މާލޭގައި ބަނގުރަލުގެ ވިޔަފާރި ކުރާ ބޮޑު ނެޓްވޯކެއް ހޯދައި، 3 މީހުން ހައްޔަރުކޮށްފި

ފުލުހުން ހޯދި ބަނގުރާ ފުޅިތައް: މާލޭގައި ބަނގުރަލުގެ ވިޔަފާރި ކުރާ ބޮޑު ނެޓްވޯކެއް ހޯދައި، 3 މީހުން ހައްޔަރުކޮށްފައިވޭ -- ފޮޓޯ/ ފުލުހުން

މާލޭގައި ބަނގުރަލުގެ ވިޔަފާރި ކުރާ ބޮޑު ނެޓްވޯކެއް ހޯދައި، ތިން މީހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން މިއަދު ވަނީ، އެ މުއައްސަސާއަށް ލިބުނު މައުލޫމާތަކާ ގުޅިގެން އޮޕަރޭޝަނެއް ކުރިއަށްގެންގޮސް ގިނަ އަދަދެއްގެ ބަނގުރާ ހޯދައިފައިވާ ކަމަށް ބުނެފައެވެ. ރެއާއި މިއަދު ހެނދުނު އެ އޮޕަރޭޝަން ކުރިއަށްގެންދިޔައީ ހ. މާދޫގެ ފުރަތަމަ އަދި ފަސް ވަނަ ފަންގިފިލާގައި ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުންގެ ޑުރަގް އެންފޯސްމެންޓް ޑިޕާޓްމެންޓްގެ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު މުސްލިމް ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ރޭ ފެށި އެ އޮޕަރޭޝަނަކީ މާލޭގައި ފުޅާ ދާއިރާއެއްގައި ބަނގުރާ އެކި ސަރަހައްދުތަކަށް ފޯރުކޮށްދެމުންދާ ކަމުގެ މައުލޫމާތު ލިބިގެން، ކައުންޓާނާކޮޓިކްސް އިންޓެލިޖެންސް އާއި ޑްރަގް އެންފޯސްމެންޓުން ގުޅިގެން ކުރިއަށްގެންދިޔަ އޮޕަރޭޝަނެއް ކަމަށެވެ.

އެ އޮޕަރޭޝަނުގެ ތެރެއިން، މާލެ ތެރޭގައި ފުޅާ ދާއިރާއެއްގައި ބަނގުރާ ދައުރުކުރާ ބަޔަކު ދެނެގަނެވި، މާދޫގޭގެ ފުރަތަމަ ފަންގިފިލާއާއި ފަސްވަނަ ފަންގިފިލާއިން ގިނަ އަދަދެއްގެ ބަނގުރާ އަތުލައިގަނެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެ އޮޕަރޭޝަންގެ ތެރެއިން ތިން މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ނަަމަވެސް އެ މީހުންނާ ގުޅޭ އެއްވެސް މައުލޫމާތެއް މިހާތަނަށް ހާމަކޮށްފައިނުވެއެވެ.

އެ މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ރާއްޖޭގައި މަސްތުވާތަކެތި ބޭނުންކުރުމާއި އޭގެ ވިޔަފާރީގެ މައްސަލަ ވަނީ ވަރަށް ބޮޑުވެފައެވެ.

comment ކޮމެންޓް