މިދިޔަ ބުދަ ދުވަހުގެ މެންދަމު ހުޅުމާލޭގައި ތިން މީހުން އަރުވައިގެން، ސައިކަލު ދުއްވައި، ނުރައްކާތެރި އެކްސިޑެންޓެއް ހިނގިއިރު، އެ ސައިކަލު ދުއްވަން އިނީ މި މަހުގެ އެއްވަނަ ދުވަހު، 15 ދުވަހުގެ ބަންދު މުއްދަތެއް ޖަހާފައިވާ މީހެއްކަން، "ސަން" އަށް އެނގިއްޖެއެވެ.
އިތުބާރު ހުރި ގޮތަކަށް ކަށަވަރު ކުރެވިފައިވާ ގޮތުގައި އެ މީހަކީ، ހ. ލާމިޔާ އަހްމަދު އުވައިސްއެވެ. އުވައިސް ހައްޔަރުކޮށް މި މަހުގެ އެއްވަނަ ދުވަހު، 15 ދުވަހުގެ މުއްދަތަށް އޭނާއަށް ޖަހާފައިވަނީ މަކަރާއި ހީލަތް ހެދުމުގެ މައްސަލައެއްގައެވެ.
ފަނަރަ ދުވަހަށް މުއްދަތު ޖަހާފައިވަނިކޮށް، އޭގެ ހަފްތާއެއް ފަހުން، ތިން މީހުން އަރުވައިގެން އޭނާ ދުއްވި ސައިކަލެއް އެކްސިޑެންޓްވީއިރު، އެ މީހާއަކީ ކާކު ކަމެއް ފުލުހުން އަދި ރަސްމީކޮށް ނުބުނެއެވެ. ނަމަވެސް އެނގިފައިވާ ގޮތުގައި 15 ދުވަހުގެ މުއްދަތު ޖަހާފައިހުރި އުވައިސް މިނިވަންވީ އެ މައްސަލައިގެ ތަހުގީގަށްފަހު ފުރިހަމަކުރަންޖެހޭ މަރުހަލާތަކަށް ފަހުގައެވެ.

މިދިޔަ ބުދަ ދުވަހުގެ މެންދަމު ހުޅުމާލޭގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި ދެ މީހުންނަށް ފަރުވާދެމުން އަންނަނީ އަދިވެސް އައިޖީއެމްޗުގައި ވެންޓިލޭޓަރުގައި ކަމަށް އެ ހޮސްޕިޓަލުން ހޮނިހިރު ދުވަހުވަނީ ބުނެފައެވެ.
'ސަން' އިން ސުވާލުކުރުމުން އައިޖީއެމްއެޗުން ބުނީ އެ އެކްސިޑެންޓުގައި އެ ހޮސްޕިޓަލަށް ގެންދިޔައީ ފަސް މީހެއް ކަމަށެވެ. އޭގެތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާ ދެމުން އަންނަނީ އެ ހޮސްޕިޓަލުގެ އައިސީޔޫގައި ވެންޓިލޭޓަރުގައި ކަމަށާއި ބާކީ ތިބި ތިން މީހުންގެ ތެރެއިން ދެ މީހުންނަށް ވޯޑުގައި ފަރުވާ ދިނުމަށްފަހު ދޫކޮށްލާފައިވާ ކަމަށެވެ. ލިބުނު އަނިޔާތަކުގެ އެއްވެސް މައުލޫމާތެއް ހޮސްޕިޓަލުން ހާމަކޮށްފައެއް ނުވެއެވެ.
އެކްސިޑެންޓުވި އެއް ސައިކަލު ތިން މީހުން އަރުވައިގެން ދުއްވާފައިވަނީ ވަން ވޭ އާ އިދިކޮޅަށް ކަމަށްވާއިރު، އެ ސައިކަލު ދުއްވަން އިނީ އެ ކެޓެގަރީގެ ސައިކަލު ދުއްވުމުގެ ލައިސަންސް އޮތް މީހެއް ނޫންކަމަށް ވެސް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.
މި އެކްސިޑެންޓުގައި އަނިޔާވި މީހުންގެ ތެރޭގައި އެއް އާއިލާއަކަށް ނިސްބަތްވާ ދެ މީހަކު ހިމެނެއެވެ.