ކަސްޓަމަރުންގެ ޒާތީ މައުލޫމާތުގެ މައްސަލައިގައި މެޓާއަށް 25 ބިލިއަން ޑޮލަރުގެ ޖޫރިމަނާއެއް

ކަސްޓަމަރުންނަށް އޮޅުވާލައި އެމީހުންގެ ޒާތީ މައުލޫމާތު ވަގަށް ނެގިކަމަށް ބުނާ މައްސަލައެއް ސާބިތުވުމާ ގުޅިގެން، މެޓާ ޕްލެޓްފޯމްސް 25 ބިލިއަން އެމެރިކާ ޑޮލަރުން ޖޫރިމަނާކޮށްފިއެވެ.

އެމެރިކާގެ ނިއު މެކްސިކޯގެ ގާޒީއަކު އިއްވި މިހުކުމަކީ އެމެރިކާގެ ތާރީޚުގައި ވެސް ކުންފުންޏަކާ ދެކޮޅަށް އިއްވި އެންމެ ބޮޑު އެއް މާލީ ޖޫރިމަނާއެވެ.

މި މައްސަލައަކީ 2016 ވަނަ އަހަރުގެ އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ޑޮނަލްޑް ޓްރަމްޕްގެ ކެމްޕޭނާ ގުޅިގެން މަސައްކަތްކުރި އިނގިރޭސިވިލާތުގެ ސިޔާސީ ކޮންސަލްޓިން ފާމެއް ކަމަށްވާ ކޭމްބްރިޖް އެނަލިޓިކާއިން، ފޭސްބުކް ބޭނުންކުރާ އެތައް މިލިއަން ބައެއްގެ މައުލޫމާތު އެމީހުންގެ ހުއްދައެއް ނެތި ހޯދި މައްސަލައާ ގުޅިގެން ނިއު މެކްސިކޯއިން އުފުލި ދައުވާއެކެވެ.

ނިއު މެކްސިކޯއިން މެޓާއާ ދެކޮޅަށް 2021 ވަނަ އަހަރު ދައުވާކުރީ، އެ ސްޓޭޓްގައި ފޭސްބުކް ބޭނުންކުރާ ފަރާތްތަކުގެ މައުލޫމާތު ލިބެނީ ކޮން ބަޔަކަށްކަމާމެދު ދޮގުހަދައި، ނަފްރަތުގެ ވާހަކަތަކާއި ދޮގު މައުލޫމާތު ފެތުރުން ހުއްޓުވުމުގައި އިހުމާލުވި ކަމަށް ތުހުމަތުކޮށެވެ.

https://sun.mv/229111

ގާޒީ ފްރެންސިސް މެތިއު ނެރުއްވި އަމުރުގައި ވިދާޅުވެފައިވަނީ، ފޭސްބުކްގެ ކުށްތަކަކީ ގިނަ އަހަރުތަކެއް ވަންދެން ރޭވުންތެރިކަމާއެކު ހިންގާފައިވާ، އެ ކުންފުނީގެ މައިގަނޑު ވިޔަފާރި އުސޫލުތަކާ ގުޅިފައިވާ ކަންކަން ކަމަށެވެ. ޖޫރީގެ ނިންމުމަށް ތިން ހަފުތާއަށްވުރެ ގިނަ ދުވަސް ވީފަހުން ނެރުއްވި މި އަމުރުގައި ގާޒީ ވިދާޅުވީ، ސްޓޭޓްގެ ގާނޫނުތަކަށް ބަލާއިރު 219 ބިލިއަން ޑޮލަރަށްވުރެ ބޮޑު ޖޫރިމަނާއެއް ހައްގުވާ ކަމަށާއި، ނަމަވެސް އެ އަދަދު 25 ބިލިއަން ޑޮލަރަށް ކުޑަކުރެއްވީ ކަމަށެވެ.

މި ނިންމުމާ ގުޅިގެން މެޓާގެ ޗީފް ލީގަލް އޮފިސަރު ސީޖޭ މެހޯނީ ވިދާޅުވީ، އިސްތިއުނާފުގެ މަރުހަލާގައި މެޓާއަށް ކާމިޔާބުވާނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ. އަދި މި ޙުކުމާއި އެޓާނީ ޖެނެރަލްގެ އަމަލުތަކުގެ ސަބަބުން ނިއު މެކްސިކޯގައި ވިޔަފާރިކުރުން ދަތިވެގެންދާނެ ކަމަށާއި، މިއީ އޮންލައިންކޮށް މީހުން ދައްކާ ވާހަކަތައް ކޮންޓްރޯލްކުރުމަށްޓަކައި ވާހަކަދެއްކުމުގެ މިނިވަންކަމުގެ މައްޗަށް ނަގާ ޓެކްސެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.

ނިއު މެކްސިކޯގެ އެޓާނީ ޖެނެރަލް ރާއުލް ތޮރޭޒް ވިދާޅުވީ، މިއީ އެމެރިކާގެ ތާރީޚުގައި ކޯޕަރޭޝަނަކާ ދެކޮޅަށް އިއްވުނު އެންމެ ބޮޑު އެއް މާލީ އަދަބު ކަމަށެވެ. އަދި ބޮޑެތި ޓެކްނޮލޮޖީ ކުންފުނިތައް ޒިންމާދާރުކުރުވުމުގައި މިއީ ލިބުނު ބޮޑު ކުރިއެރުމެއް ކަމަށާއި، ކަސްޓަމަރުންނާއި ރައްޔިތުން ރައްކާތެރިކުރާނެކަމުގެ ސާފު މެސެޖެއް މި ނިންމުމުން ލިބިގެންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ސެޕްޓެމްބަރު މަހު ޖޫރީން ނިންމާފައި ވަނީ މެޓާއާއި އެ ކުންފުނީގެ ވެރިން ޑޭޓާ ޕްރައިވަސީއާއި ނަފްރަތުގެ ވާހަކަތަކާ ގުޅޭގޮތުން 26 އޮޅުވާލުން ހިމެނޭ ބަޔާނެއް ދީފައިވާ ކަމަށެވެ. އަދި އެ ބަޔާންތައް ވާސިލުވި އާބާދީއަށް ބަލައި، ނިއު މެކްސިކޯގެ ކޮންސިއުމާ ޕްރޮޓެކްޝަން ގާނޫނާ މެޓާއިން 43 މިލިއަނަށްވުރެ ގިނަ ފަހަރު ޚިލާފުވެފައިވާ ކަމަށް ނިންމިއެވެ. އޮކްޓޯބަރު 1 ގައި ބޭއްވި އަޑުއެހުމުގައި ސްޓޭޓްގެ ވަކީލު ރަންޑީ މެކްގިން އެދިވަޑައިގަތީ 35 ބިލިއަނާއި 40 ބިލިއަން ޑޮލަރާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމަށެވެ. ނަމަވެސް މެޓާއިން ކޯޓުގައި އެދުނީ ޖޫރިމަނާގެ އަދަދު 3.45 ބިލިއަން ޑޮލަރަށްވުރެ އިތުރުނުކުރުމަށެވެ. މެޓާއިން ބުނީ އެ ކުންފުނިން ބޭނުންކުރާ ފަރާތްތަކުގެ މައުލޫމާތު ނުވިއްކާ ކަމަށާއި، އެއްވެސް ކަސްޓަމަރަކަށް އޮޅުވާލެވިފައިވާކަން ސްޓޭޓަށް ސާބިތުކޮށްދެވިފައި ނުވާ ކަމަށެވެ.

comment ކޮމެންޓް