ބޭންކް އޮފް އެމެރިކާ 1.2 ބިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި

އެމެރިކާގެ ކަމާބެހޭ ފަރާތްތަކުން ބޭންކް އޮފް އެމެރިކާ 1.2 ބިލިއަން ޑޮލަރުން ޖޫރިމަނާކޮށްފިއެވެ.

މި ޖޫރިމަނާކޮށްފައިވަނީ ޝައްކުކުރެވޭ މާލީ މުއާމަލާތްތައް މޮނިޓަކޮށް ރިޕޯޓުކުރުމުގައި އެ ބޭންކުން ފެއިލްވެފައިވާތީ ކަމަށް އެމެރިކާގެ ޓްރެޝަރީ ޑިޕާޓްމަންޓުން ބުނެފައިވެއެވެ. މިއީ އެ ޑިޕާޓްމަންޓުގެ ތާރީހުގައިވެސް ކުރި ތިންވަނައަށް އެންމެ ބޮޑު ޖޫރިމަނާއެވެ.

ޓްރެޝަރީ ޑިޕާޓްމަންޓުން ބުނި ގޮތުގައި، ފަސް ބިލިއަން ޑޮލަރަށް ވުރެ ގިނަ އަދަދެއްގެ ޝައްކުކުރެވޭ މުއާމަލާތްތައް ސަރުކާރަށް ރިޕޯޓުކުރުމުގައި ބޭންކް އޮފް އެމެރިކާ ވަނީ ފެއިލްވެފައެވެ. މީގެ ތެރޭގައި ގައުމީ ސަލާމަތާ ގުޅުންހުރި އެއް ބިލިއަން ޑޮލަރުގެ މުއާމަލާތްތައް ހިމެނެއެވެ. މި ޖޫރިމަނާގެ ތެރޭގައި އޮފީސް އޮފް ދަ ކޮމްޕްޓްރޯލާ އޮފް ދަ ކަރަންސީ (އޯސީސީ) އިން ކުރި 750 މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް ހިމެނެއެވެ. މިއީ 2024 ވަނަ އަހަރު އެ އިދާރާއިން ނެރުނު އަމުރަކާ ގުޅިގެން ކުރި ޖޫރިމަނާއެކެވެ. އަދި މިއީ އޯސީސީގެ ތާރީހުގައިވެސް ކުރި އެންމެ ބޮޑު ޖޫރިމަނާއެވެ.

މީގެ އިތުރުން، ރަޝިޔާއާއި އީރާނާ ގުޅޭ ގޮތުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާ ހިލާފަށް 400 އަށް ވުރެ ގިނަ މުއާމަލާތް ކޮށްފައިވާތީ، އޮފީސް އޮފް ފޮރިން އެސެޓްސް ކޮންޓްރޯލް (އޯއެފްއޭސީ) އިން ވަނީ 11.6 މިލިއަން ޑޮލަރުން އެ ބޭންކު ޖޫރިމަނާކޮށްފައެވެ.

އެމެރިކާގެ ޓްރެޝަރީ ސެކްރެޓަރީ ސްކޮޓް ބެސެންޓް ވިދާޅުވި ގޮތުގައި، މިވަރުގެ ބޮޑު ބޭންކަކުން މަނީ ލޯންޑަރިން އާއި ދަތިކުރުމުގެ ފިޔަވަޅުތަކާ ގުޅޭ ޒިންމާތައް އަދާނުކުރުމުން، އޭގެ ނޭދެވޭ އަސަރު މުޅި އެމެރިކާގެ މާލީ ނިޒާމަށް ކުރާނެއެވެ. ޓްރެޝަރީން ފާހަގަކުރި ގޮތުގައި ބޭންކް އޮފް އެމެރިކާއިން އިސްކަންދިނީ ގަވާއިދުތަކަށް އަމަލުކުރުމުގެ ބަދަލުގައި އާމްދަނީ ހޯދުމަށެވެ.

ބޭންކް އޮފް އެމެރިކާގެ ތަރުޖަމާނަކު ވިދާޅުވީ މާލީ ކުށްތައް ހުއްޓުވުމަކީ ސީރިއަސް ކަމެއް ކަމަށާއި، އެކަން ރަނގަޅަށް ކުރުމަކީ އެ ބޭންކުގެ ޒިންމާއެއް ކަމަށެވެ. އަދި ޓެކްނޮލޮޖީއަށް ބިލިއަނުން އިންވެސްޓުކޮށް، މާލީ ކުށްތައް ހުއްޓުވުމަށް އެތައް ހާސް މުވައްޒަފުންނެއް ކަނޑައަޅާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ކަމާބެހޭ ފަރާތްތަކުގެ އެންގުމާ އެއްގޮތަށް، ކުރީގެ މުއާމަލާތްތައް މުރާޖައާކުރުމަށް މިނިވަން ތިންވަނަ ފަރާތެއް އައްޔަންކުރުމަށް ބޭންކް އޮފް އެމެރިކާއަށް ވަނީ އަންގާފައެވެ.

މި ޖޫރިމަނާގެ ސަބަބުން ބޭންކް އޮފް އެމެރިކާގެ ތިންވަނަ ކުއާޓަރުގެ ފައިދާއަށް އަސަރުކުރާނެ ކަމަށް އެ ބޭންކުން ބުނެފައިވެއެވެ. އެގޮތުން 1.2 ބިލިއަން ޑޮލަރުގެ ޗާޖެއް ހިމަނަން ޖެހުމުން، ހިއްސާއަކަށް ލިބޭ ފައިދާއިން ގާތްގަނޑަކަށް 17 ސެންޓް އުނިވާނެ ކަމަށް ތަރުޖަމާނު ވިދާޅުވިއެވެ.

މި ހަބަރާއެކު، ހިއްސާގެ ބާޒާރުގައި އެ ބޭންކުގެ ހިއްސާގެ އަގު ވަނީ 2.7 ޕަސެންޓް ދަށަށް ގޮސްފައެވެ. ޔޫބީއެސްގެ އެނަލިސްޓް އެރިކާ ނަޖާރިއަން ވިދާޅުވި ގޮތުގައި، މި ޖޫރިމަނާގެ ސަބަބުން އިންވެސްޓަރުންގެ މެދުގައި ކަންބޮޑުވުން އުފެދި، ބޭންކުގެ ހަރަދުތައް ބޮޑުވެދާނެ ކަމުގެ ބިރު އެބައޮތެވެ.

ބޭންކް އޮފް އެމެރިކާ ޖޫރިމަނާކޮށްފައި މިވަނީ، މަނީ ލޯންޑަރިންއާ ދެކޮޅަށް އަޅަންޖެހޭ ފިޔަވަޅުތައް ނޭޅުމުގެ ސަބަބުން އެމެރިކަން އެކްސްޕްރެސް 350 މިލިއަން ޑޮލަރުން ޖޫރިމަނާކުރިތާ މަދު ދުވަސްކޮޅެއް ފަހުންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް