ސިނަމާލެ ބްރިޖު މަތީގައި، ހުޅުމާލެއިން މާލެއަށް ދަތުރުކުރާ ލޭނުގައި ކެރޭނެއް ހުއްޓިފައި އޮންނަތާ ފަސް ގަޑިއިރަށްވުރެ ގިނައިރު ވެއްޖެއެވެ.
މި ކެރޭން ހުއްޓިފައިވަނީ ހުޅުމާލެއިން މާލެއަށް ދާ ފަޅީގެ ހަތަރުފުރޮޅުލީ އުޅަނދުތައް ދުއްވާ ލޭނަށެވެ. މިއަދު މެންދުރު 12:16 ގައި "ސަން"އަށް މައުލޫމާތު ދެމުން ފުލުހުން ބުނީ، އަދިވެސް އެ ކެރޭން ބްރިޖުމަތިން ބޭލިފައި ނުވާ ކަމަށެވެ. ބެލެވޭ ގޮތުގައި ކެރޭން ހުއްޓުނީ އިންޖީނަށް ދިމާވި މައްސަލައެއްގެ ސަބަބުންނެވެ.
މީގެ ސަބަބުން، ހެނދުނު އޮފީސްތަކަށާއި ސްކޫލްތަކަށް މީހުން ދިޔަ އެންމެ ބާރުބޮޑު ވަގުތުގައި ބްރިޖުގެ ޓްރެފިކް ވަރަށް ބޮޑަށް ތޮއްޖެހި، ދަތުރުފަތުރަށް ބޮޑެތި ދަތިތަކެއް ކުރިމަތިވިއެވެ.
ކާރު ލޭން ބަންދުވުމާ ގުޅިގެން، ހައިވޭއިން ފެށިގެން ބްރިޖާ ހަމައަށް ވަކި ހިސާބަކަށް އުޅަނދުތަކުގެ ދިގު ކިއުއެއް ދަމާލާފައި އޮތްއިރު، ޓްރެފިކް ބެލެހެއްޓުމުގައި ފުލުހުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.