ގައުމީ ވޮލީބޯޅަ ލީގު: ހުރާ ބަލިކޮށް ޕޮލިސް ކުލަބުން އަންހެން ޑިވިޝަން ފެށީ މޮޅަކުން

ގައުމީ ވޮލީބޯޅަ ލީގު އަންހެން ޑިވިޝަނުގައި ހުރާ ކޮމިއުނިޓީ ކުލަބާއި ޕޮލިސް ކުލަބް ބައްދަލުކުރި މެޗުގެ ތެރެއިން-- ސަން ފޮޓޯ: މުޙައްމަދު ޝާން

ގައުމީ ވޮލީ ލީގުގެ އަންހެން ޑިވިޝަނުގެ ދެވަނަ މެޗުގައި ހުރާ ކޮމިއުނިޓީ ކުލަބާއި ޕޮލިސް ކުލަބު ބައްދަލުކުރި މެޗު ސީދާ ތިން ސެޓުން ޕޮލިސް ކުލަބު ކާމިޔާބުކޮށްފިއެވެ.

ޕޮލިހުން މި މެޗުގެ ސެޓުތައް ގެންގޮސްފައިވަނީ 23-25، 18-25 އަދި 22-25 އިންނެވެ.

މެޗު ފެށިގެންދިޔައީ ވަރަށް ވާދަވެރި ސެޓަކުންނެވެ. އެގޮތުން، އެއްވެސް ޓީމަކަށް ގިނައިރު ލީޑެއް ހިފެހެއްޓިފައި ނުވާއިރު، ދެޓީމުގެ ފަރާތުންވެސް ފެނިފައިވަނީ ދާދި ހަމަހަމަ ކުޅުމެކެވެ. ސެޓުގެ އެންމެ ފަހު ޕޮއިންޓާ ހަމައަށްވެސް ވާދަވެރިކަން ދެމިއޮތެވެ.

ގައުމީ ވޮލީބޯޅަ ލީގު އަންހެން ޑިވިޝަނުގައި ހުރާ ކޮމިއުނިޓީ ކުލަބާއި ޕޮލިސް ކުލަބް ބައްދަލުކުރި މެޗުގެ ތެރެއިން-- ސަން ފޮޓޯ: މުޙައްމަދު ޝާން

މިއާ ހިލާފަށް ދެވަނަ ސެޓު ފެށުމާއެކު ފެނިގެންދިޔައީ ޕޮލިސް ކުލަބުން ރަނގަޅު ލީޑެއް ނެގިތަނެވެ. ސެޓުގެ ކުރީކޮޅު ހުރާ ޓީމަށް ހެދުނު ގިނަ ގޯސްތަކެއްގެ ފައިދާ ނަގައިގެން ޕޮލިސް ކުލަބުން ލީޑު ފުޅާކުރި ނަމަވެސް ސެޓު ކުރިއަށްދިޔަ ވަރަކަށް ހުރާއިން ޖެހިޖެހިގެން ގިނަ ޕޮއިންޓުތަކެއް ހޯދަން ފެށިއެވެ. އެހެންކަމުން ދެވަނަ ސެޓު، ޕޮލިސް ކުލަބުން ރަނގަޅު ލީޑެއްގައި ނިންމާލިނަމަވެސް އެއީ ފަސޭހަ ކަމަކަށް ނުވިއެވެ.

މެޗުގެ ތިންވަނަ ސެޓު ފަށައިގެން ހުރާއިން އެޓީމުގެ ކުޅުން ވަރަށް ބޮޑަށް ރަނގަޅުކޮށް، ރަނގަޅު ލީޑެއް ނެގިއެވެ. އެހެންނަމަވެސް ހުރާއިން ލީޑު ފުޅާކުރި ކޮންމެ ފަހަރަކު ޕޮލިސް ކުލަބުން ފަހަތުން އަރައި އެއްވަރުކުރިއެވެ.

ހުރާއިން ލީޑު ފުޅާކޮށް، ސެޓު ކާމިޔާބުކުރުމާ ގާތްވުމުން ޕޮލިސް ކުލަބުންވަނީ ރަނގަޅު ޓައިމް އައުޓެއް ނަގާފައެވެ. އެއަށްފަހު ކުޅެން އަރައި، ޕޮލިސް ކުލަބުން ވަނީ ކައިރިކައިރީގައި ޕޮއިންޓުތައް ހޯދައި، މެޗު ނިންމާލާފައެވެ.

ގައުމީ ވޮލީބޯޅަ ލީގު އަންހެން ޑިވިޝަނުގައި ހުރާ ކޮމިއުނިޓީ ކުލަބާއި ޕޮލިސް ކުލަބް ބައްދަލުކުރި މެޗުގެ ތެރެއިން-- ސަން ފޮޓޯ: މުޙައްމަދު ޝާން

އަންހެން ޑިވިޝަނުގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު، ކުލަބް އެމްޓީސީސީ އާއި ސިޓީ ފްރެންޑްސް ކުލަބް ބައްދަލުކުރި މެޗު، ތިން ސެޓު އެއް ސެޓުން ކާމިޔާބުކުރީ ކުލަބް އެމްޓީސީސީއެވެ. އެޓީމުން މެޗުގެ ސެޓުތައް ގެންގޮސްފައިވަނީ 11-25، 25-21، 24-26 އަދި 12-25 އިންނެވެ.

މުބާރާތުގައި މާދަމާ ކުރިއަށްދާނީ ފިރިހެން ޑިވިޝަނުގެ ކުޅުމެވެ. އެގޮތުން މާދަމާ ހަވީރު ބައްދަލުކުރާނީ ކުލަބް އެޗްޑީސީ އާއި ޕޮލިސް ކުލަބެވެ. އަދި މާދަމާ ރޭ ބައްދަލުކުރާނީ ދިވެހި ސިފައިންގެ ކުލަބެވެ.

މި މުބާރާތުގެ ހުރިހާ މެޗެއް ވެސް ސަން ޕްލޭ އެޕް މެދުވެރިކޮށް ވަގުތުން ދުރަށް ދައްކާނެއެވެ. މެޗުގެ ޓިކެޓުގެ އަގަކީ ސޯޝަލް ސެންޓަރަށް ދުރުވާނަމަ 30 ރުފިޔާ އަދި އޮންލައިންކޮށް، ސަން ޕްލޭ އެޕް މެދުވެރިކޮށް ބައްލަވާނަމަ 25 ރުފިޔާއެވެ.

comment ކޮމެންޓް