މި އަހަރު ނިމޭއިރު މިދިޔަ އަހަރާ އެއް އަދަދަކަށް ފަތުރުވެރިން އަންނާނެ ކަމަށް ލަފާކުރެވޭ: އަމީން

ރާއްޖެ ޒިޔާރާތްކުރި ފަތުރުވެރިންތަކެއް ރިސޯޓެއްގައި -- ފޮޓޯ/ ޓްރެވެލް ޓްރޭޑް މޯލްޑިވްސް

މި އަހަރު ނިމޭއިރު، މިދިޔަ އަހަރާ އެއް އަދަދަކަށް ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރާނެ ކަމަށް ލަފާކުރެވޭ ކަމަށް ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީން މިރޭ ވިދާޅުވެއްޖެއެވެ.

"އަހާ" ފޯރަމްގައި އާންމު މީހަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ، މި އަހަރުގެ ފެށުން ވަރަށް ރަނގަޅުވި ނަމަވެސް، މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ޖެހިގެން އައި މަސްތަކުގައި ފަތުރުވެރިންގެ އަދަދު 24 އިންސައްތައަށް ދަށްވި ކަމަށެވެ. ނަމަވެސް ސަރުކާރާއި މުޅި ސިނާއަތް ގުޅިގެން ކުރި މަސައްކަތުން މިހާރު އެ ވެއްޓުން 1.3 އިންސައްތައަށް ކުޑަކުރެވިފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

"...ޚާއްސަކޮށް ސަރުކާރުން މި ގެނައި ބަދަލުތަކާއި ކުރެވުނު މަސައްކަތުން މިހާރުގެ ފޯކާސްޓަކީ އިރާދަކުރެއްވިއްޔާ މިދިޔަ އަހަރާ ގާތްގަނޑަކަށް [ޓޫރިޒަމް ރެކޯޑު] އަރާ ހަމަކުރެވޭނެ މިއަހަރު ނިމޭ އިރު. ނޫނީ އެއަށް ވުރެ ކުޑަ ތަންކޮޅެއް ވިއްޔާ ވާނީ ރަނގަޅު،" މިނިސްޓަރު ވިދާޅުވިއެވެ.

މިރޭ އޮތް 'އަހާ ފޯރަމް' ގައި މިނިސްޓަރު އަމީން ވާހަކަދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް

މިދިޔަ އަހަރު ރާއްޖެއަށް 2.2 މިލިއަން ފަތުރުވެރިން އައިސްފައިވާއިރު، މި އަހަރުގެ މިހާތަނަށް 1.6 މިލިއަން ފަތުރުވެރިން ވަނީ ޒިޔާރާތްކޮށްފައެވެ. އަދި މި އަދަދު ހަމަކުރުމަށް ކުރިއަށް އޮތް ތިން މަސްތެރޭ، ކޮންމެ މަހަކު ގާތްގަނޑަކަށް ދެ ލައްކަ ފަތުރުވެރިން ބޭނުންވާކަން އެ މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ.

ދިވެހިރާއްޖޭގެ އިގްތިސޯދަކީ މުޅިންހެން ފަތުރުވެރިކަމަށް ބަރޯސާވެފައި އޮތް ގައުމަކަށް ވީއިރު، ފަތުރުވެރިކަމަށް އަންނަ ކޮންމެ ލޮޅުމަކީ ކަންބޮޑުވުން ބޮޑު މައްސަލައެކެވެ. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ފަތުރުވެރިކަން އެންމެ ބޮޑަށް ދަށްވިއިރު ރާއްޖޭގެ އިގްތިސޯދަށް ވެސް އެކަމުގެ އަސަރު ކުރިއެވެ.

comment ކޮމެންޓް