ބަނގުރަލުގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި މާލޭން އިންޑިއާގެ ދެ މީހުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ އެ ދެ މީހުން ހައްޔަރުކޮށްފައިވަނީ ޑްރަގް އެންފޯސްމަންޓާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހޮނިހިރު ދުވަހު ހިންގި އޮޕަރޭޝަންގައި ކަމަށެވެ. އެ އޮޕަރޭޝަންގައި، އެ މީހުން ހައްޔަރުކޮށް، ބަލައިފާސްކުރިއިރު ބަނގުރާކަމަށް ބެލެވޭ އެއްޗެއްހުރި 500އެމްއެލްގެ ނުވަ ފުޅި ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އިންޑިއާ ދެ މީހުން ކަމަށްވާ، ރަޖި ރަޖަ ކުމަރް (47އ) އާއި، ނަޑަން ވިންސެންޓްރަޖް ޕޮން (54އ) އެވެ. އެ ދެ މީހުންގެ މައްޗަށް ކުރަނީ ބަނގުރާ ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތެވެ.
އެ މައްސަލައިގެ އިޖުރާއަތްތައް ފުރިހަމަކުރުމަށް ފަހު އިމިގްރޭޝަން ގާނޫނުގެ ދަށުން ފިޔަވަޅުއެޅުމަށް ދެ މީހުން ވެސް މިހާރުވަނީ މޯލްޑިވްސް އިމިގްރޭޝަނާ ހަވާލުކޮށްފައިކަން ފުލުހުން ހާމަކުރިއެވެ.
އެ މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، މާލޭގައި ބަނގުރަލުގެ ވިޔަފާރިކުރާ ބޮޑު ނެޓްވޯކެއް އަތުލައިގަތުމުގެ އޮޕަރޭޝަނެއް ފުލުހުންގެ ރޭ ފަށައި، މިއަދު ހެނދުނު ވެސް ކުރިއަށްގެންގޮސްފައިވެއެވެ. އެ އޮޕަރޭޝަނުގައި ހ. މާދޫގޭގެ ފުރަތަމަ އަދި ފަސް ވަނަ ފަންގިފިލާއިން ގިނަ އަދަދެއްގެ ބަނގުރާ ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.