އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓަޑާ ބައްދަލުކުރި މެޗުން ލިބުނު ޕޮއިންޓާއެކު ޓޮޓެންހަމް، ލީގުގެ ފުލުން މައްޗަށް ޖެހިލައިފިއެވެ.
މެންޗެސްޓާ ޔުނައިޓެޑުގެ އޯލްޑް ޓްރެފޯޑް ސްޓޭޑިއަމްގައި ކުޅުނު މި މެޗު ނިމުނީ 1-1 ގެ ނަތީޖާއިން ދެ ޓީމު އެއްވަރުވެގެންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި ބޯޅަ ހިފަހައްޓައިގެން ރަނގަޅަށް ކުޅެ، ގޯލާ ދިމާލަށް ގިނަ ހަމަލާތަކެއް ފޮނުވާލާފައި ވަނީ ޓޮޓެންހަމުން ނަމަވެސް މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނަގާފައި ވަނީ ޔުނައިޓެޑުންނެވެ. މެޓިއަސް ކުންޔާ ތަނަވަސްކޮށްދިން ފުރުސަތުން މެޗުގެ 73 ވަނަ މިނެޓުގައި މި ލަނޑު ކާމިޔާބުކޮށްދިނީ ބްރަޔަން އެމްބުއޭމޯއެވެ.
އޭގެ އިރުކޮޅެއް ފަހުން ހިނގައިދިޔަ ހަމަނުޖެހުމެއްގެ ތެރެއިން ޓޮޓެންހަމްގެ ރޮޑްރީގޯ ބެންޓަކޯއަށް ވަނީ ސީދާ ރަތްކާޑެއް ދައްކާފައެވެ.
ބެންޓަކޯއަށް ރަތްކާޑު ދެއްކި ފަހުން ޓޮޓެންހަމްގެ ކުޅުން ރަނގަޅުކޮށް، އެ ޓީމުން ވަނީ އަނެއްކާވެސް ޔުނައިޓެޑުގެ ގޯލަށް ނުރައްކާކުރަން ފަށާފައެވެ. ނަތީޖާއެއްގެ ގޮތުން، މެޗުގެ 90 މިނެޓު ހަމަވެގެން ދެއްކި އިތުރު ވަގުތުގެ ދެވަނަ މިނެޓުގައި އެ ޓީމުން ވަނީ މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. ސަންޑްރޯ ޓޮނާލީ ތަނަވަސްކޮށްދިން ފުރުސަތުން މި ލަނޑު ކާމިޔާބުކޮށްދިނީ ޑޮމިނިކް ސޮލަންކޭއެވެ.
މި ނަތީޖާއާއެކު ޓޮޓެންހަމް މިވަނީ މިވަގުތަށް ތައާވަލުގެ ފުލުން ކަޓައި، 18 ވަަނައަށް ޖެހިލާފައެވެ. ނަމަވެސް އަދިވެސް އެ ޓީމު އޮތީ ސީޒަންގެ ފުރަތަމަ މޮޅުގެ އިންތިޒާރުގައިކަން ފާހަގަކުރެވެއެވެ. މި މެޗުން އެއްވަރުވުމާއެކު މެންޗެސްޓާ ޔުނައިޓެޑް މިވަގުތު އޮތީ ހަ މެޗުން ލިބުނު ހަ ޕޮއިންޓާއެކު ތާވަލުގެ 12 ވަނައިގައެވެ.