ބޭރުގެ ޓުއާ އޮޕަރޭޓަރުން އަތުން ޓެކްސް ނެގުން އުވާލަން ހުށަހަޅައިފި

ފަތުރުވެރިންތަކެއް ރާއްޖޭގައި--- ފޮޓޯ/ ޓްރެވަލް ޓްރޭޑް ޖާނަލް

މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ބޭރުގެ ބުކިން ޕްލެޓްފޯމުތަކާއި ޓްރެވެލް އެޖެންޓުން އަދި ޓުއާ އޮޕަރޭޓަރުން ފޯރުކޮށްދޭ ހިދުމަތްތަކުން ޖީއެސްޓީ ނަގާ ގޮތަށް ގާނޫނަށް ގެނައި އިސްލާހު އުވާލުމަށްޓަކައި، މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ކޮލަމާފުށީ ދާއިރާގެ މެންބަރު އިބްރާހިމް ދީދީއެވެ.

މި އިސްލާހުގެ މައިގަނޑު މަގުސަދަކީ ރާއްޖެއިން ބޭރުގެ ޓުއާ އޮޕަރޭޓަރުންގެ އަތުން ޓެކްސް ނެގުމަށްޓަކައި ޖީއެސްޓީ ގާނޫނުގައި ހިމަނާފައިވާ އެންމެހައި މާއްދާތައް އުނިކުރުމެވެ.

ރާއްޖޭގައި 'ޑެސްޓިނޭޝަން ޕްރިންސިޕަލް' ތަންފީޒުކުރުމުގެ ގޮތުން ބޭރުގެ އެޖެންޓުންނާއި ޕްލެޓްފޯމުތަކުން ޓެކްސް ނެގުމަށް ޖީއެސްޓީ ގާނޫނަށް ގެނައި އަށްވަނަ އިސްލާހުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތަސްދީގުކުރެއްވީ މިދިޔަ އޮގަސްޓު މަހުގެ 31 ވަނަ ދުވަހުއެވެ.

އެ އިސްލާހާ އެއްގޮތަށް މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ޓެކްސް ނަގަން ފަށާފައިވަނީ ފަތުރުވެރިކަމުގެ ސިނާއަތުގެ ގިނަ ކަންބޮޑުވުންތަކަކާ އެކުގައެވެ.

ބޭރުގެ ޓުއާ އޮޕަރޭޓަރުންގެ އަތުން ޓެކްސް ނެގުމަށް ކުރިން ގާނޫނަށް ބަދަލު ގެނައުމުގެ ކުރިން ވެސް، ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ރަޝިޔާ އަދި އިންޑިއާ ފަދަ މާކެޓުތަކުގެ ބޮޑެތި ޓުއާ އޮޕަރޭޓަރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ފަތުރުވެރިންތަކެއް ރާއްޖޭގައި -- ފޮޓޯ; ޓްރެވެލް ޕްލަސް ލީޝާ އޭޝިއާ

މީގެއިތުރުން މި ޓެކްސް ނަގަން ފެށުމާ އެކު، ފްރާންސްގެ 'ލޭޒް އަންޓްރްޕްރީޒް ޑޫ ވޮޔާޖް' (އީޑީވީ) އާއި 'ސިންޑިކާ ޑެޒް އަންޓްރަޕްރީޒް ޑޫ ޓުއާ އޮޕަރޭޓިން' (ސެޓޯ) އަދި އިޓަލީގެ އެސްޓޯއީ ކޮންފިންޑޫސްޓްރިއާ ވިއާގީ ފަދަ ޔޫރަޕްގެ ޖަމިއްޔާތަކުން ވަނީ މިކަމުގެ ސަބަބުން ކުރިމަތިވާނެ މާލީ އަދި އިދާރީ ދަތިތައް ބަޔާންކޮށް މީރާއަށް ވަނީ ސިޓީ ވެސް ފޮނުވާފައެވެ.

އީޑީވީ އާއި ސެޓޯ ގުޅިގެން މީރާގެ ޓެކްސް ކޮމިޝަނަރު ފާތިމަތު އަމީޒާއަށް ފޮނުވި ސިޓީގައި ފާހަގަކޮށްފައިވަނީ، ހޮޓެލްތަކުގެ އަގުތައް އަހަރެއްހާ ދުވަސް ކުރިން ލިބި، ކުރިއަށް އޮތް ފިނި މޫސުމުގެ ސީޒަނަށް ޕެކޭޖުތައް މިހާރު ވިއްކާފައިވާ ކަމަށެވެ.

މީގެއިތުރުން ޔޫރަޕިއަން ޔޫނިއަންގެ ކޮންސިއުމާ ރައިޓްސް ޕްރޮޓެކްޝަން ގަވާއިދުތަކުގެ ސަބަބުން ވިއްކާފައިވާ ޕެކޭޖުތަކުގެ އަގު ބޮޑުކުރުމުގެ ގާނޫނީ ހުރަސްތަކެއް ހުރުމުން، ކުދި ޓުއާ އޮޕަރޭޓަރުންނަށް ބޮޑެތި ގެއްލުންތަކާ ކުރިމަތިލާންޖެހޭނެ ކަމަށް ބަޔާންކޮށްފައިވެއެވެ.

އެހެންކަމުން މިހާރު ވިއްކާފައިވާ ބުކިންތަކަށް ކުރީގެ އުސޫލުން އަމަލުކޮށްދިނުމަށާއި، މި އިސްލާހަށް އަމަލުކުރުން 2027 އަށް ފަސްކޮށްދިނުމަށް އެ ފަރާތްތަކުން އެދިފައިވެއެވެ.

https://dev1.sun.mv/227497

ފަތުރުވެރިކަމުގެ ދާއިރާގެ އިސް ފަރާތްތަކާއި ޓްރެވަލް އެޖެންޓުންގެ ފަރާތުން ހުށަހެޅި ގިނަ ކަންބޮޑުވުންތަކާއި އެދުންތަކަށް ރިއާޔަތްކުރެއްވުމަށް ފަހު، މި ޓެކްސް ނަގަން ފެށިތާ ތިންވަނައަށް ވީ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ އެ ނިންމެވުން ބަދަލުކުރައްވަން ނިންމަވާފައިވާކަން އިއުލާނު ކުރައްވާފައެވެ.

ސަރުކާރުން މިއަދު މަޖިލީހަށް ހުށަހެޅި ބިލަކީ އެ ނިންމެވުމާ އެއްގޮތަށް ގާނޫނުން އެ ބައިތައް އުވާލުމަށް ހުށަހެޅި ބިލެކެވެ.

comment ކޮމެންޓް