ބާލީގައި ޗުއްޓީއެއް ހޭދަކުރަމުން ދަނިކޮށް މައިބަދަޔަށް ލިބުނު ގެއްލުމަކާ ގުޅިގެން ސާޖަރީއެއް ހެދުމަށްފަހު، ބޮލީވުޑްގެ މަޝްހޫރު ބަތަލާ ނުޝްރަތު ބަރޫޗާ ސޯޝަލް މީޑިއާގައި ފުރަތަމަ ފަހަރަށް ވާހަކަދައްކައިފިއެވެ.
ސޯޝަލް މީޑިއާގައި އާއްމުކުރި ޕޯސްޓަކާ އެކު ބަތަލާ ސަޕޯޓަރުން ގާތު ބުނެފައިވަނީ ވަރަށް އަވަހަށް އެނބުރި ފިލްމީ މަސައްކަތްތަކަށް ނުކުންނާނެ ކަމަށާއި ބެލުންތެރިންނާ ސްކްރީނުން ވަރަށް އަވަހަށް ބައްދަލުކުރާނެ ކަމަށެވެ.
ބާލީ ދަތުރެއްގައި އުޅެނިކޮށް ދިމާވި އެކްސިޑެންޓެއްގައި މައިބަދައަށް ގެއްލުންވުމުގެ ސަބަބުން ހާލު ދެރަވި ނުޝްރަތު، އިންސްޓަގްރާމް ސްޓޯރީގައި ހިއްސާކުރި މި ޕޯސްޓުގައި ފެންނަނީ ކުޑަދޮރެއްގެ ކައިރީގައި ހުރި ހުސް ރިކްލައިނިންގް ފުރޮޅުލީ ގޮނޑިއެކެވެ. އަދި ދުރުން އިރުއޮއްސޭ މަންޒަރު ފެންނަން އޮތްއިރު، މިއީ ހަޔާތަށް ކުއްލިއަކަށް އަންނަ ބަދަލުތަކުގެ މައްޗަށް ބިނާކޮށް ކޮށްފައިވާ އުއްމީދީ ޕޯސްޓެކެވެ.
"އަބަދުވެސް އިރުއޮއްސޭ މަންޒަރު ބަލަން އުޅެވޭ، އަދި މިހާރު ކުއްލިއަކަށް އަހަރެންގެ މަންޒަރު މިވަނީ ބަދަލުވެފައި. އެކަމަކު، ފިލްމު އަދި މިއޮތީ ފަށަން،" ނުޝްރަތުގެ ޕޯސްޓުގައި ބުނެފައިވެއެވެ.
ނުޝްރަތު ފިލްމު "އަކޭލީ"ގެ މަންޒަރެއްގައި--ފޮޓޯ/އިންޑިއާޓުޑޭއިންސާނާގެ ވިސްނުމަށް ނުފޯރާ ފަދަގޮތަކަށް ވަގުތާއި ހާލަތު ބަދަލުވެގެންދާ ގޮތާމެދު ވިސްނާލަމުން، އޭނާގެ ހަށިގަނޑު މިވަގުތު އެންމެ ރަނގަޅު ހާލަތުގައި ނެތްކަމަށް ނުޝްރަތު ވަނީ އަމިއްލައަށް އިއުތިރާފުވެފައެވެ. ނަމަވެސް، އޭނާ ހުރީ އުއްމީދު ކަނޑައިނުލައި ކަމަށާއި، މި ދަތި އުނދަގޫ މަރުހަލާ ކަޑައްތުކޮށް އެއްކޮށް ރަނގަޅުވެ، ވީއެންމެ އަވަހަކަށް ފިލްމީ މަސައްކަތްތައް ފަށަން ބޭނުންވާކަމަށް އޭނާ ބުނެފައިވެއެވެ.
މަސައްކަތުގެ ބޭނުމަކަށާއި ޗުއްޓީ ހޭދަކޮށްލުމަށް ނުޝްރަތު ބާލީއަށް ކުރި ދަތުރުގައި ހިނގި ހާދިސާގައި، މައިބަދައިގެ ކަށިގަނޑެއް ބިންދައިގެން ގޮސްފައިވާތީ އަވަސް ފަރުވާއަށްފަހު ބަތަލާ ވަނީ އެއާ އެމްބިއުލާންސްގައި އިންޑިއާގެ މުމްބާއީއަށް ގެންގޮސް ކާމިޔާބު ސާޖަރީއެއް ކޮށްފައެވެ.
މި ހާދިސާއާ ގުޅިގެން ނުޝްރަތު ވަނީ ފިލްމީ މަސައްކަތްތައް ވަގުތީ ގޮތުން ހުއްޓާލާފައެވެ. މިދަނޑިވަޅުގައި އޭނާގެ ސިއްހަތަށް ސަމާލުކަންދީ އަވަހަށް ރަނގަޅުވުމަށް ފުރުސަތު ދިނުމަށާއި، އަމިއްލަ ދިރިއުޅުމުގެ ކަންކަމަށް އިހުތިރާމު ކުރުމަށް ނުޝްރަތުގެ ޓީމުން ވަނީ މީޑިއާ އާއި ސަޕޯޓަރުންގެ ކިބައިން އެދިފައެވެ.