އެންމެ އަވަހަށް ނިމޭނީ މަގޫދޫ އެއާޕޯޓު، މަކުނުދޫ އެއާޕޯޓު އަދި ފެށުނީ: ސައުދީ

މަގޫދޫ އެއާޕޯޓު މަޝްރޫގެ ތެރެއިން: އެންމެ އަވަހަށް ނިމޭނީ ކުރީ ސަރުކާރުން ފެށި މަގޫދޫ އެއާޕޯޓުކަމަށް ސަޢުދީ ވިދާޅުވި --- ފޮޓޯ/ ގޫގުލް

ތާވަލާ އެއްގޮތަށް އެންމެ އަވަހަށް މަސައްކަތް ނިމޭނެ އެއާޕޯޓަކީ ފ. މަގޫދޫ އެއާޕޯޓު ކަމަށާއި ހދ. މަކުނުދޫގައި އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއުގެ މަސައްކަތް އަދި ފެށުނީ ކަމަށް، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ)ގެ މެނޭޖިން ޑިރެކްޓަރު އަޙްމަދު ސައުދީ މިއަދު ވިދާޅުވެއްޖެއެވެ.

ޓީވީއެމާއި ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭ "އަހާށޭ ބުނާނަން" ސިލްސިލާގެ މިއަދުގެ ޕްރޮގުރާމުގައި ވާހަކަ ދައްކަވަމުން ސައުދީ ވިދާޅުވީ އެމްޓީސީސީން މިހާރު ތަރައްގީކުރާ އެއާޕޯޓުތަކުގެ ތެރެއިން އެންމެ އަވަހަށް ނިމޭނީ މަގޫދޫ އެއާޕޯޓުގެ ކަމަށެވެ.

"މަކުނުދޫ އެއާޕޯޓު ދެން ގާތްގަނޑަކަށް އެ އޮތީ ވަރަށް އާލީ ސްޓޭޖެއްގައި" ސައުދީ ވިދާޅުވިއެވެ.

ސައުދީ ވިދާޅުވީ ރ. އަލިފުށީ އެއާޕޯޓުގެ ރަންވޭ ބޮޑުކުރަން ޖެހޭތީ އެ ތަނުގައި ބިން ހިއްކަން އެބަޖެހޭ ކަމަށެވެ.

އޭގެ އިތުރުން ތ. ގުރައިދޫގައި އެއާޕޯޓު ތަރައްގީކުރަން ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ގާތްގަނޑަކަށް ނިމިފައިވާކަން ފާހަގަކުރައްވައި ސައުދީ ވިދާޅުވީ އެމްޓީސީސީއާ ބެހޭ މަސައްކަތްތައް ގާތްގަނޑަކަށް ނިމިފައިވާ ކަމަށާއި ދެން ހުރި މަސައްކަތްތައް އެއާޕޯޓުތަކާ ބެހޭ ކުންފުނި އެމްއޭސީއެލުން ކުރިއަށް ގެންދާނެ ކަމަށެވެ.

"އެހެންވީމާ މިހާރު މަސައްކަތުގެ ޕްރޮގްރެސް ހުރި ގޮތަށް ބަލާ ކަމަށް ވަންޏާ ފ. މަގޫދޫ އެއާޕޯޓު އެންމެ އަވަހަށް ނިމޭނީ،" އޭނާ ވިދާޅުވިއެވެ.

މަގޫދޫ އެއާޕޯޓު މަޝްރޫއަަކީ ގާތްގަނޑަކަށް 232 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެކެވެ.

ކުރީ ސަރުކާރުން މަގޫދޫ އެއާޕޯޓު ތަރައްގީކުރުމަށް ނިންމައިފައިވަނީ ޖެޓްތައް ޕާކް ކުރެވޭނެ އިތުރު ޕާކިން ސަރަޙައްދަކާއި ވީއައިޕީ ޓާމިނަލެއް ހިމެނޭ ގޮތަށެވެ. އަދި، އެ ތަނަށް ޖައްސާ ބޯޓުފަހަރަށް ތެޔޮއެޅޭނެ ފިއުލް ފާމެއް އެއާޕޯޓުގައި ގާއިމުކޮށް ޖެޓުތަކުގެ ފަޅުވެރިންނަށް މަޑުކުރެވޭނެ ހޮޓަލެއް ވެސް ތަރައްގީކުރާނެއެވެ.

ފާހަގަކުރެވޭ ގޮތުގައި މަގޫދޫ އެއާޕޯޓުގެ މަސައްކަތް މިދިޔަ އަހަރުގެ މާރިޗު މަހު ހުއްޓައިލުމަށް ފަހު ހަމަ އެ އަހަރުގެ ޖުލައި މަހު ވަނީ އަލުން ފަށައިފައެވެ.

އެހެން ރަށްރަށާ އެކަހެރިކޮށް އޮންނަ މަކުނުދުއަށް ބަލާއިރު، އެ ރަށުގައި އެއާޕޯޓެއް ތަރައްގީކުރައްވާނެ ކަމަށް، މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ ފަހުކޮޅު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވެއެވެ.

comment ކޮމެންޓް