ދައުލަތުގެ އާމްދަނީ 31.5 ބިލިއަނަށް އެރިއިރު ހަރަދު 35 ބިލިއަން ރުފިޔާއަށް އަރައިފި

ފިނޭންސް މިނިސްޓަރު ޙަސަން ޒަރީރު: -- ފޮޓޯ/ މީރާ

މިދިޔަ ބުރާސްފަތި ދުވަހުގެ ނިޔަލަށް މި އަހަރު ދައުލަތަށް އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ލިބުނު ޖުމްލަ އަދަދު 31.566 ބިލިއަން ރުފިޔާއަށް އެރިއިރު ހަރަދު 35 ބިލިއަން ރުފިޔާއަށް އަރައިފިއެވެ.

މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް އިން އާންމުކޮށްފައިވާ އެންމެ ފަހުގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓުގައި ބުނެފައިވާ ގޮތުން، މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 30.635 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 3.0 އިންސައްތައިގެ ކުރިއެރުމެކެވެ.

މި ކުރިއެރުން މައިގަނޑު ގޮތެއްގައި އައިސްފައިވަނީ އިމްޕޯޓް ޑިއުޓީ އާއި މުދަލާއި ހިދުމަތުގެ އަގުން ނަގާ އާންމު ޓެކްސް (ޖީޖީއެސްޓީ) އިން ލިބުނު އާމްދަނީ އިތުރުވުމާ ގުޅިގެންނެވެ.

ރިޕޯޓުގެ ތަފާސްހިސާބުތައް ދައްކާގޮތުން، އިމްޕޯޓް ޑިއުޓީގެ ގޮތުގައި ލިބުނު އާމްދަނީ ވަނީ 18.3 އިންސައްތަ އިތުރުވެ، 2.757 ބިލިއަން ރުފިޔާއަށް އަރާފައެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި މި އަދަދު ހުރީ 2.331 ބިލިއަން ރުފިޔާގައެވެ. މީގެ އިތުރުން، ޖީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީއަށް 7.7 އިންސައްތައިގެ ކުރިއެރުމެއް އައިސްފައިވާއިރު، އެއީ 4.375 ބިލިއަން ރުފިޔާއެވެ. މި ބަދަލުތަކާއެކު، ޓެކްސްގެ ގޮތުގައި ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީ ވަނީ 7.4 އިންސައްތަ އިތުރުވެ، 24.394 ބިލިއަން ރުފިޔާއަށް އަރާފައެވެ.

މުދާ އުފުލާ ބޯޓެއް ކައިރިން މީހަކު ދަނީ: -- ސަން ފޮޓޯ/ ހުސައިން އާއިޝް އަޝްރަފް

އާމްދަނީ ލިބޭ އެހެނިހެން ދާއިރާތަކަށް ބަލާއިރު، ވިޔަފާރި އާއި މުދަލުން ނަގާ ޓެކްސް 21.3 އިންސައްތަ އިތުރުވެ 5.798 ބިލިއަން ރުފިޔާއަށް ވަނީ އަރާފައެވެ. އަދި އެއާޕޯޓް ސާވިސް ޗާޖާއި ޑިޕާޗާ ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ 9.2 އިންސައްތަ އިތުރުވެ 1.542 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 1.565 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ 9.1 އިންސައްތައިގެ އިތުރުވުމެކެވެ.

ހަމައެއާއެކު، މުދަލުން ލިބުނު އާމްދަނީ 12.3 އިންސައްތަ އިތުރުވެ 1.954 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، ހިލޭ އެހީގެ ގޮތުގައި ލިބުނު މިންވަރު ވަނީ 77.0 އިންސައްތަ އިތުރުވެ 515 މިލިއަން ރުފިޔާއަށް އަރާފައެވެ.

ދައުލަތުގެ ހަރަދުތަކަށް ބަލާއިރު، މިދިޔަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ޖުމްލަ ހަރަދު ވަނީ 35.984 ބިލިއަން ރުފިޔާއަށް އަރާފައެވެ. ފައިނޭންސް މިނިސްޓްރީން ބުނެފައިވާ ގޮތުގައި މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 18.3 އިންސައްތައިގެ އިތުރުވުމެކެވެ. މީގެ ތެރެއިން ރިކަރަންޓް ހަރަދަކީ 31.053 ބިލިއަން ރުފިޔާއެވެ. އަދި ކެޕިޓަލް ހަރަދަކީ 4.931 ބިލިއަން ރުފިޔާއެވެ.

ރިކަރަންޓް ހަރަދުތަކުގެ ތެރެއިން މުސާރަ އާއި އުޖޫރައަށް ކުރި ހޭދަ 14.1 އިންސައްތަ އިތުރުވެ 5.556 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، އެހީ އާއި ސަބްސިޑީގެ ގޮތުގައި ކުރި ހަރަދު ވަނީ 43.7 އިންސައްތަ އިތުރުވެ 10.366 ބިލިއަން ރުފިޔާއަށް އަރާފައެވެ. މީގެ ތެރެއިން ސަބްސިޑީއަށް ކުރި ހޭދަ 71.8 އިންސައްތަ އިތުރުވެ 4.265 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، އާސަންދައަށް ކުރި ހަރަދު ވަނީ 23.6 އިންސައްތަ އިތުރުވެ 1.910 ބިލިއަން ރުފިޔާއަށް އަރާފައެވެ. އިދާރީ ހިދުމަތްތަކަށް ކުރި ރިކަރަންޓް ހަރަދު 7.4 އިންސައްތަ އިތުރުވެ 1.982 ބިލިއަން ރުފިޔާއަށް ވަނީ އަރާފައެވެ. މިއާ ހިލާފަށް، ދަރަނި އަދާކުރުމާއި އިންޓްރެސްޓްގެ ހަރަދު ވަނީ 5.2 އިންސައްތަ ދަށްވެ، 3.801 ބިލިއަން ރުފިޔާއަށް ތިރިވެފައެވެ.

ކެޕިޓަލް ހަރަދުތަކަށް ބަލާއިރު، ބިމާއި އިމާރާތް ނުހިމަނައި އުމްރާނީ ތަރައްގީގެ ވަސީލަތްތަކަށް ކުރި ހަރަދު ވަނީ 8.6 އިންސައްތަ އިތުރުވެ 2.839 ބިލިއަން ރުފިޔާއަށް އަރާފައެވެ. އަދި ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމްތަކަށް (ޕީއެސްއައިޕީ) ކުރި ޖުމްލަ ހަރަދު ވަނީ 16.0 އިންސައްތަ އިތުރުވެ، 4.312 ބިލިއަން ރުފިޔާއަށް އަރާފައެވެ. ފައިނޭންސް މިނިސްޓްރީގެ ރިޕޯޓުން ދައްކާގޮތުގައި، މި މުއްދަތުގެ ނިޔަލަށް ދައުލަތުގެ މާލީ ހިސާބުތަކުން 4.418 ބިލިއަން ރުފިޔާގެ އޯވަރޯލް ޑެފިސިޓެއް ވަނީ ރެކޯޑް ކުރެވިފައެވެ.

comment ކޮމެންޓް