މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ މިފްކޯއިން މަސްގަންނަ އަގުތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސްފިއެވެ.
މިފްކޯއިން ކުރި ޕޯސްޓެއްގައި ވަނީ އެ ކުންފުނިން މަސް ގަންނަ އަގަށް ގެނައި ބަދަލުތަކާއި ބަނދަރުތައް ހާމަކޮށްފައެވެ.
އެގޮތުން އެކުންފުނީގެ ޕޯސްޓުގައި ވަނީ ބޯޓުފަހަރަށް މަސް ގަންނަ ތިން ރޭޓެއް ހާމަކޮށްފައެވެ. އަދި އަގުތަކަށް ގެނެސްފައިމިވާ ބަދަލަކީ ބާޒާރުގެ ޑިމާންޑާއި ސަޕްލައިއަށް ރިއާޔަތްކޮށް، މަސްވެރިންނަށް އެކަށޭނަ އަގެއް ފޯރުކޮށްދިނުމަށާއި، ދެމެހެއްޓެނިވި މަސްވެރިކަން ހަރުދަނާކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ގެނެވުނު ބަދަލެއް ކަމަށް އެ ކުންފުނިން ބުނެއެވެ.
މިފްކޯއިން މަހުގެ އަގަށް ގެނައި ބަދަލުތައް:
• 1 - 5 ޓަނާ ދެމެދު: ކިލޯއެއް 21 ރުފިޔާ
• 5 – 8 ޓަނާ ދެމެދު: ކިލޯއެއް 22 ރުފިޔާ
• 8 ޓަނަށްވުރެ މަތި: ކިލޯއެއް 22.75 ރުފިޔާ
މިފްކޯއިން ބުނިގޮތުގައި މި ރޭޓުތަކުގައި ގދ. ތިނަދޫ ބަނދަރުންނާއި، ޅ. ފެލިވަރު ބަނދަރުންނާއި، ހއ. އިހަވަންދޫ ބަނދަރުންނާއި، ލ. ހިތަދޫ ބަނދަރުންނާއި، މ. މުލަކު ބަނދަރުން މިއަދު ވަނީ މަސް ގަންނަން ފަށައިފައެވެ.
މިފްކޯއިން މަސް ގަންނަ އަގުތަކަށް އިތުރު ބަދަލުތަކެއް ގެނެސްފައިވާއިރު، ބައިނަލްއަގުވާމީ ބާޒާރުގައި މަހުގެ އަގުތަކަށް އަންނަ ބަދަލުތަކާއި، މަހުގެ ސަޕްލައިއާއި ޑިމާންޑަށް ރިއާޔަތްކޮށް، ފޭސްތަކަކަށް ބަހާލައިގެން މަސް ގަންނަ އަގަށް މީގެ ކުރިން ވެސް ބަދަލުތަކެއް ގެނެސްފައިވެއެވެ. އެގޮތުން މިދިޔަ ޖޫން މަހު ކިލޯއެއްގެ އަގު 20 ރުފިޔާއަށް އަދި އޮގަސްޓް މަހު 21 ރުފިޔާއަށް މަތިކުރުމަށްފަހު، މިދިޔަ މަހު ކަޅުބިލަމަސް ގަންނަ އަގު ކިލޯއެއް 22 ރުފިޔާއަށް ބޮޑުކުރިއެވެ.
ސަރުކާރުގެ މަސް ގަންނަ އަގު ކަނޑައެޅުމުގެ ނިޒާމުގެ ދަށުން މަސް ގަންނަ އަގުތައް ބައިނަލްއަގުވާމީ ބާޒާރާއި މާކެޓް ޑިމާންޑާ އެއްގޮތަށް ބަދަލުވަމުން ދިޔަ ނަމަވެސް، މަސް ކިލޯއެއްގެ އަގު 20 ރުފިޔާއަށްވުރެ ދަށްނުވާނެ ގޮތަށް އުސޫލުތައް ހަމަޖައްސަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މީގެ ކުރިން ވިދާޅުވެފައިވެއެވެ. އެގޮތުން މަހުގެ އަގު 20 ރުފިޔާއަށްވުރެ ދަށްނުކޮށް ހިފެހެއްޓުމަށް މިފްކޯއިން މަސައްކަތް ކުރަމުންދާނެ ކަމުގެ ޔަގީންކަން މިފްކޯއިން ދީފައިވެއެވެ.