800 އަށްވުރެ ގިނަ ބަނގުރާ ފުޅިއާއެކު ހައްޔަރުކުރި ދެ މީހެއްގެ ބަންދަށް އިތުރު 10 ދުވަސް

ހ. މާދޫގެއިން ފުލުހުން ހޯދި ބަނގުރާ ފުޅިތައް: މި މައްސަލައިގައި ހައްޔަރުކުރި ތިން މީހުންގެ ތެރެއިން ދެ މީހުންގެ ބަންދަށް އިތުރު 10 ދުވަސް ޖަހައިފި -- ފޮޓޯ/ ފުލުހުން

ހެންވޭރު ގެއެއް ބަލައިފާސްކޮށް، ގިނަ އަދަދެއްގެ ބަނގުރާ ފުޅިތަކާއެކު ހައްޔަރުކުރި ބަންގްލަދޭޝްގެ ތިން މީހުންގެ ތެރެއިން ދެ މީހެއްގެ ބަންދަށް ކްރިމިނަލް ކޯޓުން އިތުރު 10 ދުވަސް ޖަހައިފިއެވެ.

މި މައްސަލައިގައި ކޯޓުން ބަންދުގެ މުއްދަތު އިތުރުކުރީ ބަންގްލަދޭޝަށް ނިސްބަތްވާ އުމުރުން 34 އަހަރުގެ އަލް އަމީނާއި އުމުރުން 43 އަހަރުގެ ޕޮލިންގެއެވެ. އެ ދެ މީހުންގެ ބަންދަށް އެންމެ ފުރަތަމަ ކޯޓުން ޖެހީ ފަސް ދުވަހުގެ މުއްދަތެކެވެ. އެއަށްފަހު އެ މުއްދަތު ހަމަވުމުން އިއްޔެ ވަނީ އެ ދެމީހުންގެ ބަންދަށް ވެސް 10 ދުވަސް ޖަހާފައެވެ.

ކޯޓު އަމުރުގައިވާ ގޮތުން އެ ދެ މީހުން ހައްޔަރުކުރީ އެ ދެ މީހުންގެ މައްޗަށް ވެސް ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުށަހަޅާފައިވުމުންނެވެ. އެގޮތުން ސީނަށް ދިޔަ ފުލުހެއްގެ ބަޔާނާއި މި މައްސަލައާ ގުޅިގެން ހ. މާދޫގޭގެ އެއްވަނަ ފުލޯއިން ފެނުނު 320 ފުޅިއާއި ފަސްވަނަ ފުލޯއިން ފެނުނު 504 ފުޅީގެ ފޮޓޯ ރިޕޯޓު ހިމެނޭ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ހ. މާދޫގެއިން ހޯދި ބަނގުރާ ފުޅިތައް -- ފޮޓޯ: ޕީއެސްއެމް ލައިވް، ސްކްރީންޝޮޓް

ޕޮލިންގެ ކޯޓު އަމުރުގައި އޭނާއާ ގުޅުންހުރި ތަނަކުން ގިނަ އަދަދެއްގެ ބަނގުރާ ފެނިފައިވާ ކަަމަށް ސީންގައި ހަރަކާތްތެރިވި ފުލުސް މީހާ، (އައިއޯ) ބުނެފައިވާ ކަމަށާއި ބަނގުރާ ޑެލިވަރީ ކުރުމަށް ހަވާލުކުރަނީ އޭނާއާ ކަމަށާއި، އޭނާ އަކީ އެތަނުގެ ސުޕަވައިޒަރުކަން އައިއޯ ފާހަގަކޮށްފައިވާ ކަމަށް ބުނެފައިވެއެވެ. އޭނާ ވަނީ އޭނާއަކީ ބަނގުރާ ފެނުނު އޮފީހުގެ މުވައްޒަފެއް ކަމަށާއި މުވައްޒަފެއްގެ ހައިސިއްޔަތުން އޮފީހުގެ އެކްސެސް އޮންނަނީ ކަމަށް ކޯޓުގައި ބުނެފައެވެ.

މީގެ އިތުރުން އަލް އަމީންގެ ކޯޓު އަމުރުގައި އޭނާއާ ގުޅުންހުރި ތަނަކުން ގިނަ އަދަދެއްގެ ބަނގުރާ ފެނިފައިވާ ކަަމަށާއި އޭނާ އެތަކެތި ޑެލިވަރީކޮށް ފައިސާގެ މުއާމަލާތްކުރާ ކަމަށް ސީނުގައި ބުނެފައިވާކަން އައިއޯ ފާހަގަކޮށްފައިވާ ކަމަށް ބުނެފައިވެއެެވެ.

ފުލުހުންގެ ކައުންޓަ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން ހިންގި އެ ހާއްސަ އޮޕަރޭޝަނުގައި ޖުމްލަ 826 ފުޅި ބަނގުރާ އަތުލައިގެންފައިވެއެވެ.

https://www.sun.mv/229012

މި މައްސަލައިގައި އޭރު ތިން މީހަކު ހައްޔަރުކުރިއިރު، ރަކިބް ހޮސެންގެ ބަންދަށް ކޯޓުން އޭރު ޖެހީ 15 ދުވަހުގެ މުއްދަތެކެވެ. އެހެންކަމުން ދެން މި ތިން މީހުންގެ ބަންދުގެ މުއްދަތު ހަމަވާނީ މިމަހުގެ 27ވާ އަންގާރަ ދުވަހަށެވެ.

ފުލުހުން ބުނީ މި އޮޕަރޭޝަންގައި އަތުލައިގަތް ބަނގުރާ ފުޅިތައް ހުރީ ސްޓޯ ރޫމެއްގެ އެކި ތަންތަނުގައި ހާމައަށް ބަހައްޓާފައި ކަމަށާއި ބައެއް ފުޅިތައް ފޮށިގަނޑުތަކުގައި ބަންދުކޮށްފައި ހުރިއިރު، އެ ފޮށިތަކުގައި ބަނގުރަލުގެ އެކި ބްރޭންޑްތަކުގެ ނަންތައް ލިޔެފައި ހުރިކަމަށެވެ.

https://sun.mv/229115

ފުލުހުން ހާމަކުރި ގޮތުގައި މި އޮޕަރޭޝަނަކީ މާލޭގައި ގަވާއިދާ ހިލާފަށް ބަނގުރާ ވިއްކައި ފޯރުކޮށްދެމުންދިޔަ ނެޓްވޯކެއް ހުއްޓުވުމަށް ހިންގި އޮޕަރޭޝަނެކެވެ.

މި ފަހަކަށް އައިސް ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނާއި، މަސްތުވާތަކެތީގެ ނެޓްވޯކްތަކުގައި ބައިވެރިވާ ބިދޭސީން ހޯދުމަށް ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ދަނީ ވަރުގަދަ އޮޕަރޭޝަންތަކެއް ހިންގަމުންނެވެ.

comment ކޮމެންޓް