މެންބަރުންގެ އިންޝުއަރެންސަށް ވުރެ އާސަންދައިން ލިބޭ ފައިދާ ބޮޑު، ޕެޓިޝަން ހުށަހެޅީ ހެޑްލައިން ހަދަން: މެންބަރުން

ތިމަރަފުށީ ދާއިރާގެ މެންބަރު އަހުމަދު ރިޔާޒު-- ފޮޓޯ/ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ދައުލަތުން ހަމަޖައްސައިދީފައިވާ ހެލްތު އިންޝުއަރެންސް ކަނޑައިލުމަށް ގޮވާލައި އާންމުން ހުށަހެޅި ޕެޓިޝަނަކީ ރައްޔިތުންނާއި މެންބަރުންނާ ދެމެދު ފިތުނަ އުފައްދައި، ނޫސްތަކުގެ ހެޑްލައިން ހެދުމަށް ހުށަހަޅާފައިވާ އެއްޗެއް ކަމަށް ވިދާޅުވެ މަޖިލީހުގެ ތަޅުމުގައި މެންބަރުން ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.

އިއްޔެ އާއި މިއަދުގެ ޖަލްސާގައި ވެސް މި ޕެޓިޝަނަށް ބަހުސްކުރިއިރު، ސަރުކާރު ހިންގާ ޕީއެންސީއަށް ނިސްބަތްވާ ގިނަ މެންބަރުން ވަނީ މިހާރު އޮތް އިންޝުއަރެންސްގެ ނިޒާމަކީ ދައުލަތަށް މާ ޚަރަދު ކުޑަ އަދި ބުރައެއް ނެތް ނިޒާމެއް ކަމަށް ވިދާޅުވެފައެވެ.

މިއަދުގެ ޖަލްސާގައި މި ޕެޓިޝަނަށް ބަހުސް ކުރައްވަމުން ތިމަރަފުށީ ދާއިރާގެ މެންބަރު އަޙުމަދު ރިޔާޒް ވިދާޅުވީ، ރައްޔިތުންނަށް ނުލިބޭ އެއްޗެއް މެންބަރުންނަށް ލިބޭނަމަ އެ އުނިކުރުމަކީ މައްސަލައެއް ނޫން ކަމަށާއި، ނަމަވެސް މެންބަރުންނަށް އާދަޔާ ޚިލާފު ބޮޑެތި އިނާޔަތްތަކެއް ލިބޭ ކަމަށް ދައްކަން އުޅުމަކީ ބޮޑު މައްސަލައެއް ކަމަށެވެ.

ނިލަންދޫ ދާއިރާގެ ޕީއެންސީ މެންބަރު ހަސަން މުފީދު-- ފޮޓޯ; މަޖިލިސް

އެގޮތުން އެ އިންޝުއަރެންސްގެ ދަށުން އިންޑިއާއަށް ބޭސްފަރުވާއަށް ވަޑައިގެން ކުރެއްވި ޚަރަދުގެ ބިލުތައް ހުށަހެޅުއްވުމުން ދެބައިކުޅައެއްބައި ވެސް އަނބުރާ ނުލިބުނު ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން މަޖިލިސް މެންބަރުންނަށް ލިބޭ އިންޝުއަރެންސަށް ވުރެ އާސަންދައިން އާންމު ރައްޔިތުންނަށް ލިބޭ ފައިދާ މާ ބޮޑު ކަމަށާއި ކަންކަން ހަމަޖައްސަން ވެސް މާ ފަސޭހަ ކަމަށް ރިޔާޒް ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ، މި ޕެޓިޝަން ހުށަހަޅައިގެން ބަޔަކު އުޅެނީ މެންބަރުންނަށް ހަގީގަތުގައި ވެސް ބޮޑެތި އިނާޔަތްތަކެއް ލިބޭތީ ނޫން ކަމަށާއި، އެއީ ނޫސްތަކުގެ "ހެޑްލައިން ހަދާލަން" ކުރާ ކަމެއް ކަމަށެވެ.

