އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ބީބީސީއާ ދެކޮޅަށް އުފުއްލާފައިވާ އަބުރުގެ ދައުވާއާ ގުޅިގެން، ހުވާކޮށްގެން ސުވާލުކުރުމަށް (ޑިޕޮޒިޝަން) އަންނަ ޑިސެމްބަރު މަހުގެ 11 ވަނަ ދުވަހުގެ ކުރިން ހާޒިރުވެވަޑައިގަތުމަށް އެމެރިކާގެ ފަނޑިޔާރަކު އަމުރުކުރައްވައިފިއެވެ.
މި މައްސަލައަކީ 2021 ވަނަ އަހަރު އެމެރިކާގެ ކެޕިޓޮލް އިމާރާތަށް ހަމަލދިނުމުގެ ކުރިން ޓްރަމްޕް ދެއްކެވި ވާހަކަފުޅެއްގެ ދެ ބައެއް ބީބީސީގެ "ޕެނޮރާމާ" ޕްރޮގްރާމެއްގައި ގުޅުވައިގެން ގެނެސްދިން މައްސަލައާ ގުޅިގެން އުފުލާފައިވާ ދައުވާއެކެވެ. މިދިޔަ އޮކްޓޯބަރު މަހުގެ 16 ވަނަ ދުވަހު މިފަދަ ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިފައި އޮތް ނަމަވެސް، ގައުމީ މުހިންމު ކަންކަމާ ހުރެ ކަމަށް ވިދާޅުވެ ޓްރަމްޕް ވަނީ އެ ބައްދަލުވުން ކެންސަލްކުރައްވާފައެވެ.
ނަމަވެސް ބީބީސީގެ ފަރާތުން ވަކާލާތުކުރައްވާ ވަކީލު ކޯޓުގައި ވިދާޅުވީ، އެ ދުވަހު ޓްރަމްޕް އުޅުއްވީ ޖޯޖިއާގައި ކެމްޕޭން ހަރަކާތްތަކެއްގައި ކަމަށާއި، ސުވާލުކުރުމަށްވުރެ އެކަމަށް އޭނާ އިސްކަންދެއްވީ ކަމަށެވެ.
މިއާމީގެ ކޯޓެއްގައި ބުރާސްފަތި ދުވަހު ވާހަކަދައްކަވަމުން ބީބީސީގެ ވަކީލު ވިދާޅުވީ، ހެކި ހޯދުމުގެ މަރުހަލާ ނިމެން ދެ މަހަށް ވެފައިވާއިރުވެސް ޓްރަމްޕް އަދިވެސް ހުވާކޮށްގެން ސުވާލުކުރުމުގެ މަރުހަލާ ފުރިހަމަކުރައްވާފައި ނުވާ ކަމަށެވެ.
އެމެރިކާގެ މެޖިސްޓްރޭޓް ފަނޑިޔާރު އެންޖޮލީކް ލެޓް އަންގާފައިވަނީ ޑިސެމްބަރު 11 ގެ ކުރިން ޓްރަމްޕް މިކަމަށް ހާޒިރުވެވަޑައިނުގަންނަވައިފިނަމަ، ދައުވާ ބާތިލުކުރުން ހިމެނޭ ފަދަ ހަރުކަށި ފިޔަވަޅުތަކަކާ ކުރިމަތިލާން ޖެހިވަޑައިގަންނަވާނެ ކަމަށެވެ.
އެމެރިކާގެ ގާނޫނުގައިވާ ގޮތުން ޑިޕޮޒިޝަން ނުވަތަ ހުވާކޮށްގެން ސުވާލުކުރުމަކީ ކޯޓުން ބޭރުގައި، ނަމަވެސް ޝަރީއަތުގެ ލިޔެކިޔުންތަކުގައި ބޭނުންކުރުމަށްޓަކައި ކޯޓު ރިޕޯޓަރުން ރެކޯޑުކުރާ ރަސްމީ ބަސްދީގަތުމެކެވެ.
މި މައްސަލައާ ގުޅިގެން ޓްރަމްޕްގެ ވަކީލުން ބުނެފައި ވަނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 11 އާއި 22އާ ދެމެދުގެ ތާރީޚެއްގައި އޭނާއަށް ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވިދާނެ ކަމަށެވެ. ޓްރަމްޕްގެ ފަރާތުން ފްލޮރިޑާގައި ހުށަހަޅާފައިވާ މި ދައުވާގައި ތުހުމަތުކޮށްފައި ވަނީ ބީބީސީގެ ޕްރޮގްރާމްގައި އެ ވާހަކަ ގަސްތުގައި އޮޅުވާލައި، ހަމަނުޖެހުމަށް ގޮވާލާފައިވާ ކަމުގެ ނުރަނގަޅު ތަސައްވުރެއް އުފައްދާފައިވާ ކަމަށެވެ.
ނަމަވެސް ބީބީސީން ވަނީ މި ކަމަށް މައާފަށް އެދި، އެ ޑޮކިއުމެންޓްރީއަކީ އެމެރިކާގައި ދެއްކި އެއްޗަކަށް ނުވާތީއާއި އަބުރުގެ މިންގަނޑުތަކަށް ނެތި ފެތޭ އެއްޗަކަށްވާތީ ދައުވާ ބާތިލުކޮށްދިނުމަށް އެދިފައެވެ.