ކުރީ ސަރުކާރުގެ ލޯނުތައް ދައްކަންޖެހުމުން މި ސަރުކާރު ތިން އަހަރު ތެރޭ "ހަލާކުވެއްޖެ": ޝުޖާޢު

މެންބަރު ޝުޖާޢު: ވިދާޅުވީ މި ގައުމުގެ މާލީ ހާލަތު ހަލާކުވީ ކުރީ ސަރުކާރުން ނަގައިފައި އޮތް ލޯނު ދެއްކުމުގައި އުޅެން ޖެހުމުން ކަމަށް -- ފޮޓޯ/ މަޖިލިސް

ކުރީ ސަރުކާރުގެ ލޯނުތައް ދައްކަންޖެހުމުން މި ސަރުކާރު ތިން އަހަރު ތެރޭ "ހަލާކުވެއްޖެ" ކަމަށް، ވެރިކަންކުރާ ޕީއެންސީގެ ނައިބު ރައީސް އަދި ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާޢު މިއަދު ވިދާޅުވެއްޖެއެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި ބަޖެޓަށް ބަހުސްކުރައްވަމުން ޝުޖާޢު ވިދާޅުވީ މިދިޔަ ސަރުކާރުގައި އެމްޑީޕީގެ ސަރުކާރުން 200 ބިލިއަނެއްހާ ރުފިޔާ ދައުލަތުގެ ބަޖެޓުގެ ގޮތުގައި ޚަރަދުކުރި ކަމަށެވެ.

"ނަތީޖާ ކޮބައިތޯ؟ ސުމެއް، ވައްކަންކުރީ،" ޝުޖާޢު ވިދާޅުވިއެވެ.

މިދިޔަ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ޝުޖާޢު ސިފަކުރެއްވި ގޮތުގައި ޞާލިޙްގެ ސަރުކާރުން ދައުލަތުގެ ބަޖެޓު ތައްޔާރުކުރީ "ބިރަކާއި ނުލާ މަޖާކުރަމުން"ނެވެ.

ދައުލަތުން ކުރަންޖެހޭ ޚަރަދު ބޮޑުވެ، އޭގެ ސަބަބުން ބަޖެޓު ވެސް ބޮޑުވާނެ ކަން ޝުޖާޢު ފާހަގަކުރެއްވިއެވެ.

ޝުޖާޢު ވިދާޅުވީ 3.75 ބިލިއަން ރުފިޔާއަށް ސަބްސިޑީ އިތުރުވީ މިދިޔަ ފެބްރުވަރީ މަހުގެ ފަހުކޮޅު މެދުއިރުމަތީގައި ފެށި ހަނގުރާމައިގެ ސަބަބުން ކަމަށެވެ. ހަނގުރާމަ ނެތް ނަމަ މި އަހަރުގެ ބަޖެޓު އަރަނި ބަޖެޓަކަށް ވެގެން ދިޔައީސް ކަމަށް ޝުޖާޢު ވިދާޅުވިއެވެ.

"އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ފައްޔާޒް އިސްމާޢީލް ވިދާޅުވީ 2026ވަނަ އަހަރުގެ އޭޕްރިލް މަހާ ހަމައަށް ދާއިރު މި ގައުމު ބަނގުރޫޓުވާނެއޭ. ކިހާ ރޭވުންތެރިކަމާއެކީގައި ވިސްނައިގެން ހިސާބު ޖެއްސީމަތޯ އެ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނީ މި ގައުމު ބަނގުރޫޓުވާނެކަން 2026ވަނަ އަހަރުގެ އޭޕްރިލް މަހު އިއްޒަތްތެރި ރައީސް؟ އެހެންވެގެން ދިޔަތޯ؟ ނުވެޔޭ އިއްޒަތްތެރި ރައީސް،" އޭޕްރިލް މަހު ދެއްކި ލޯނަށް އިޝާރާތްކުރައްވައި ޝުޖާޢު ވިދާޅުވިއެވެ.

"އަޅުގަނޑުމެން ހަލާކުވެގެން މި ދިޔައީ އިއްޒަތްތެރި ރައީސް، މި ތިން އަހަރު ދުވަހުގެ ތެރޭ [ކުރީ ސަރުކާރުން] ނަގައިފައި އޮތް ލޯނު ދެއްކުމުގައި އިއްޒަތްތެރި ރައީސް، ރައްޔިތަކަށްވީ ފައިދާއެއް ނެތް،"ޕީއެންސީގެ ނައިބު ރައީސް އަދި ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާޢު

އެފަދައިން ވިދާޅުވެ ޝުޖާޢު ވަނީ އަންނަ އަހަރަށް ލަފާކޮށްފައިވާ ބަޖެޓަކީ އުންމީދީ ބަޖެޓެއްކަން ފާހަގަކުރައްވައިފައެވެ.

comment ކޮމެންޓް