ބޮޑު މަޝްހޫރުކަމެއް ލިބިފައިވީ ނަމަވެސް އަނޫޕަމް ދިރިއުޅެނީ ވަރަށް އާދައިގެ ދިރިއުޅުމެއްގައި ކަމަށް ބުނެފި

އިންޑިއާގެ އެކްޓަރު އަނޫޕަމް ހޭރް--ފޮޓޯ/އިންޑިއާޓުޑޭ

ލިބިފައިވާ މަޝްހޫރުކަމުގެ ބަރުދަން އުފުލުމަކީ، އެކަނިވެރިކަމަށް މަގުފަހިކޮށްދޭނެ ކަމަކަށްވާތީ، އަބަދުވެސް ބޭނުންވަނީ ވަރަށް އާދައިގެ ސާދާ ދިރިއުޅުމެއް އުޅުމަށް ކަމަށް އިންޑިއާގެ ތަޖުރިބާކާރު އެކްޓަރު އަނޫޕަމް ހޭރް ބުނެފިއެވެ.

ޕީޓީއައިއަށް ދިން އިންޓަވިއުއެއްގައި އަނޫޕަމް ބުނީ ފިލްމީ ތަރިއަކަށް ވުމުން ލިބިފައިވާ މަޝްހޫރު ކަމާއި ކާމިޔާބީގެ ބަރުދަނަކީ ބުރަ އަދި އެއާއެކު އަންނަ ޒިންމާތައް ވެސް ބޮޑު މަސައްކަތެއް ކަމަށެވެ. އެހެންވެ އެ ޒިންމާތަކައި މަސްއޫލިއްޔަތުތައް އުފުލަން އޭނާ ދެކޮޅު ހަދައެވެ. އަދި ފިލްމީ ތަރިއަކަށްވީ ނަމަވެސް އޭނާ އަކީ އާދައިގެ މީހުން ދިރިއުޅޭ ފަދަ ސާދާ ދިރިއުޅުމެއްގައި އުޅެމުން އަންނަ މީހެއް ކަމަށް އަނޫޕަމް ވަނީ ބުނެފައެވެ. އެގޮތުން ވަރަށް އާދައިގެ ފިހާރަތަކުން ބާޒާރު ކުރުމަށާއި ޕަބްލިކް ޓްރާންސްޕޯޓްގެ އެހީގައި ދަތުރުފަތުރުކުރުމަކީ އޭނާ އަބަދުވެސް ކުރަމުން އަންނަ ކަންކަން ކަމަށް އަނޫޕަމް ބުނެފައިވެއެވެ.

އުމުރުން 71 އަހަރުގެ އަނޫޕަމް ވަނީ، އެކަހެރިކަމާއި ގުޅުންތަކުގެ މައްޗަށް އަލިއަޅުވާލައި، މަޖަލާއި މިއުޒިކް ހިމަނައިގެން ތައްޔާރުކޮށްފައިވާ "ޖާނޭ ޕެހްޗާނޭ އަންޖާނޭ" ނަމަކަށް ކިޔާ ތިއޭޓަ ޕްރޮޑަކްޝަނަކާއެކު، އެތައް އަހަރެއްގެ މެދުކެނޑުމަކަށްފަހު އަލުން ސްޓޭޖަށް އެނބުރި އައިސްފައެވެ.

އެމެރިކާއާއި ކެނެޑާގެ 45 ސިޓީއެއް ހިމެނޭ ގޮތަށް ފުޅާ ދާއިރާއެއްގައި ދަތުރުކޮށް، އަނޫޕަމާއި އޭނާގެ ތިއޭޓާ ގްރޫޕުން ވަނީ ލައިވް ޕާފޯމަންސްތައް ހުށަހަޅައިދީފައެވެ.

އަނޫޕަމް އަންހެނުން ކިރަން ހޭރްއާ އެކު--ފޮޓޯ/ފިލްމުފެއަ

މިއީ މަޝްހޫރު އެކްޓަރު އަނޫޕަމް މިއުޒިކަލް ނުވަތަ މިއުޒިކް ހިމެނޭ ތިއޭޓަ ޕާފޮމެންސެއް ސްޓޭޖުމަތީގައި ހުށަހަޅައިދޭ ފުރަތަމަ ފަހަރެވެ. މީގެ ކުރިންވެސް އޭނާ ވަނީ ފާހަގަކޮށްލެވޭ ގިނަ ތިއޭޓާ ޕްލޭތަކުން ފެނިގެންގޮސްފައެވެ. އެގޮތުން އަންހެނުން ކިރަންއާއެކު ކުޅުނު "ސާލްގިރާ" އާއި، "ކުޗް ބީ ހޯ ސަކްތާ ހޭ"ގެ އިތުރުން މަޝްހޫރު ބަތަލާ ނީނާ ގުޕްތާއާއެކު ހުށަހަޅައިދިން "މޭރާ ވޯ މަޠުލަބު ނަހީ ތާ" ފަދަ މަގުބޫލު ޑްރާމާތައް ހިމެނެއެވެ.

ގަޖެންދްރަ އަހިރޭ ލިޔެ ޑައިރެކްޓްކޮށްފައިވާ މި ޑްރާމާއަކީ އިންސާނީ އިޙްސާސްތަކާއި، އެކަނިވެރިކަމުގެ އިތުރުން އިންސާނީ ގުޅުންތަކުގެ މައްޗަށް ފުންކޮށް އަލިއަޅުވާލައި ތައްޔާރުކޮށްފައިވާ އުފެއްދުމެކެވެ.

comment ކޮމެންޓް