ކުރިއަށް ހުރި ދަރަނިތައް ދެއްކުމުގައި ނުއުފުލޭ ވަރުގެ ބުރައެއް ނެތް ކަމަށާއި މިހާރު ރާއްޖެއަށް ލިބޭ އާމްދަނީން ދަރަނިތައް ދެއްކޭނެ ކަމަށް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު މިރޭ ވިދާޅުވެއްޖެއެވެ.
އަހާ ފޯރަމުގައި މެސެޖު މެދުވެރިކޮށް އާންމު މީހަކު ވަނީ، ކުރިއަށް އޮތް އަހަރުތަކުގައި ބޭރުގެ ގައުމުތަކަށް ދަރަނިތައް ދައްކަން އެބަހުރިކަން ފާހަގަކޮށް، އެ ދަރަނިތައް ދެއްކުމުގައި ފިނޭންސް މިނިސްޓްރީގެ ޕްލޭނަކީ ކޮބައިތޯ ސުވާލުކޮށްފައެވެ.
ޖަވާބުގައި މިނިސްޓަރު ވިދާޅުވީ، ދަރަނިތައް ދައްކަނީ އެ ކަމަށް ކުރިއާލާ ތައްޔާރުވެގެން ކަމަށާއި ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށް ދަރަނި ދެއްކުމަށް ފައިސާ ޖަމާކުރަމުންދާ ކަމަށެވެ.
ފިނޭންސް މިނިސްޓްރީ -- ސަން ފޮޓޯ/ ފަޔާޒް މޫސާގިނަ ދަރަނިތަކަކީ ބޭރު ފައިސާއިން ދައްކަން ޖެހޭ ދަރަނިތައްކަން ފާހަގަކުރައްވަމުން ޒަރީރު ވިދާޅުވީ، ގާނޫނުތަކަށް ގެނެވޭ ބަދަލުތަކުން ބޭރު ފައިސާ އިތުރަށް ލިބޭނެ މަގު ފަހި ކުރަމުން އަންނަ ކަމަށެވެ.
މީގެ އިތުރުން، މި އަހަރު ނިމުމަށް ފަހު، މާ ބޮޑެތި ދަރަނިތައް ދެއްކުމަކަށް ނެތް ކަމަށާއި އެ ދަރަނިތައް ރާއްޖެއަށް ލިބޭ އާމްދަނީން ދެއްކޭނެކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި، އެ ދަރަނިތައް ދެއްކުމުގައި މި އަހަރު ތެރޭގައި ދިމާވި ގޮންޖެހުންތައް ދިމައެއް ނުވާނެ ކަމަށާއި ޚަރަދުތައް ކުޑަކުރުމުގެ މަސައްކަތް ކުރާކަން ޒަރީރު ހާމަކުރެއްވިއެވެ.
"އެހެންވީމަ އެ މަސައްކަތްތަކުގެ ތެރެއިން އަޅުގަނޑު ގަބޫލުކުރަނީ އަޅުގަނޑުމެނަށް ނުއުފުލޭ ވަރުގެ ބުރައެއް ދަރަނި ދެއްކުމުގައި މިހާރު ކުރިމަގުގައި ފެންނާނަކަށް ނެތް،" ޒަރީރު ވިދާޅުވިއެވެ.
މިނިސްޓަރު އެ ފަދައިން ވިދާޅުވިއިރު، ދައުލަތުގެ ބޮޑެތި ދަރަނިތައް އަދާކުރުމަށާއި މާލީ ރައްކާތެރިކަން އިތުރުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާ އެކު، ބައިނަލްއަގްވާމީ ކްރެޑިޓް ރޭޓިން އެޖެންސީ "މޫޑީޒް" އިން ރާއްޖޭގެ ސޮވެރިން ކްރެޑިޓް ރޭޓިން މަތިކޮށްފައެވެ. އެގޮތުން ރާއްޖޭގެ ރޭޓިން މަތިކޮށްފައިވަނީ ސީއޭއޭ2 އިން ސީއޭއޭ1 އަށެވެ.
މޫޑީޒްއިން ފާހަގަކުރި ގޮތުގައި، މި އަހަރުގެ އޭޕްރީލް މަހު ދައްކަންޖެހުނު 500 މިލިއަން ޑޮލަރުގެ ބޮޑު ސުކޫކު ސަރުކާރުން ވަނީ ކާމިޔާބުކަމާއެކު އަދާކޮށްފައެވެ. މީގެއިތުރުން، ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އަށް ދައްކަންޖެހޭ 50 މިލިއަން ޑޮލަރުގެ ދެ ޓްރެޝަރީ ބިލާއި، 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވަޕް ފެސިލިޓީ ވެސް ވަނީ ދައްކައި ޚަލާސްކޮށްފައެވެ. އަދި އަބޫދާބީ ފަންޑަށް ދައްކަންޖެހޭ 100 މިލިއަން ޑޮލަރު އަނބުރާ ދެއްކުމުގެ މުއްދަތު 2031 ވަނަ އަހަރާ ހަމައަށް ވަނީ އިތުރުކުރެވިފައެވެ.
މި ދަރަނިތައް ދެއްކުމާ ގުޅިގެން، މިދިޔަ އަހަރުގެ ނިޔަލަށް 2.8 ބިލިއަން ޑޮލަރުގައި (ޖީޑީޕީގެ 35 އިންސައްތަ) ހުރި ބޭރުގެ ދަރަނި ވަނީ މި އަހަރުގެ ދެވަނަ ކުއާޓަރާ ހަމައަށް އައިއިރު 2.4 ބިލިއަން ޑޮލަރަށް (ޖީޑީޕީގެ 30 އިންސައްތަ) ދަށްކުރެވިފައެވެ.
މީގެއިތުރުން، ތެލުގެ އަގު މައްޗަށް ދިއުމާއި ފަތުރުވެރިކަމުން ލިބޭ އާމްދަނީ ދަށްވުމުގެ ސަބަބުން ރާއްޖޭގެ އިގުތިސާދަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށާއި، ރިޒާވް ވަރުގަދަކޮށް އިގުތިސާދީ އިސްލާހީ ފިޔަވަޅުތައް ކުރިއަށް ގެންދިއުމަށް ވޯލްޑް ބޭންކާއި ބައިނަލްއަގުވާމީ އެހީދޭ ފަރާތްތަކުގެ އެހީތެރިކަމަށް ރާއްޖެއިން ވަނީ އެދިފައެވެ.
މި އަހަރު ރާއްޖޭން ދައްކަން ޖެހޭ ދަރަނީގެ މިންވަރު 1.1 ބިލިއަން ޑޮލަރަށް އަރާއިރު، ފިނޭންސް މިނިސްޓްރީން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސްހިސާބުން ދައްކާ ގޮތުގައި، މި މަހުގެ އަށްވަނަ ދުވަހުގެ ނިޔަލަށް، ދަރަނި ދެއްކުމަށް ވަނީ 10.1 ބިލިއަން ރުފިޔާ ޚަރަދުކޮށްފައެވެ.