ތެހެރާން (17 ނޮވެންބަރު 2026) : ބަހްރައިންގައި ވާ އެމެރިކާގެ އަސްކަރީ ރާޑަރަކަށް ހަމަލާތަކެއް މިއަދު ދީފިކަން އީރާނުން ހާމަކޮށްފިއެވެ.
އީރާނުގެ އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ގިނަ އަދަދެއްގެ ޑްރޯން ބޭނުންކޮށްގެން ދިން މިހަމަލާ ކާމިޔާބުކަމަށާ އެމެރިކާގެ ރާޑަރު ސިސްޓަމް ހުރިތަނުން ދުމާއި އަލިފާން އެރި މަންޒަރު ފެނިފައިވާކަމަށް ބުނެފައިވެއެވެ.
މި ހަމަލާދީފައިމިވަނީ އެމެރިކާގެ އެމްކިޔު-170 މަރުކާގެ ޑްރޯންތައް އީރާނުގެ ވައިގެ ސަރަހައްދަށް ވަންނަމުންދާތީ އެކަމަށް ރައްދު ދިނުމުގެ ގޮތުންކަމަށް ބުނެފައިވެއެވެ. ހަމަލާދިން ރާޑަރަކީ އީރާނުގެ އަސްކަރީ ހަރަކާތްތައް ބެލުމަށް އެމެރިކާ ބޭނުންކުރާ ރާޑަރެއްކަމަށް އީރާނުގެ ބަޔާން ބުނެއެވެ. އީރާން ބުނާގޮތުން އެމެރިކާގެ އެމްކިޔު-170 މަރުކާގެ 5 ޑްރޯން އިއްޔެއާއި މިއަދު ވަނީ ވައްޓާލައިފައެވެ. މީގެކުރިން އީރާނުންވަނީ އެމެރިކާގެ އެންމެ އެޑްވާންސް ޑްރޯންކަމަށްވާ އެމްކިޔު މަރުކާރުގެ 60 އަށް ވުރެގިނަ ޑްރޯން ވައްޓާލިކަން ހާމަކޮށްފައެވެ. އަދި އިލެކްޓްރޯކިން ވޯފެއާ ގެ ވަސީލަތްތައް ބޭނުންކޮށްގެން އެމެރިކާގެ މިމަރުކާގެ 6 ޑްރޯން ސަލާމަތުން އީރާނަށް ޖައްސުވައި އެ ޑްރޯންތައް އަތުލައިގެންފައިވާކަންވެސް އީރާނުންވަނީ ހާމަކޮށްފައެވެ.
މީގެ ދެދުވަސްކުރިންވެސް އީރާންވަނީ ބްހަރައިންގެ ހ ހުންނަ އެމެރިކާގެ އަސްކަރީ ބޭހަކަށް ހަމަލާތަކެއް ދީފައެވެ. ނަމަވެސް ބަހްރައިން ބުނާގޮތުން ބްހަރައިންގެ އައްޝައިޚް ޢީސާ ވައިގެ މަރުކަޒަށް ހަމަލާދިނުމަށް އީރާން ބޭނުންކުރި ޑްރޯންތައްވަނީ ވައްޓާލައިފައެވެ. އީރާން ބުނާގޮތުން ވައްޓާލެވުނީ ބައެއް ޑްރޯންއެވެ. ބައެއް ޑްރޯން އަމާޒަށް ވާސިލްވިއެވެ.
އީރާންއަށް ބިރުދެއްކުމުގެ ގޮތުން އެމެރިކާގެ އެއާކްރާފްޓް ކެރިއާ ގެ އިތުރު 3 މަނަވަރު ވަނީ މެދުއިރުމައްޗަށް އައުމުގެ މަގުމަތީގައެވެ. މިހާރުވެސް އީރާނުގެ އައްސޭރިފަށާ ދުރުގައި އެމެރިކާގެ އެއާކްރާފްޓް ކެރިއާގެ މަނަވަރެއް އެބައޮތެވެ. އެމެރިކާގެ ރައީސް ޑްނަލްޑް ޓްރަމްޕް އާއި ނައިބު ރައީސް ޖޭޑީ ވޭންސް ވެސްވަނީ އީރާނަށް އިތުރު ހަމަލާތަކެއް ފުޅާދާއިރާއެއްގައި ދިނުމުގެ ވިސްނުމެއް މިދުވަސްވަރު އެމެރިކާ ނުގެންގުޅޭކަމަށާ އެމެރިކާއަށް އަމާންދޭން އީރާނަށް މަޖުބޫރު ކުރުމުގައި އެމެރިކާ ބަރޯސާވަނީ ދަތިކުރުމުގެ ފިޔަވަޅުތަކާއި ހިސާރުގެ ފިޔަވަޅުތަކަށެވެ.
މި ފިޔަވަޅުތަކުން އީރާން އިނދަޖައްސާލެވޭނެ ކަމަށެވެ. ނަމަވެސް އީރާން ދެކޭގޮތުގައި މިއީ އެމެރިކާ ހަދާ މަކަރަކަށްވުން އެކަށީގެންވެއެވެ. ހަމަލާދިނުމުގެ ވިސްނުންނެތްކަމަށް ބުނުމަށްފަހު ކުއްލިގޮތަކަށް ހަމަލާދޭން ފެށުމަކީ އެމެރިކާ ކޮށްފާނެކަމެކެވެ. މިކަމަށް ރިއާޔަތްކޮށް އީރާން މިހާރުވަނީ އައު އުދުވާނެއް އެމެރިކާގެ ފަރާތުން ކުރިމަތިވެއްޖެނަމަ ޔޫރަޕްގައިވާ އެމެރިކާގެ އަސްކަރީ މަރުކަޒުތައް ހަލާކުކޮށްލުމަށް ޚާއްސަ ޕްލޭނެއް ރާވައިފައެވެ. މި ޕްލޭންގެ ދަށުން އީރާންވަނީ ޔޫރަޕްގެ ގިނަ ގައުމުތަކަށް ހަމަލާދެވޭވަރުގެ އިންޓަކޮންޓިނެންޓަލް ބަލިސްޓިކް މިސައިލް އުފެއްދުމުގައި މިހާރު ކާމިޔާބު ހޯދާފައިކަމަށް އީރާނުގެ މީޑިއާ އާއި ހުޅަނގުގެ މީޑިއާ ރިޕޯޓްތައް ބުނެއެވެ.