'ކޮފީ ވިތު ކަރަން'ގެ ވަދާއީ ސީޒަންގެ ފުރަތަމަ މެހުމާނަކަށް ސަލްމާން

"ކޮފީ ވިތު ކަރަން"ގެ ހޯސްޓް ކަރަން ޖޯހަރު އެކްޓަރު ސަލްމާން ޚާންއާ އެކު--ފޮޓޯ/އެންޑީޓީވީ

ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު އަދި ޕްރޮޑިއުސަރު ކަރަން ޖޯހަރު ހުށަހަޅައިދޭ، ބެލުންތެރިންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ޓޯކް ޝޯ "ކޮފީ ވިތު ކަރަން"ގެ ނުވަ ވަނަ އަދި އެންމެ ފަހު ސީޒަންގެ ފުރަތަމަ މެހުމާނަކީ ސުޕަސްޓާރު ސަލްމާން ޚާން ކަން ވަނީ އިއުލާނުކޮށްފިއެވެ. އިއްޔެ އާންމުކުރި އެ އެޕިސޯޑުގެ ޓީޒާއިން ފެނިގެންދަނީ ކަރަން އާއި ސަލްމާންގެ މަޖާ އަދި ޝައުގުވެރި ވާހަކަތަކެކެވެ.

މިއީ މި ޝޯގެ ވަދާއީ ސީޒަން ކަމަށްވުމާއެކު، ދެކެވޭ ވާހަކަތައް "ކޮންމެ މިސްރާބަކަށް ވެސް ހިނގައިދާނެ" ކަމަށް ކަރަން ބުނުމުން، ސަލްމާން ވެސް ވަނީ އެކަމަށް އެއްބަސްވެފައެވެ. ފާހަގަކޮށްލެވޭ ކަމަކީ، މިއީ އެހެން މެހުމާނަކާ ނުލައި، ސަލްމާން މި ޝޯއިން އެކަނި ފެނިގެންދާ ފުރަތަމަ ފަހަރެވެ.

ސަލްމާން ޚާން 'ކޮފީ ވިތު ކަރަން'ގެ ފަސް ވަނަ ސީޒަންގައި އެކްޓަރުގެ ދެ ކޮއްކޮ އަދި އެކްޓަރުން ކަމަށްވާ އަރުބާޒު ޚާން އާއި ސުހައިލް ޚާންއާ އެކު--ފޮޓޯ/އެންޑީޓީވީ

ގާތްގަނޑަކަށް 22 އަހަރަށް ފަހު ޝޯ ނިންމާލުމާ ގުޅޭގޮތުން ކަރަން ބުނީ، މިއީ އޭނާއަށް ނިންމަން ވަރަށް ދަތިވި، ޖަޒުބާތީ ނިންމުމެއް ކަމަށެވެ. އަދި މި ޝޯ ނިންމާލަން ގަސްތުކުރީ ކުރިއަށް އޮތް ތަނުގައި ފިލްމު ޑައިރެކްޝަނަށް ވީހާވެސް ގިނަ ވަގުތު ހުސްކުރުމަށް ބޭނުންވާތީ ކަމަށް ކަރަން ވަނީ ބުނެފައެވެ.

މިހާތަނަށް 160 އަށްވުރެ ގިނަ އެޕިސޯޑު ގެނެސްދީފައިވާ "ކޮފީ ވިތު ކަރަން"ގެ ފަހު ސީޒަން، މިއަދުން ފެށިގެން ޖިއޯހޮޓްސްޓާ މެދުވެރިކޮށް ސްޓްރީމްކުރަން ހަމަޖެހިފައިވާއިރު، ކުރިއަށްހުރި އެޕިސޯޑުތަކުން ފެންނާނެ މެހެމާނުންނަކީ ކޮބައިކަމެއް މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.

ފިލްމީ ދާއިރާގެ މަޝްހޫރު ތަރިންގެ އިތުރުން އިންޑިއާގެ އެކި ދާއިރާތަކުގައި މަސައްކަތްކުރާ މަގުބޫލު ފަންނާނުން މެހެމާނުންގެ ގޮތުގައި ގެނެސްދީފައިވާ މި ޓޯކް ޝޯ އަކީ ވަރަށް ގިނަ ބަޔަކު އިންތިޒާރުކުރާ ޝޯ އެކެވެ. ޚާއްސަކޮށް ޝޯގެ ތެރެއިން މެހެމާނުންނާ ގުޅުންހުރި ޒާތީ ގިނަ މަޢުލޫމާތުތަކެއް ހާމަކުރުމަކީ އާއްމުންގެ ޝައުގުވެރިކަން މި ޝޯއަށް އިތުރުވާ އެއް ސަބަބެވެ. މި ޝޯ ޖިއޯހޮޓް ސްޓާއިން ދުރަށް ދައްކާނީ ރާއްޖެ ގަޑިން އިރުއޮއްސި 6:30ގައެވެ.

comment ކޮމެންޓް