ވިހެއުމަށްފަހު ހަށިގަނޑަށް އައި ބަދަލުތަކާއެކު ސޯޝަލް މީޑިއާގައި ކުރިމަތިވި މަލާމާތްތަކާއި ފާޑުކިއުންތަކަށްފަހު، ބޮލީވުޑްގެ މަޝްހޫރު ތަރި ކެޓްރީނާ ކައިފު ވަނީ އެކަމާމެދު ހިމޭނުން ނުހުރެ، ބަތަލާއަށް ފާޑުކިޔުނު މީހުންނަށް ވަރަށް ފުރިހަމަ އަދި ޢިބުރަތްތެރި މެސެޖެއް ދީފައެވެ.
އިނގިރޭސިވިލާތުގެ ލަންޑަނުގައި ބޭއްވި އޭނާގެ އަމިއްލަ ކޮސްމެޓިކް ބްރޭންޑް 'ކޭ ބިއުޓީ'ގެ ހަރަކާތެއްގައި ވާހަކަދައްކަމުން ކެޓްރީނާ ފާހަގަކުރީ، އިންޓަނެޓުގައި މީހުން ފާޅުކުރާ ނުރަނގަޅު ޚިޔާލުތަކުގެ ސަބަބުން، އަމިއްލަ ނަފުސުގެ އަގު ވަޒަންކުރުމަށް އެއްވެސް ބުރުލެއް އަރައިގެން ނުވާނެ ކަމަށެވެ.
އަލަތު ދަރިފުޅު ވިހެއުމަށްފަހު، ފިރިމީހާ ވިކީ ކޯޝަލްއާއެކު އޭނާ އާންމުންގެ ތެރެއަށް ފުރަތަމަ ފަހަރަށް ނުކުތް ހަފުލާގެ ފޮޓޯތަކާއި ވީޑިއޯތައް އާންމުވުމާއެކު، އޭނާގެ ހަށިގަނޑުގެ ބަރުދަނަށް އައި ބަދަލުތަކަށް އަމާޒުކޮށް ގިނަ ބަޔަކު ވަނީ ފާޑުކިޔައި މަލާމާތްކޮށްފައެވެ. ނަމަވެސް، އޭނާއަށް ތާއީދުކުރާ ފަރާތްތަކުން ވަނީ އެކަން ކުށްވެރިކޮށް، ދަރިމައިވުމަށްފަހު އަންހެނެއްގެ ހަށިގަނޑަށް އަންނަނީ ތަބީއީ ބަދަލުތަކެއްކަން ފާހަގަކޮށް އޭނާގެ ދިފާޢުގައި އަޑުއުފުލާފައެވެ.
މިކަމާ ގުޅިގެން ކެޓްރީނާ ބުނީ، މީސްމީޑިއާގައި އެކި މީހުން ދެކޭ ގޮތްތަކަށް ތަބާވާން އުޅުމަކީ އަމިއްލަ ދިރިއުޅުމުގެ ކަންކަމުގައި ކުރިއަށްދިއުމަށް އެޅޭ ވަރަށް ބޮޑު ހުރަހެއް ކަމަށެވެ.
"އަހަންނަށް އަމާޒުވާ ކޮންމެ ފާޑުކިޔުމަކަށް ބަލައިގެން އުޅެން ފަށައިފިނަމަ، އަހަރެންގެ ދިރިއުޅުން ހުއްޓުމަކަށް އަންނާނެ. އަދި ދިރިއުޅުމުގެ އެއްވެސް މައިދާނެއްގައި ކުރިއަކަށް ނުދެވޭނެ. ބައެއް ފަހަރު މުޅި ދުނިޔެ ތިބާގެ ކާމިޔާބީ ފާހަގަކުރާނެ، އަނެއްބައި ފަހަރު އަމިއްލަ ނަފުސަށް ހިތްވަރުދޭން ހުންނަ ހަމައެކަނި މީހަކަށް ވާންޖެހޭނީ ވެސް ޚުދު އަމިއްލަ މީހާ،" ކެޓްރީނާ ބުންޏެވެ.
އިނގިރޭސިވިލާތުގެ ލަންޑަނުގައި ބޭއްވި ކެޓްރީނާގެ އަމިއްލަ ކޮސްމެޓިކް ބްރޭންޑް 'ކޭ ބިއުޓީ'ގެ ހަރަކާތެއްގައި ބަތަލާ ވާހަކަދައްކަނީ--ފޮޓޯ/އިންޑިއަންއެކްސްޕްރެސްއަމިއްލަ ބްރޭންޑުގެ ޝިއާރަށް އަލިއަޅުވާލައި ކެޓްރީނާ ބުނީ، ދިރިއުޅުމުގެ އެކި މަރުހަލާތަކުގައި ހަށިގަނޑަށާއި ނަފުސަށް އަންނަ ބަދަލުތައް ހިތްހަމަޖެހުމާއެކު ބަލައިގަންނަންޖެހޭ ކަމަށެވެ. އަދި ކޮންމެ ދުވަހަކީ އެންމެ ފުރިހަމަ ދުވަހަށް ނުވި ނަމަވެސް، އަމިއްލަ ނަފުސާމެދު ފަޚުރުވެރިވުމަކީ ނުހަނު މުހިންމު ކަމެއް ކަމަށް އޭނާ ބުންޏެވެ. ކެޓްރީނާގެ ބްރޭންޑުގެ މައިގަނޑު ޝިއާރަކީ "އަމިއްލަ ގޮތުގައި ހުރުމަކީ މައްސަލައެއް ނޫން" މިއެވެ.
މި މައްސަލައިގައި ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ސަލްމާން ޚާންވެސް ވަނީ ކެޓްރީނާގެ ދިފާއުގައި ވާހަކަދައްކާފައެވެ. ކަލަސްއިން ގެނެސްދޭ 'ބިގް ބޮސް'ގެ އެޕިސޯޑެއްގައި، ސީދާ ނަން ހާމަނުކުރި ނަމަވެސް، ވިހެއުމަށްފަހު އަންހެނުންގެ ބަރުދަން އިތުރުވުމަކީ ތަބީއީ ކަމެއްކަން ފާހަގަކޮށް، އެފަދަ ކަންކަމަށް މަލާމާތްކުރާ މީހުންނަށް ސަލްމާން ވަނީ ފާޑުކިޔާފައެވެ.
ކައިވެންޏަށްފަހު ފިލްމީ މަސައްކަތްތަކާއި ވަރަށް ބޮޑަށް ދުރުގައި އުޅެމުން އަންނަ ބަތަލާ އެންމެފަހުން ބެލުންތެރިންނަށް ފެނިފައިވަނީ 2024 ވަނަ އަހަރު ރިލީޒްކުރި ފިލްމު "މެރީ ކްރިސްމަސް"އިންނެވެ.