ކުރީގެ ފިލްމީތަރި އަދި ޑެޕިއުޓީ މިނިސްޓަރު ވަލީދާ، ބީއެމްއެލްއަށް ފައިސާ ދައްކަން ހުކުމްކޮށްފި

ކުރީގެ ފިލްމީތަރި ވަލީދާ --

ކުރީގެ މަޝްހޫރު ފިލްމީ ތަރި އަދި ކުރީގެ ޑެޕިއުޓީ މިނިސްޓަރު ވަލީދާ ވަލީދު (ވ. ކެއްކުރި)، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނަގާފައިވާ ލޯނަކާއި ކްރެޑިޓް ކާޑަށް ދައްކަންޖެހޭ ގިނަ އަދަދެއްގެ ފައިސާ ނުދައްކައި އޮތް މައްސަލައިގައި، އެ ފައިސާ ބޭންކަށް ދައްކައި ޚަލާޞްކުރުމަށް ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.

މި އޮކްޓޫބަރު މަހުގެ 11 ވަނަ ދުވަހު ސިވިލް ކޯޓުގެ ޤާޟީ ޢާއިޝަތު ޢަޒުފާ ޢަބްދުލްޣަފޫރު ވަނީ ވަލީދާގެ މައްޗަށް ބީއެމްއެލްއިން ހުށަހެޅި ދެ މައްސަލައެއްގައި ވެސް ހުކުމް ކުރައްވައިފައެވެ.

މިއީ 2022 ވަނަ އަހަރުގެ މާރިޗު 29 ގައި ވަލީދާ ނަންގަވާފައިވާ 100,000ރ ގެ ލުއި އެކްސްޕްރެސް ލޯނަށް އެއްބަސްވި ގޮތަށް ފައިސާ ދައްކާފައިނުވާތީ، 6 އޮކްޓޫބަރު 2026 އާ ހަމައަށް ލޯނުގެ ބާކީގެ ގޮތުގައި އޮތް 70,935.64ރ އާއި، ރިކަވަރީ ފީގެ ގޮތުގައި ދައްކަންޖެހޭ 5,000ރ އަދި އިތުރަށް އަރަމުންދާ އިންޓްރެސްޓާއި ޖޫރިމަނާ ފައިސާ، މިއަދުން ފެށިގެން ފަސް މަސްދުވަހުގެ ތެރޭގައި މަހުން މަހަށް ބަހާލައިގެން ދައްކައި ޚަލާޞްކުރުމަށް ވަނީ ހުކުމްކޮށްފައެވެ.

މި މައްސަލައިގައި ވަލީދާ ވަނީ ދަޢުވާއަށް އެއްބަސްވެ، މަހަކު 3,000ރ. ދައްކަމުން ގޮސް ލޯނު ޚަލާޞްކުރުމަށް އެދިފައެވެ. ނަމަވެސް ބީއެމްއެލްއިން އެދިފައިވާ ގޮތަށް ކޯޓުން ވަނީ ފަސް މަސްދުވަހުގެ ތެރޭގައި މުޅި ދަރަނި އަދާކުރުމަށް އަންގައިފައެވެ.

ވަލީދާއަށް ދޫކޮށްފައިވާ 74,985ރ. ގެ ލިމިޓެއް އޮތް ވިސާ ގޯލްޑް ކްރެޑިޓް ކާޑު ބޭނުންކުރުމަށްފަހު ފައިސާ ދައްކާފައިނުވާ މައްސަލައިގައި، 6 އޮކްޓޫބަރު 2026 އާ ހަމައަށް އަރާފައިވާ 7,905.09 USD އާއި، ރިކަވަރީ ފީގެ 5,000ރ. އަދި އިތުރަށް އަރަމުންދާ އިންޓްރެސްޓާއި ޖޫރިމަނާ، މިއަދުން ފެށިގެން ހަ މަސްދުވަހުގެ ތެރޭގައި މަހުން މަހަށް ބަހާލައިގެން ދައްކައި ނިންމުމަށް ވަނީ ހުކުމްކޮށްފައެވެ.

މި މައްސަލައިގެ ދަޢުވާ ފޯމު ވަލީދާއާ ހަވާލުކުރެވުނު ނަމަވެސް، ޤާނޫނުގައި ބުނާ މުއްދަތުގެ ތެރޭގައި ޖަވާބުދާރީވެފައި ނުވާތީ، ކޯޓުން މި ހުކުމް ކޮށްފައިވަނީ ވަލީދާގެ ޣައިރު ޙާޟިރުގައެވެ.

comment ކޮމެންޓް