ރ. ފުއްގިރި ކުއްޔަށް ދިން މައްސަލައިގައި ދައުލަތުން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް އުފުލައިފައިވާ ރިޝްވަތުގެ ކުށާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާތަކާ ގުޅިގެން ބާއްވާ ޝަރީއަތުގެ އަޑުއެހުމެއް މާދަމާ ހެނދުނަށް ކުރިމިނަލް ކޯޓުގައި ތާވަލްކޮށްފިއެވެ.
މި އަޑުއެހުން ތާވަލުކޮށްފައި ވަނީ މާދަމާ ހެނދުނު 09:15 އަށެވެ.
ޔާމީންގެ މައްޗަށް ދައުވާ އުފުލައިގެން ކްރިމިނަލް ކޯޓުގައި ކުރިއަށްދާ މައްސަލަތަކުގެ އަޑުއެހުމެއް ނުބާއްވާތާ އަހަރެއްހާ ދުވަސް ފަހުން އެމަނިކުފާނު ޝަރީއަތްތައް ފަށާފައި ވަނީ މި ފަހުން މިދިޔަ މަހުގެ 29 ގައެވެ.
އެ ދުވަހު ބޭއްވި އަޑުއެހުމަކީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ނެންގެވުމާއި މަނީ ލޯންޑާ ކުރެއްވި ކަމަށް ތުހުމަތުކުރާ މައްސަލައިގައި، ކުރީގެ މަޖިލިސް މެންބަރު ޔޫސުފް ނައީމާއެކު ކުރިއަށްދާ ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކާ ގުޅޭގޮތުން ވާހަކަދެއްކުމަށް ތާވަލުކުރި އަޑުއެހުމެކެވެ. މި އަޑުއެހުމުގައި ރިޝްވަތުގެ ގޮތުގައި ޔާމީންގެ އެކައުންޓަށް ޖަމާވި ކަމަށް ދައުލަތުން ތުހުމަތުކުރާ އެއް މިލިއަން ޑޮލަރަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތަކުން ލިބުނު ފައިސާކަން ސާބިތުކުރަން އެމަނިކުފާނުގެ ފަރާތްޕުޅުން ހުށަހެޅުއްވި ދިފާއީ ހެކިތައް ޝަރީއަތަށް ބަލައިނުގަތުމަށް ދައުލަތުން ކްރިމިނަލް ކޯޓުގައި އެދުނެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ފުއްގިރި ކުއްޔަށް ދިން މައްސަލައިގައި ދައުލަތުން ޔާމީންގެ މައްޗަށް އުފުލައިފައިވާ ރިޝްވަތުގެ ކުށާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާތަކާ ގުޅިގެން ކްރިމިނަލް ކޯޓުގައި ތާވަލުކުރި އަޑުއެހުން އޭރު ކެންސަލްކުރީ ދައުލަތުގެ ވަކީލުން ބަލިވުމުންނެވެ.
ހަމައެއާއެކު އާރަށު މައްސަލައިގެ ޝަރީއަތް މީގެ ކުރިން ކްރިމިނަލް ކޯޓުން މަޑުޖައްސާލީ، އެ މައްސަލަ އަލުން ބަލާއިރު ދައުލަތުން ހުށަހެޅި އާ ހެކިތަކެއް ބަލައިނުގަތުމަށް ހައި ކޯޓުން ކުރި ހުކުމުގެ ބައި ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުންނެވެ. ނަމަވެސް، ހައި ކޯޓުން ނިންމި ގޮތަށް އެ ހެކިތައް ބަލައިނުގަނެވޭނެ ކަމަށް ސުޕްރީމް ކޯޓުން ވަނީ މިދިޔަ ޖުލައި މަހު ހުކުމްކޮށްފައެވެ.