ކާތިކް އަދި ސްރީލީލާގެ ރޮމޭންޓިކް މިއުޒިކަލް ފިލްމު އަންނަ އަހަރަށް ފަސްކޮށްފި

ބޮލީވުޑްގެ ކާމިޔާބު ތަރި ކާތިކް އާރްޔަން އާއި ޒުވާން ބަތަލާ ސްރީލީލާ އެކުގައި ފެނިގެންދާ، މަޝްހޫރު ޑައިރެކްޓަރު އަނޫރާގް ބާސޫގެ ރޮމޭންޓިކް މިއުޒިކަލް ފިލްމު ސިނަމާތަކަށް ގެންނަ ތާރީޚު ފަސްކުރުމަށްފަހު، ރިލީޒްކުރާނެ އައު ތާރީޚު ރަސްމީކޮށް އިއުލާންކޮށްފިއެވެ.

މި ފިލްމު މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އަޅުވަން ތާވަލުކުރި ނަމަވެސް، މި ފިލްމު ދެން ބެލުންތެރިންނާ ހަމައަށް އަންނާނީ އަންނަ އަހަރުގެ އޭޕްރިލް 30ގައެވެ. ރިލީޒްކުރާ ތާރީޚު ކަށަވަރުކޮށްދިން ނަމަވެސް، ފިލްމަށް ކިޔާނެ ރަސްމީ ނަމެއް އަދިވެސް ހާމައެއް ނުކުރެއެވެ.

ކާތިކް އާއި ސްރީލީލާގެ ހިތްގައިމު ކެމިސްޓްރީއާ އެކު މި ފިލްމުގެ ޖާދޫގައި ގިނަ ބަޔަކު ޖެހިފައިވާއިރު ފިލްމީ ރިލީޒްކުރާ ތާރީޚާއެކު އާންމުކޮށްފައިވަނީ، މި ޕްރޮޖެކްޓް އެންމެ ފުރަތަމަ އިއުލާންކުރިއިރު ވެސް ބޭނުންކުރި، ޝޫޓިން ސެޓުން ނަގާފައިވާ ދެ ތަރިންގެ ފޮޓޯއެކެވެ. ބޫޝަން ކުމާރުގެ ޓީ-ސީރީޒުން ޕްރޮޑިއުސްކުރާ މި ފިލްމަކީ ހިތްތަކުގައި ބިންވަޅު ނެގިގެންދާނެ ފަދަ ފުރިހަމަ ލޯބީގެ ވާހަކައެއް ކަމަށް ބުނެފައިވާއިރު، ރިލީޒްކުރާނެ ދުވަސް ކަށަވަރުވުމުން ބެލުންތެރިންގެ ގިނަ ބަޔަކަށް ވަނީ ބޮޑު ހިތްހަމަޖެހުމެއް ލިބިފައެވެ. ނަމަވެސް، އަދިވެސް ފިލްމަށް ވަކި ނަމެއް ހަމަޖައްސާފައި ނުވާތީ، ވީ އެންމެ އަވަހަކަށް ނަން ހާމަކޮށްދިނުމަށް އެދި ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި އަޑުއުފުލަމުންނެވެ.

ކާތިކް އާއި ސްރީލީލާ އެކީގައި މަސައްކަތްކުރާ މިއުޒިކަލް ޑްރާމާގެ ޝޫޓިންގްގައި-- ފޮޓޯ/ އިންޑިއާޓުޑޭ

މިއީ ބޮޑު ސްކްރީނުން ކާތިކް އާއި ސްރީލީލާ އެކުގައި ފެނިގެންދާނެ ފުރަތަމަ ފަހަރެވެ. އަނޫރާގް ބާސޫގެ ޚާއްޞަ ޑައިރެކްޝަނުގެ ދަށުން އުފައްދާ މި ރޮމޭންޓިކް މިއުޒިކަލް އިތުރަށް ފުރިހަމަކޮށްދެނީ، އިންޑިއާގެ އެންމެ ފުންނާބުއުސް އެއް މިއުޒިކް ޑައިރެކްޓަރު ކަމަށްވާ ޕްރީތަމް ތައްޔާރުކުރާ ރީތި ރާގުތަކާއި ލަވަތަކުންނެވެ.

މި ފިލްމު ސިނަމާތަކަށް ގެނައުން ލަސްވުމާ ގުޅިގެން ޕްރޮޑަކްޝަންގެ މަސައްކަތްތަކާ މެދު ތަފާތު ގޮތްގޮތަށް އަޑުފެތުރުނު ނަމަވެސް، ޑައިރެކްޓަރު އަނޫރާގް ބާސޫ ވަނީ އެ ވާހަކަތައް ދޮގުކޮށްފައެވެ. އޭނާ ބުނެފައިވަނީ ފިލްމުގެ މަސައްކަތް ކުރިއަށްދަނީ ރޭވިފައިވާ ތާވަލާ އެއްގޮތަށް ކަމަށާއި، މިއީ މުޅި ޓީމުގެ ވަރަށް ބޮޑު އިތުބާރަކާއި އުންމީދަކާ އެކު ބެލުންތެރިންނާ ހަމައަށް ގެނެސްދޭން މަސައްކަތްކުރާ މުހިންމު ޕްރޮޖެކްޓެއް ކަމަށެވެ.

މީގެ އިތުރުން ފިލްމުގެ ބޮޑުބައި ޝޫޓްކޮށް ނިމިފައިވާ ކަމަށް ބުނެ ދެކެވުނު ވާހަކަތައް ސާފުކޮށްދެމުން، ވެރައިޓީ އިންޑިއާއަށް ދިން އިންޓަވިއުއެއްގައި ބާސޫ ހާމަކުރި ގޮތުގައި ޝޫޓިން ފެށިތާ އަދި މާގިނަ ދުވަހެއް ނުވެއެވެ. އަދި އޭރު މަސައްކަތް ކުރެވުނީ އެންމެ 45 ދުވަހަށް ވުރެ ވެސް ކުރު މުއްދަތަކަށް ކަމަށް އަނޫރާގު ބުނެފައިވެއެވެ.

ފުރަތަމަ ފަހަރަށް ޚާއްޞަ ޕްރޮމޯ ވީޑިއޯއަކާއެކު މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އިއުލާންކުރި މި ފިލްމަށް އޭރުއްސުރެ ބޮޑު ތަރުހީބެއް ލިބެމުން އަންނައިރު، ތާރީޚުތަކަށް ގެނައި މި ބަދަލާއެކު ބެލުންތެރިން މި ފިލްމު ބަލައިލުމަށް ދެން އިންތިޒާރުކުރަން ޖެހޭނީ 2027 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ފަހުކޮޅަށެވެ.

comment ކޮމެންޓް