ކަރަންޓު ކެނޑިގެން މަޖިލީހުގެ މިއަދުގެ ޖަލްސާ 11:00އަށް ފަސްކޮށްފި

މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން -- ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ކަރަންޓު ކެނޑުމާ ގުޅިގެން، މިއަދު ހެނދުނު 9:00 އަށް ތާވަލުކުރި މަޖިލީހުގެ ޖަލްސާ 11:00 އަށް ފަސްކޮށްފިއެވެ.

މަޖިލީހުގެ އިދާރާއިން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، މަޖިލީހުގެ އިދާރާއިން ކަރަންޓު ދިޔުމާ ގުޅިގެން މިއަދުގެ ޖަލްސާ 11:00 އަށް ފަސްކުރެވިފައިވާ ކަމަށެވެ.

މީގެކުރިން ވެސް މަޖިލީހުގެ ޖަލްސާ އޮންނަ ދުވަސްދުވަހު އެ އިދާރާއިން ކަރަންޓު ކެނޑިފައިވާ އިރު، ބައެއް ފަހަރު ޖަލްސާ ކުރިއަށްދަނިކޮށް ވެސް ކަރަންޓު ކެނޑުމުގެ ހާދިސާތައް ހިނގާފައިވެއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މައިގަނޑު ގޮތެއްގައި އެޖެންޑާ ކޮށްފައިވަނީ ޔައުމިއްޔާ ފާސްކުރުމާއި، ސަރުކާރުގެ ފަރާތުން ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހް ހުށަހަޅުއްވާފައިވާ ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ބަހުސް ކުރިއަށް ގެންދިޔުމެވެ.

މީގެއިތުރުން ދުވަހުގެ މަސައްކަތްތަކުގެ ތެރެއިން ވޯޓުން ނިންމާ ހިސާބަށް ގޮސްފައިވާ ކަންކަމަށް ވޯޓަށް އެހުން ވެސް މިއަދުގެ ޖަލްސާއަށް ވަނީ އެޖެންޑާ ކޮށްފައެވެ.

މިއަދު 9:00 އަށް ތާވަލްކުރި މަޖިލިސް ޖަލްސާއަކީ މިއަހަރުގެ ފުރަތަމަ ދައުރުގެ ތިންވަނަ ޖަލްސާއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް