ދިވެހިރާއްޖޭގެ ތާރީޚީ ހިރިގަލު މިސްކިތްތައް އދ. ގެ ތަޢުލީމީ، ސައިންސީ އަދި ސަގާފީ ޖަމްޢިއްޔާ (ޔުނެސްކޯ) ގެ ދުނިޔޭގެ ތަރިކައިގެ (ވާރލްޑް ހެރިޓޭޖް) ލިސްޓުގައި ހިމެނުމަށްޓަކައި ކުރަމުންދާ 13 އަހަރުވީ މަސައްކަތުގެ މުހިންމު މަރުހަލާއެއް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
މިއީ ރާއްޖޭގެ ޒަމާންވީ އިސްލާމީ އަދި ސަގާފީ އާސާރުތައް ބައިނަލްއަޤްވާމީ ފެންވަރުގައި ބަލައިގަތުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެކެވެ.
'މުސްލިމް ނެޓްވޯކް ޓީވީ' ގައި ރިޕޯޓުކޮށްފައިވާ ގޮތުގައި، ޔުނެސްކޯގެ ލިސްޓަށް ހުށަހެޅުމަށް މިހާރު ދިރާސާކުރަމުން ދަނީ ރާއްޖޭގެ ތާރީޚީ ހަތް މިސްކިތެކެވެ. މި މިސްކިތްތައް ލިސްޓުގައި ހިމެނުމާމެދު ޔުނެސްކޯއިން ވަކި ގޮތެއް ނިންމާނީ އަންނަ އަހަރުގެ ފަހުކޮޅުގައެވެ.
މި މަސައްކަތުގެ ދަށުން، މި އަހަރުގެ ޖެނުއަރީގައި ދިވެހި ސަރުކާރުން ހުށަހެޅި ނޮމިނޭޝަން ޑޮސިއާ މިދިޔަ މަހު ޔުނެސްކޯއިން ވަނީ ބަލައިގެންފައެވެ. އެއަށްފަހު، ބައިނަލްއަޤްވާމީ އެސެސްމަންޓް ޓީމަކުން ރާއްޖެއަށް ޒިޔާރަތްކޮށް، އެ މިސްކިތްތައް ބަލައި، ރަށްރަށުގެ ރައްޔިތުންނާ މަޝްވަރާކޮށް، ތާރީޚީ އަދި ސަގާފީގޮތުން ވަޒަންކުރުމުގެ މަސައްކަތް ވަނީ ކޮށްފައެވެ. ކަމާބެހޭ ފަރާތްތަކުން ވިދާޅުވާ ގޮތުގައި މިހާރު ވަނީ މި އިވެލުއޭޝަން މަރުހަލާ އެއްކޮށް ނިންމާލާފައެވެ. އެހެންނަމަވެސް، ފަހުގެ ނިންމުން ނިންމާނީ ޔުނެސްކޯގެ ވޯލްޑް ހެރިޓޭޖް ކޮމިޓީންނެވެ.
މި މަސައްކަތަކީ 2013 ވަނަ އަހަރު ރާއްޖޭގެ ހިރިގަލު މިސްކިތްތައް ޔުނެސްކޯގެ ވަގުތީ ލިސްޓަށް ލުމަށްފަހު، އެ ތަންތަނަކީ ބައިނަލްއަޤްވާމީ ރައްކާތެރިކަން ލިބެންޖެހޭ ތަންތަނުގެ ގޮތުގައި ކަނޑައެޅުމަށް ކުރަމުންދާ ދިގު މަސައްކަތުގެ ނަތީޖާއެވެ.
މި މިސްކިތްތަކަކީ ދުނިޔޭގެ އެހެން އެއްވެސް ޤައުމަކުން ނުފެންނަ ފަދަ، ރާއްޖެއަށް ޚާއްސަ އިސްލާމީ އާކިޓެކްޗާއެކެވެ. އެގޮތުން އާންމު އިމާރާތްކުރުމުގެ ސާމާނުގެ ބަދަލުގައި ރާއްޖޭގެ މާހައުލުން ލިބެންހުރި ހިރިގަލާއި ލަކުޑި ބޭނުންކޮށްގެން، ފުރިހަމަ ކުރެހުންތަކާއި ކަނޑައިނެގުންތަކުން މިސްކިތްތަކުގެ ފާރުތަކާއި ސީލިންގު ވަނީ ޒީނަތްތެރިކޮށްފައެވެ.