"މަޖިލިސް މެމްބަރުންނަށް ބޮޑެތި އިނާޔަތްތަކެއް ލިބޭ ކަމަށް ބުނެ ހުށަހަޅައިގެން އުޅޭ ޕެޓިޝަނަކީ މަޖިލިސް މެމްބަރުންނާއި ރައްޔިތުންނާއި ދެމެދު ފިތުނަ އުފައްދައި ހަމަނުޖެހުން އުފައްދަން ބަޔަކު ކުރާ މަސައްކަތެއް. އެ ޕެޓިޝަން ހުށަހެޅި ބަޔަކު އެކަން ކޮށްފައިވަނީ ކޮންމެހެން މެމްބަރުންނަށް އިނާޔަތްތަކެއް ލިބޭތީކީ ނޫން، އެކަން އެ ކުރަނީ ނިއުސް ހެޑްލައިނެއް ހަދާލަން ވެގެން." މެމްބަރު ރިޔާޒް ވިދާޅުވިއެވެ.

ތިމަރަފުށީ ދާއިރާގެ މެންބަރު އަހުމަދު ރިޔާޒު -- ފޮޓޯ; މަޖިލިސް

މި ޕެޓިޝަނާ ގުޅޭގޮތުން މިލަންދޫ ދާއިރާގެ މެންބަރު ހަސަން މުފީދު އަބްދުލްޤާދިރު ވިދާޅުވީ މިއީ ސިޔާސީ ފިތުނަވެރިކަން އުފައްދަން ބަޔަކު އަޑީގައި ތިބެގެން ރާވައިގެން ހިންގާ ކަމެއް ކަމަށެވެ.

މެންބަރުން ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދާންޖެހޭ ހާލަތްތަކުގައި ވެސް ދެކޮޅު ޓިކެޓާއި ހުރުމާއި ކެއުމުގެ ޚަރަދު ހަމަޖައްސަން ޖެހެނީ އަމިއްލައަށް ކަމަށާއި، އެ ނިޒާމުގެ ދަށުން ލިބެނީ ބޭސްފަރުވާއަށް ހިނގާ ޚަރަދުގެ ބިލުތައް ހުށަހެޅުމުން އެއަށްވާ ފައިސާ ކަމަށް މުފީދު ވިދާޅުވިއެވެ. އަދި އޭނާ މި އަހަރު އަދި މިހާތަނަށް ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދަތުރެއް ވެސް ކުރައްވާފައި ނުވާނެ ކަމަށް ވިދާޅުވިއެވެ.

"މި އަހަރު އަދި މިހާތަނަށް ބޭސް ފަރުވާއަށް ރާއްޖޭން ބޭރަށް ދަތުރެއް ކުރި ހަނދާނެއް ނުވޭ. އެހެން ނަމަވެސް ބޭސްފަރުވާއަށް ރާއްޖޭން ބޭރަށް ދާންޖެހޭ ހާލަތެއްގައި އުސޫލުތައް ހިމެނިފައި މި އޮންނަނީ އަމިއްލައަށް ޓކެޓު ނަގާގޮތަށް، އެއީ އަޕްއެންޑް ޑައުންވިޔަސް ޓިކެޓު ނަގަން ޖެހެނީ އަމިއްލައަށް، އަދި ހުރުމާއި ކެއުމުގެ ކަންތައްވެސް އަމިއްލައަށް ކުރާ ގޮތަށް މި އޮންނަނީ." މެމްބަރުން މުފީދު ވިދާޅުވިއެވެ.

ޕީއެންސީ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު-- ފޮޓޯ; މަޖިލިސް

އިއްޔެގެ ޖަލްސާއި މި ޕެޓިޝަނަށް ބަހުސްކުރައްވަމުން ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު ވިދާޅުވީ މި ޕެޓިޝަން ހުށަހެޅި ފަރާތަށް މަޖިލިސް މެންބަރުންގެ އިންޝުއަރެންސް ހިނގާ ގޮތް ސާފުނުވާ ކަމަށެވެ.

މެންބަރުން އާސަންދައިން ބޭރުވެ އިންޝުއަރެންސް ޕެކޭޖެއް ނެގުމަކީ ދައުލަތަށް ޚަރަދު ކުޑަވާ ކަމެއްކަން ފާހަގަކުރައްވަމުން ފަލާހު ވިދާޅުވީ "ދައުލަތުން މި ދައްކަނީ މެންބަރަކަށް އަހަރަކު 24،000 ދިވެހި ރުފިޔާ. އެ 24،000ރ. ގެ އިތުރަކަށެއް ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެންބަރަކަށް ދިވެހި ދައުލަތަކުން ލޯ ލާރިއެއް ވެސް ހަރަދުކުރާކަށް ނުޖެހޭނެ ކަމަށެވެ.

