
ޢަރީޝް ވަނީ މިދިޔަ އޭޕްރިލް މަހު އޮތް ލޯކަލް ކައުންސިލު އިންތިޚާބުގައި ވެސް ދެވަނަ ދައުރަކަށް ވާދަކުރައްވައިފައެވެ. ނަމަވެސް މިހާރުގެ ކައުންސިލަރު މުޙައްމަދު ރިޟްވާން ޢަލީ އާ ވާދަކުރައްވައި 365 ވޯޓުގެ ތަފާތުން ވަނީ ނާކާމިޔާބުވެވަޑައިގެންފައެވެ. ރިޟްވާނަށް 1،040 ވޯޓު ލިބިވަޑައިގެންނެވިއިރު ޢަރީޝަށް ލިބިވަޑައިގަތީ 675 ވޯޓެވެ.
ކައުންސިލު އިންތިޚާބުގައި ނާކާމިޔާބުވި ޕީއެންސީގެ ބައެއް ކެންޑިޑޭޓުންނަށް ބައެއް ވުޒާރާތަކުން ވަނީ ވަޒީފާ ވެސް ދީފައެވެ.