މިއީ ރާއްޖޭގެ އިސްލާމީ ސަގާފަތާއި، ކަނޑުދަތުރުފަތުރުގެ ދިގު ތާރީޚާއި، އިންޑިއާ ކަނޑުގެ ވިޔަފާރީގެ ގުޅުންތައް ދައްކުވައިދޭ ހެއްކެކެވެ. މީލާދީން 12 ވަނަ ގަރުނުގައި ރާއްޖެ އިސްލާމްވި ފަހުން، އިސްލާމްދީނަކީ ދިވެހި މުޖުތަމައުގެ އެންމެ މުހިންމު އަސާސަށްވާއިރު، މި މިސްކިތްތަކަކީ އެ ދީނީ އަދި ސަގާފީ ތާރީޚުގެ އެންމެ މުހިންމު ދިރިހުރި ހެކިތަކެވެ.
ޔުނެސްކޯގެ ޝަރަފު ލިބިއްޖެނަމަ، މި ތާރީޚީ ދީނީ ބިނާތައް އަންނަން އޮތް ޖީލުތަކަށް ރައްކާތެރިކޮށް ބެލެހެއްޓުމަށް ލިބޭ ބައިނަލްއަގްވާމީ އެއްބާރުލުން އިތުރުވާނެއެވެ. އަދި ހަމައެއާއެކު، ހަމައެކަނި ފަތުރުވެރިކަމުގެ ރިސޯޓުތަކާއި ގޮނޑުދޮށްތަކަށް ބަރޯސާވެފައިވާ ރާއްޖޭގެ ފަތުރުވެރިކަން ސަގާފީ އަދި ތާރީޚީ ދާއިރާއަށް ފުޅާކުރުމުގެ ފުރުޞަތު ލިބި، އިސްލާމީ ތާރީޚަށް ޝައުގުވެރިވާ ފަތުރުވެރިން މެދުވެރިކޮށް މިސްކިތްތައް ހުރި ރަށްރަށުގެ އިޤްތިޞާދަށް ކުރިއެރުން ހޯދަން ފަހިވާނެއެވެ.
ނަމަވެސް، މި ފައިދާތައް ހާސިލުވާނީ މިސްކިތްތަކުގެ ޙުރުމަތަށް އުނިކަން ނާންނާނެހެން، ރަނގަޅު އުސޫލުތަކަކުން މި ތަންތަން ބަލަހައްޓައިގެންނެވެ.
ހޫނުގަދަ މާހައުލާއި، ލޮނުގެ އަސަރާއި، ތިމާވެށީގެ ސަބަބުން ހިރިގަލު ބިނާތައް ހަލާކުވަމުންދާތީ، އެ ތަންތަން ރައްކާތެރިކުރުމަކީ ބޮޑު ގޮންޖެހުމެކެވެ. ޔުނެސްކޯގެ ލިސްޓުގައި ހިމެނުމުން ފައިސާގެ އެހީ ކަށަވަރު ނުވި ނަމަވެސް، ފަންނީ އެހީތެރިކަމާއި ތަޖުރިބާކާރުންގެ އެއްބާރުލުން އިތުރުވާނެއެވެ.
މިހާތަނަށް ރާއްޖޭގެ އެއްވެސް ތަނެއް ޔުނެސްކޯގެ ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ހިމެނިފައެއް ނުވެއެވެ. އެހެންކަމުން، މި ހިރިގަލު މިސްކިތްތައް ފާސްވެއްޖެނަމަ، ވެގެންދާނީ މި ޝަރަފު ލިބޭ ރާއްޖޭގެ ފުރަތަމަ ތަރިކައަށެވެ.