ހެވީ ލޯޑް މޯލްޑިވްސްއިން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ދައްކަން ޖެހޭ 29.5 މިލިއަން އެމެރިކާ ޑޮލަރު (ގާތްގަނޑަކަށް 455 މިލިއަން ރުފިޔާ)ގެ ދަރަންޏާ ގުޅިގެން، ރަހުނުކޮށްފައިވާ ލ. އަތޮޅުގެ ތިން ރަށެއްގެ ހެޑް ލީސް ރައިޓްސް ވިއްކާލުމުގެ ހުއްދަ ސިވިލް ކޯޓުން ބީއެމްއެލްއަށް ދީފިއެވެ.
ސިވިލް ކޯޓުން 28 އޮކްޓޫބަރުގައި ނެރުނު އަމުރުގައި ވިއްކާލުމުގެ ހުއްދަ ދީފައި ވަނީ، ލ. ފަރެސްގައިވާ ބިމާއި އެތަނުގައި ހަދަމުންދާ ރިސޯޓުގެ ހެޑް ލީސް ރައިޓް އަދި ލ. ބޮޑުހުރާގެ ހެޑް ލީސް ރައިޓްގެ އިތުރުން ލ. ކުޑަފަރެސްގެ ހެޑްލީސް ރައިޓްއެވެ.
މި މުދާތަކަކީ ހެވީ ލޯޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް މޫސާ މަނިކު (ރީކޯ) އާއި، މުދުރިކަތު މޫސާ، މިޤްދާދު މޫސާ އަދި ބުޝައިނަތު މޫސާގެ ނަމުގައި ބީއެމްއެލްއަށް ރަހުނުކޮށްފައިވާ ތަންތަނެވެ.
ކޯޓުގެ އަމުރުގައި ބަޔާންކޮށްފައިވާ ގޮތުގައި، ޖުލައި 2020 ގައި ސިވިލް ކޯޓުން ކުރި ހުކުމާ ގުޅިގެން ހެވީ ލޯޑުގެ ފަރާތުން ފައިސާ ދައްކާފައިނުވާތީ، 25 އޮކްޓޫބަރުގެ ނިޔަލަށް ދަރަނީގެ ގޮތުގައި ނުދައްކައި އޮތް ޖުމްލަ އަދަދަކީ 29,500,217.87 ޑޮލަރެވެ. މިއާއެކު ރަހުނުތައް ވިއްކާލުމަށް ބޭންކުން އެދުމުން، ދަރަނި އަދާކުރަންޖެހޭ ފަރާތްތަކުން ވެސް ވަނީ އެކަމަށް އިއުތިރާޒު ނުކޮށް އެއްބަސްވެފައެވެ.
ހައިކޯޓުގެ ނިންމުމަކާ އެއްގޮތަށް ހެދި އިވެލުއޭޝަން ރިޕޯޓަށް ރިއާޔަތްކޮށް، ގާޒީ ރިޒްމީނާ އިދްރީސް ނެރުއްވި އަމުރުގައި ވަނީ ޖުމްލަ ތިން މަސްދުވަހުގެ ތެރޭގައި މި ރަހުނުތައް ވިއްކާލުމުގެ ހުއްދަ ދީފައެވެ. އެގޮތުން ކަނޑައަޅާފައިވާ އަގުތަކަކީ:
- ފުރަތަމަ މަސްދުވަހުގެ ތެރޭގައި: ފަށާ އަގަކީ 46,633,000 (ސާޅީސް ހަ މިލިއަން ހަ ލައްކަ ތިރީސް ތިން ހާސް) އެމެރިކާ ޑޮލަރު.
- ދެވަނަ މަސްދުވަހުގެ ތެރޭގައި: ފުރަތަމަ މަހު ނުވިކިއްޖެނަމަ އަގު ތިރިކުރާނީ 40,820,000 (ސާޅީސް މިލިއަން އަށް ލައްކަ ވިހި ހާސް) އެމެރިކާ ޑޮލަރަށް.
- ތިންވަނަ މަސްދުވަހުގެ ތެރޭގައި: ދެވަނަ މަހުވެސް ނުވިކިއްޖެނަމަ އެންމެ ދަށްކޮށް ވިއްކުމަށް ހުއްދަކުރި އަގަކީ 38,779,000 (ތިރީސް އަށް މިލިއަން ހަތް ލައްކަ ހަތްދިހަ ނުވަ ހާސް) އެމެރިކާ ޑޮލަރު.
މި މުއްދަތުގެ ތެރޭގައި ރަހުނުތައް ވިއްކާލެވިއްޖެނަމަ، މުއާމަލާތް ނިމޭތާ 10 ދުވަހުގެ ތެރޭގައި އެކަމުގެ މައުލޫމާތާއި ލިބުނު ފައިސާ ކޯޓަށް ޖަމާކުރުމަށް ބޭންކަށް ވަނީ އަމުރުކޮށްފައެވެ. އަދި މި މުއްދަތުގެ ތެރޭގައި ރަހުނުތައް ނުވިކިއްޖެނަމަ، މުއްދަތު ހަމަވާތާ 10 ދުވަހުގެ ތެރޭގައި އެކަން ކޯޓަށް އަންގަން ޖެހޭނެ ކަމަށް ވެސް އަމުރުގައި ބަޔާންކޮށްފައި ވެއެވެ.