އިންޑިއާގެ އެކްޓަރު އަމީތާބް ބައްޗަންގެ ޝަޚްޞީ ޙައްޤުތައް (ޕާސަނަލިޓީ ރައިޓްސް) ޙިމާޔަތްކުރުމަށް އެދި ހުށަހަޅާފައިވާ މައްސަލައިގައި، އެކްޓަރު ކޯޓަށް ހާޒިރުވުމަށް ދިއްލީ ހައިކޯޓުން އަންގައިފިއެވެ.
މި މައްސަލަ ބައްލަވާ ޖަސްޓިސް ޕުރުޝައިންދްރަ ކުމާރު ކޯރަވްގެ ބެންޗުން މިދިޔަ ހުކުރު ދުވަހު ނިންމެވީ، މައްސަލައިގައި ހިމެނޭ ދެފަރާތުގެ މެދުގައި ޞުލްޙަވެރި އެއްބަސްވުމަކަށް އައުމަށްޓަކައި އަންނަ ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް މުހުލަތެއް ދިނުމަށެވެ. އަދި އެ މުއްދަތުގެ ތެރޭގައި އެއްބަސްވުމަކަށް ނާދެވި، ދަޢުވާ ކުރިއަށް ގެންދަން ބޭނުންވާނަމަ، އަމީތާބް ބައްޗަން ޚުދު ކޯޓަށް ޙާޟިރުވާންޖެހޭނެ ކަމަށް ކޯޓުން ވަނީ ކަނޑައަޅާފައެވެ.
މި މައްސަލައިގައި ދަޢުވާ ލިބޭ ބައެއް ފަރާތްތަކާއެކު އެއްބަސްވުމަކަށް އާދެވިފައިވީ ނަމަވެސް، ބައްޗަންގެ ފަރާތުން ދިމާވި އިދާރީ ދަތިތަކަކާ ހުރެ އެއްބަސްވުންތަކުގައި ރަސްމީކޮށް ސޮއިކުރެވިފައެއް ނުވެއެވެ. އެހެންކަމުން، އޭނާގެ ޤާނޫނީ ވަކީލު ވަނީ އެއްބަސްވުމުގެ އިޖުރާއާތުތައް ފުރިހަމަކޮށް ކޯޓަށް ހުށަހެޅުމަށްޓަކައި އިތުރު ވަގުތު ދެއްވުމަށް އެދިވަޑައިގެންފައެވެ.
އިންޑިއާގެ ސިވިލް ޕްރޮސީޖަ ކޯޑާއި "ބާރަތިޔާ ސާކްޝްޔާ އަދިނިޔަމް"ގެ ދަށުން ކޯޓަށް ލިބިދޭ ބާރުގެ ދަށުން ނެރުނު މި އަމުރުގައި ބަޔާންކޮށްފައިވަނީ، ދެފަރާތުގެ މެދުގައި އެއްބަސްވުމެއް ޤާއިމުނުކުރެވިއްޖެނަމަ، ދެން އޮންނަ އަޑުއެހުމަށް ބައްޗަން ކޯޓަށް ޙާޟިރުވުން ލާޒިމުވާނެ ކަމަށެވެ.
އަމީތާބް ބައްޗަން މަޝްހޫރު ގޭމް ޝޯ "ކޭބީސީ"ގެ އެޕިސޯޑެއް ހުށަހަޅައިދެނީ--ފޮޓޯ/އެންޑީޓީވީ އަމީތާބް ބައްޗަން މި ދަޢުވާ ހުށަހެޅީ 2022 ވަނަ އަހަރުއެވެ. އެއީ އޭނާގެ ހުއްދައަކާ ނުލައި، ނަމާއި ފޮޓޯގެ އިތުރުން އޭނާގެ އަޑު ވިޔަފާރީގެ މަންފާއަށް ނަހަމަ ގޮތުގައި ބޭނުންކުރަމުންދާތީއެވެ. މީގެ ތެރޭގައި އޭނާ ހުށަހަޅައިދޭ މަޤްބޫލު ޝޯ "ކޯން ބަނޭގާ ކްރޮރްޕަތީ" (ކޭބީސީ)ގެ ނަމުގައި މޯބައިލް އެޕްލިކޭޝަންތައް މެދުވެރިކޮށް ހިންގާ ލޮޓަރީގެ މުޢާމަލާތްތަކާއި، ޓީޝާޓާއި ފޮތް ފަދަ ތަކެތި ވިއްކުމުގައި އޭނާގެ ޝަޚްޞިއްޔަތު ބޭނުންކުރާ މައްސަލަތައް ހިމެނެއެވެ.
މި މައްސަލައާ ގުޅިގެން 2022 ވަނަ އަހަރުގެ ނޮވެމްބަރު މަހު ހައިކޯޓުން ވަނީ، ބައްޗަންގެ ޝަޚްޞިއްޔަތާއި ޢަބުރަށް ނުވަތަ މަޤްބޫލުކަމަށް އުނިކަން އަންނަ ފަދަ އެއްވެސް ޢަމަލެއް ނުކުރުމަށް އަންގައި ވަގުތީ އަމުރެއް ނެރެދީފައެވެ.