ބަހުސްގައި ވާހަކަދައްކަވަމުން މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ އާއި ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ދީދީ ވެސް ވިދާޅުވީ މިއީ ރައްޔިތުންގެ މެދުގައި މެންބަރުންނާ މެދު ނަފުރަތު އުފައްދައި އަގުވައްޓާލަން ހުށަހަޅާފައިވާ ޕެޓިޝަނެއް ކަމަށެވެ.

https://sun.mv/229372

ދިއްގަރު ދާއިރާގެ މެންބަރު އަޙުމަދު ނާޒިމް ވިދާޅުވީ ކަމުގެ ހަގީގަތް ބެލުމެއް ނެތި މަޖިލިސް މެންބަރުންނާއި އާންމުންގެ މެދުގައި ރުޅިވެރިކަމާއި ނަފުރަތު އުފެއްދުމަކީ ވަރަށް ނުރައްކާތެރި ކަމެއް ކަމަށެވެ. އަދި މަޖިލިސް މެންބަރުންގެ އިނާޔަތްތަކަކީ ގާނޫނުއަސާސީގެ 102 ވަނަ މާއްދާއިން ބާރު ލިބިގެން ކަނޑައަޅާފައިވާ ކަންކަން ކަމަށާއި، މި އިނާޔަތްތައް ހަމައެކަނި މެންބަރުންނަށް ނޫން ކަމަށާއި މިނިވަން މުއައްސަސާތަކުގެ ވެރިންނަށާއި ފަނޑިޔާރުންނަށް ވެސް ހަމަޖެހިފައިވާ ކަމަށް ނާޒިމް ފާހަގަކުރެއްވިއެވެ.

ނާޒިމް ވިދާޅުވީ މަގުބޫލުކަން ހޯދަން ބޭނުންވާ ކޮންމެ ފަހަރަކު ވަކި ކަމަކަށް އަމާޒުކޮށް އެކަން ރައްދުވާ ބަޔަކަށް ނުވަތަ މީހަކަށް ހަމަލާދިނުމަކީ މެންބަރުންގެ ފުރާނައަށް ވެސް ނުރައްކާވެދާނެ ކަމެއް ކަމަށެވެ.

"ހަމަ މަގުބޫލުކަން ބޭނުންވާ ކޮންމެ ފަހަރަކު އެ މަގުބޫލުކަން ބޭނުންވާ ފަރާތަކަށް، އެކަމެއް ރައްދުވާ މީހުންނަށް އެޓޭކު ކުރުމަކީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ވަރަށް ނުރައްކާތެރިކަމެއް، އެކަމަކީ މެންބަރުން ނުރައްކަލަށް ހުށަހެޅިގެން ހިނގައިދާނޭ ކަމެއް، އަދި އަޅުގަނޑުމެންގެ އިއްޒަތްތެރި މެންބަރަކު އަވަހާރަވެސް ކޮށްލެވިގެން ހިނގައްޖެ،" ނާޒިމް ވިދާޅުވިއެވެ.

20 ވަނަ ރައްޔިތުންގެ މަޖިލީހުގައި އޮންލައިންކޮށް ޕެޓިޝަން ހުށަހެޅޭ ގޮތް ހަމަޖެއްސުމާ ގުޅިގެން މަޖިލީހުގެ ތަޅުމަށް ފުރަތަމަ އައި އެއް ޕެޓިޝަނަކީ ވެސް މެންބަރުންގެ އިންޝުއަރެންސާ ގުޅޭ މި ޕެޓިޝަނެވެ.

މި މައްސަލައިގައި ދެ ޕާޓީގެ މެންބަރުން ވެސް ހެލްތު އިންޝުއަރެންސް ކަނޑައިލުމަށް ތާއީދުކުރައްވާ ކަމަށް ބައެއް މެންބަރުން ވިދާޅުވި ނަމަވެސް، ޕެޓިޝަން ހުށަހަޅާފައިވާ މަގުސަދާ މެދު ގިނަ މެންބަރުން ވަނީ ސުވާލު އުފައްދަވާފައެވެ

comment ކޮމެންޓް